ރާއްޖޭން ބޭރުގެ ގައުމުތަކަށް ދައްކަންޖެހޭ ދަރަނީގެ އަދަދު ބޮޑުވެފައިވާތީއާއި އަދި މާލީ ބާޒާރުތައް ތާށިވެފައިވުމުގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތަށް ނުރައްކާތެއް ކުރިމަތިވެފައިވާ ކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.
ވޯލްޑް ބޭންކުން އިއްޔެ ނެރުނު މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް (އެމްޑީޔޫ) ރިޕޯޓުގައި ބުނެފައިވާ ގޮތުން، ރާއްޖޭގެ އިގުތިސޯދީ ކުރިއެރުން ރަނގަޅު މިންވަރެއްގައި ދެމެހެއްޓޭނެ ކަމަށް އަންދާޒާކުރެވެއެވެ. އެގޮތަށް އަންދާޒާކުރީ ޓޫރިޒަމްގެ ސިނާއަތް ރަނގަޅުވުމުންނާއި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ހަރަދުކުރުމުގެ ސަބަބުން އަދި އަމިއްލަ ފަރާތްތަކުން ތަކެތި ގަންނަ މިންވަރު އިތުރުވުމުން ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ.
"ނަމަވެސް ބޭރުން ކުރިމަތިވާ ލޮޅުންތަކާއި މާލީ ނިޒާމުގެ ނާޒުކަމުގެ ސަބަބުން އިގުތިސޯދީ ކުރިއެރުމަށް ބޮޑެތި ހިރާސްތަކެއް ކުރިމަތިވެފައިވެއެވެ. އޭގެ ތެރޭގައި ބޭރުން އަގު ބޮޑުކޮށް ދަރަންޏަށް ފައިސާ ނެގުމާއި ނާޒަކު ދުނިޔޭގެ ހާލަތު ހިމެނެއެވެ" ވޯލްޑް ބޭންކުގެ ރިޕޯޓުގައިވެއެވެ.
ވޯލްޑް ބޭންކުން އަންދާޒާ ކޮށްފައިވާ ގޮތުން، މި އަހަރު ރާއްޖޭގެ އިންފްލޭޝަން 6.6 ޕަސަންޓަށް އުފުލޭނެއެވެ. އެ އަންދާޒާގެ މައިގަނޑު ސަބަބަކީ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ)ގެ ރޭޓުތައް ބޮޑުވުމާއި ތެލާއި ކާބޯތަކެތީގެ ބާވަތްތަކަށް ސަރުކާރުން ސަބްސިޑީ ދިން ނަމަވެސް، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތަކަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން އޭގެ އަސަރު ގޭބިސީތަކަށް ކުރުމެވެ. ނަމަވެސް، ތެލުގެ އަގު ދަށްވާނެ ކަމަށް އަންދާޒާ ކުރެވޭތީ، މެދުރާސްތާގައި އިންފްލޭޝަން 2.5 ޕަސެންޓަށް ދަށަށް ދާނެ ކަމަށް ބެލެވޭ ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ.
ވޯލްޑް ބޭންކުން ބުނީ، އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށް ހަރަދުކުރަން ރާވާފައިވުމުގެ ސަބަބުން ބަޖެޓުގެ ދަރަނި މަތިވާނެ ކަމަށާއި ވަކި ފަރާތެއް އިސްތިސްނާ ކުރުމެއް ނެތި އެންމެންނަށް ސަބްސިޑީ ދިނުމާއި ގެއްލުމުގައި ހިންގާ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ފައިސާ ދިނުމާއި މަޝްރޫއުތަކަށް ކުރާ ހޭދަ ބޮޑުވުމާއި އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅޭ ހަރަދުތަކުގެ ސަބަބުން ސަރުކާރުގެ މާލިއްޔަތަށް އިތުރު ހީނަރުކަމެއް އަންނާނެ ކަމަށެވެ.
"މުޅި މާލިއްޔަތަށް ކުރިމަތިވާ ބުރަ ކުޑަކުރުމަށް ސަބްސިޑީތައް ކުޑަކޮށް އަދި ދޭ ގޮތް ބަދަލުކުރަންޖެހެއެވެ. އިގުތިސާދުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ދައުލަތުގެ މާލިއްޔަތުން ހަރަދުކުރެވޭނެ ނިޒާމެއް ބޭނުންވެއެވެ. ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް މި އަހަރުގެ ތެރޭގައި ފިޔަވަޅުތަކެއް އެޅުމަށްފަހު އިތުރު ކަންކަމާމެދު ވިސްނަމުން ދިޔަޔަސް، މިއީ މާނަ ހުރި ގޮތެއްގައި މާލީ ރައްކާތެރިކަން ހޯދުމަށް ފުދޭ ވަރުގެ މަސައްކަތްތަކަކަށް ނުވެދާނެއެވެ' ވޯލްޑް ބޭންކުން ބުންޏެވެ.
ރާއްޖޭގެ އިގުތިސޯދު ޓޫރިޒަމަށް ބަރޯސާވުން ކުޑަކޮށް އިގުތިސޯދު ޑައިވާސިފައި ކުރުމަކީ މުހިންމު ކަމެއްކަން ފާހަގަކޮށް ވޯލްޑް ބޭންކުން ބުނީ، އިގުތިސާދީ ދާއިރާތަކުގެ ބޮޑު ބައެއްގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބޮޑު ދައުރެއް އަދާކުރުމުގެ ސަބަބުން، އަމިއްލަ ވިޔަފާރިތަކުގެ ކުރިއެރުމަށް ހުރަސްއެޅޭ ކަމަށެވެ.