ޚަބަރު

އެސްޓީއޯގެ އެމްޑީއަކަށް ކޮށީގެ ސައީދު އައްޔަންކޮށްފި

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަބްދުﷲ ސައީދު (ކޮށީގޭ ސައީދު) އައްޔަނުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، މޯލްޑިވްސް ސްޓޭޓް ޝިޕިން ކުންފުނީގެ ވެސް އެމްޑީއަކަށް މިހާތަނަށް ހުންނެވި ސައީދާ، ލިޔުން ހަވާލުކުރެއްވީ ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް އާސިމް މުހައްމަދެވެ.

އެސްޓީއޯގެ ހިންގުން ސައީދާ ހަވާލުކުރަން ނިންމީ، އެ މަގާމުގައި ހުންނެވި ހުސެއިން އަމްރު މިިދިޔަ މަހުގެ ފަހުކޮޅު ވަކިކުރެއްވުމަށް ފަހުއެވެ.

ރައީސް އޮފީހުން ބުނިގޮތުގައި އަމްރު މަގާމުން ވަކިކުރެއްވީ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރަން ގެންނަ ބަދަލުތަކުގެ ތެރެއިންނެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރަކަށް މިއަދު އައްޔަނުކުރެއްވި ސައީދަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ކެބިނެޓް ސެކްރެޓަރީގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާއާ ހަވާލުކުރެއްވީ ސިންގަޕޫރުގައި ހުންނަ މޯލްޑިވްސް ނޭޝަނަލް ޝިޕިން ލިމިޓެޑް (އެމްއެންސީއެލް) އޮފީސް ހިންގެވުމެވެ. އެ އޮފީސް ބަންދުކުރަންދެން ސައީދު ހުންނެވީ އެ ތަނުގެ ޑިރެކްޓަރުގެ މަގާމުގައެވެ. އޭގެ ކުރިން އޭނާ ވަނީ ސިންގަޕޫރުގައިވެސް ހުންނަ މޯލްޑިވްސް ނޭޝަނަލް އޮއިލް ކޮމްޕެނީ (އެމްއެންއޯސީ)ގެ ޗެއާމަންގެ މަގާމު ވެސް ފުރުއްވައިފައެވެ.