ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

ރަމަޟާން ކްރިކެޓް ކާނިވަލުގެ ޗެމްޕިއަންކަން އާކަށް

2

ރަމަޟާން މަހާ ދިމާކޮށް ކްރިކެޓް ބޯޑު އޮފް މޯލްޑިވްސްއިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދިޔަ ރަމަޟާން ކްރިކެޓް ކާނިވަލްގެ އޯޕަން ޓޭޕްބޯލްގެ މިއަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން އާކުން ހޯދައިފިއެވެ.

ޖުމުލަ 12 ޓީމަކުން ވާދަކުރި މިފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން އާކުން މިއަދު ހޯދީ އެކުވެނި ކްރިކެޓް ގަރައުންޑްގައި ކުޅުނު ފައިނަލް މެޗުގައި ހަ ލަނޑުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ބަލިކޮށްގެންނެވެ.

މިއަދު ކުޅެވިގެން ދިޔަ ފޯރިގަދަ ފައިނަލް މެޗުގައި އާކުން ފުރަތަމަ ކުޅެން ނުކުމެ، އަށް އޯވަރު ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން ވަނީ 131 ލަނޑު ހަދައިފައެވެ. އާކަށް ފުރަތަމަ ބެޓް ކުރަން ނުކުތް ލީމް ޝަފީގާއި އިބްރާހީމް ހުސައިން ރަނގަޅަށް ކުޅެފައިވާ އިރު، ލީމް ވަނީ 35 ލަނޑު ހަދައިފައެވެ. އިބްރާހީމް ހުސައިން ވަނީ 33 ލަނޑު ހަދައިފައެވެ.

އެމްއޭސީއެލްއަށް މެޗުގައި އެންމެ ރަނގަޅަށް އުކި ކުޅުންތެރިޔަކީ އަބަދަށްފެހި އިސްމާއީލް އަނިލްއެވެ. އަނިލް ވަނީ ދެ ވިކެޓް ނަގައިފައެވެ.

އެމްއޭސީއެލްއިން ބަދަލުގައި ކުޅެން އަރައި ފެށުން ރަނގަޅު ކުރިއެވެ. އިސްމާއީލް އަލީ 31 ލަނޑު ހެދި އިރު، އަމީލް އަހުމަދު މައުރޫފް ވަނީ 36 ލަނޑު ހަދައިފައެވެ. އަދި އޭގެ ފަހުން ބެޓިންނަށް ނުކުތް ސާފީ ވަނީ 10 ބޯޅައިން 34 ލަނޑު ހަދައި، އެމްއޭސީއެލްއަށް ފުރުސަތު ފަހިކޮށްދީފައެވެ.

އާކުގެ ފަހު 19 ބޯޅައިން އެމްއޭސީއެލްއަށް މެޗު ކާމިޔާބުކުރަން 22 ލަނޑު ބޭނުންވެފައި ވަނިކޮށް، އާކުން އުކުން ރަނގަޅުކޮށް ފަހު ބޯޅައިގައި މޮޅު ހޯދިއެވެ. އެންމެ ފަހު ބޯޅައިންވެސް އެމްއޭސީއެލްއަށް މެޗު ކާމިޔާބުކުރުމުގެ ފުރުސަތު އޮތް އިރު، ފައިނަލް މެޗު ނިމިގެން ދިޔައީ ފޯރިގަދަ ކޮށެވެ.

މުބާރާތުގެ އެންމެ މޮޅަށް ބެޓްކުރި ކުޅުންތެރިޔަކީ އަމީލް މައުރޫފެވެ. އޭނާ ވަނީ ޖުމުލަ 157 ލަނޑު ހަދައިފައެވެ. އެންމެ މޮޅަށް އުކި ކުޅުންތެރިޔަކީ ފަސް ވިކެޓް ނެގި މުހައްމަދު މަފާޒެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ މީޓިއޯސްގެ އިބްރާހީމް އަލީއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟