ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އިން އިންތިޒާމުކޮށްގެން ކުރިއަށްދާ މައިލޯ ރަމަޟާން ކްރިކެޓް ކާނިވަލްގެ މާލޭ މުބާރާތްތަކުގެ ތެރެއިން އޯޕަން ޓޭޕްބޯލް މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުތައް ޓީއެފްޓީއާއި އޭވިއާ މޯލްޑިވްސްއިން ކާމިޔާބު ކޮށްފިއެވެ.
މިއަހަރު ކްރިކެޓް ކާނިވަލްގެ ހަރަކާތްތައް މާލޭގެ އިތުރުން ލ. ކުނަހަންދުއާއި ފުވައްމުލައް ސިޓީގައިވެސް ކުރިއަށް ގެންދަން ރާވާފައިވާ އިރު، އެންމެ ފުރަތަމަ ކުރިއަށް ދަނީ މާލޭގެ އޯޕަން ބައިގެ މުބާރާތެވެ. ބުރާސްފަތި ދުވަހު ފެށި މުބާރާތް ކުރިއަށް ދާނީ އަންނަ މަހު ތިންވަނަ ދުވަހާ ހަމައަށެވެ.
އޯޕަން ބައިގައި 13 ޓީމަކުން ވާދަކުރާ އިރު، ގްރޫޕް އޭގައު ހިމެނެނީ ކަރުދާސް ކޭކޭ، ޑީއެސްސީ، ކިންޒާ ކެފޭ، ސަންކުއިކް ލިލީއެވެ. ގްރޫޕް ބީގައި ހިމެނެނީ ޕޮލިސް ކްލަބާއި ޓީއެފްޓީ، އޭވިއާ މޯލްޑިވްސް އަދި ފިނޮޅެވެ.
ގްރޫޕް ސީގައި ހިމެނެނީ ހަފްލާން، އޮފު އެފްސީ، މެރީ ކޯނާ، ނާލި އަދި މީޓިއޯސްއެވެ.
އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ޓީއެފްޓީން ޕޮލިސް ބަލިކުރީ 65 ލަނޑުންނެވެ.
ޕޮލިހަށް ޓޮސް ދިމާވުމުން ހޮވަން ނިންމި އިރު، ޓީއެފްޓީން ކުޅެން އަރައި، އަށް އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން 150 ލަނޑު ހެދިއެވެ. އެންމެ ގިނައިން ލަނޑު ހަދައިދިނީ 10 ބޯޅައިން 35 ލަނޑު ހެދި އާދަމް ނާސިފާއި 13 ބޯޅައިން 32 ލަނޑު ހެދި، އަބްދުﷲ ޝައްފާން (ޝާކާ) އެވެ.
ބަދަލުގައި ކުޅެން އަރައި ޕޮލިހަށް އަށް އޯވަރުން ހަތަރު ކުޅުންތެރިން ނުބައިވެގެން ހެދުނީ 85 ލަނޑެވެ.
ދެން އިއްޔެ ކުޅުނު މެޗުގައި އޭވިއާއިން ފިނޮޅު ބަލިކުރީ އެންމެ ފަހު ބޯޅައިގައި ޓާގެޓަށް ވާސިލްވެގެންނެވެ.
ޓޮސް ދިމާވުމުން އޭވިއާއިން ހޮވަން ނިންމާފައިވާ އިރު، ފިނޮޅުން ކުޅެން އަރައި، އަށް އޯވަރުން ތިން ކުޅުންތެރިން ނުބައިވެގެން 124 ލަނޑު ހެދިއެވެ. އެންމެ މޮޅަށް ކުޅުނީ 10 ބޯޅައިން 26 ލަނޑު ހެދި ހުސައިން ރިމާޒެވެ.
ބަދަލުގައި ކުޅެން އަރައި އޭވިއާއިން ފަހު ބޯޅައިން މޮޅުވީ އަށް އޯވަރުން ތިން ކުޅުންތެރިން ނުބައިވެގެން 128 ލަނޑު ހަދައިގެންނެވެ. އެންމެ މޮޅަށް ކުޅުނީ ފަހު ހަތަރު ޕޮއިންޓްވެސް ހޯދައި، ނުބައި ނުވެ މެޗު ނިންމާލި ޔާސީން އަހުމަދެވެ. އޭނާ ވަނީ އަށް ބޯޅައިން 24 ރަން ހަދައިފައެވެ.
ކްރިކެޓް
ކްރިކެޓް
ކްރިކެޓް
ކްރިކެޓް