ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ވަޒީރުންނާ ސުވާލުކުރެއްވުމަށް ނިންމެވުމަށްފަހު، އެކަން އަނބުރާ ނުގެންދެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މެންބަރުންގެ ކިބައިން އެދިވަޑައިގެންފިއެވެ.
މި ރަމަޟާން މަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް މަޖިލީހުގެ ޖަލްސާގެ ރިޔާސަތަށް މިއަދު ވަޑައިގެން މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް މިހެން ވިދާޅުވީ، ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުالله، ހޯމް މިނިސްޓަރު އިމްރާން އަބްދުالله އާ ސުވާލު ކުރެއްވުމަށް މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި ވަނިކޮށް، ރޭގެ ވަގުތެއްގައި އެ މެމްބަރުގެ ސުވާލު އަނބުރާ ގެންދިއުމުންނެވެ.
މަޖިލިސް ރައީސް ވިދާޅުވީ، ވަޒީރުންނާ ސުވާލުކުރުމުގެ ވަރަށް ދިގު ލިސްޓެއް އެބަ އޮތް ކަމަށާއި 20 ވަޒީރަކާ ސުވާލުކުރަން މިހާރުވެސް މެންބަރުން އެދިވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް ވަޒީރާ ސުވާލުކުރުމަށް މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި ވަނިކޮށް މެމްބަރު ނަޝީދު ރޭގެ ވަގުތެއްގައި ސުވާލު އަނބުރާ ގެންދަވާފައިވާއިރު، މީގެ ކުރިންވެސް އެ މެންބަރު ކަންތައް ކުރައްވާފައިވަނީ އެގޮތަށް ކަަމަށް ވިދާޅުވިއެވެ.
މެމްބަރު އެހެން ހެއްދެވުމުން ކިޔުގައި އޮވެމެ، މިނިސްޓަރުންނާ ސުވާލު ކުރެއްވުމަށް އެދިވަޑައިގެން ތިއްބެވި އެހެން މެންބަރުންނަށް ސުވާލުކުރުމުގެ ފުރުސަތު ގެއްލިގެންދާ ކަމަށާއި އެހެންކަމުން މެންބަރުން އެގޮތަށް ކަންތައް ނުކުރެއްވުމަށާއި އެގޮތަށް ސުވާލު އަނބުރާ ގެންދަވާ މައްސަލައިގައި ކަންކުރާނެ ގޮތެއް މެންބަރުން ނިންމަވައިދެއްވުމަށްވެސް މަޖިލިސް ރައީސް އެދިވަޑައިގެންނެވިއެވެ.
ޚަބަރު
ޚަބަރު