ދެ ފައިގެ ކަށިމަތީގައިގައި ރަންތަކެއް ބަނދެގެން އެތަކެތި ވަގަށް ރާއްޖެއަށް އެތެރެކުރަން އުޅުނު މީހަކު 120،000 ރުފިޔާއިން ޖޫރިމަނާކުރަން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި ހުކުމްކޮށްފައިވަނީ، އިންޑިއާގެ ރައްޔިތެއް ކަމަށްވާ ހާރިފް މެލަޑެތު އަބޫބަކޭރު އަށެވެ.

ޕީޖީ އޮފީހުން އޭނާގެ މައްޗަށް ދައުވާކުރީ، 2022 ޖޫން 11 ވަނަ ދުވަހު ވައިގެމަގުން އޭނާ ރާއްޖެ އައިއިރު، އޭނާގެ ހަރަކާތްތައް ހުރިގޮތުން ކަސްޓަމްސް އޮފިސަރުންނަށް ޝައްކު ކުރެވިގެން އޭނާގެ ހަށިގަނޑު ސްކޭން ކުރިއިރު، ހަށިގަނޑުގައި އެއްޗެހިތަކެއް ފޮރުވާފައި ހުރިހަކަމަށް ފާހަގަ ވެގެން، އޭނާގެ ހަށިގަނޑު ބަލައި ފާސްކުރިއިރު ދެފައިގެ ކަށިމަތީގައި މާސްކިންޓޭޕް އޮޅައި ތަތް ކޮށްފައިވާ ދެކިލޯއަށްވުރެ ބަރުދަންހުރި ރަން ކަސްޓަމްސް ގާނޫނާ ހިލާފަށް ރާއްޖެ އެތެރެކުރަން އުޅެގެންނެވެ.

އެ މައްސަލައުިގައި އޭނާގެ މައްޗަށް ކޮށްފައި ވަނީ ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރުމުގެ ކުށުގެ ދައުވާއެވެ.

މި ކުށުގެ އަދަބަކީ ހަ މަސް ދުވަހާއި ދެ އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ 10،000 ރުފިޔާ އާއި، 240،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރުމެވެ.

ދައުވާއަށް ޖަވާބުދާރީވަމުން އޭނާވަނީ އެކަން ކުރިމަށް ކޯޓުގައި އެއްބަސްވެފައެވެ. ނަމަވެސް އޭނާ ރަން ގެނައީ ސިއްރުން ނޫން ކަމަވެސް ބުންޏެވެ. އަދި އެއީ ކުށެއްކަން ނޭނގޭ ކަމަށްވެސް ބުންޏެވެ.

އެހެންކަމުން ދައުވާއަށް އޭނާ އިންކާރު ކުރިކަމަށް ބަލައި މި މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންގޮސް، ހުލާސާ ބަޔާނާ ހަމައިން އޭނާ ވަނީ ކުށަށް އިއުތިރާފުވެ، ދައުލަތާއެކު އިއުތިރާފު އެއްބަސްވުމެއް ހަދައިފައެވެ.

އޭނާގެ އިއުތިރާފަށް ރިއާޔަތްކޮށް 120،000 ރުފިޔާއިން ޖޫރިމަނާ ކޮށް، އެ ފައިސާ ރަސްމީ ބަންދު ނޫން ހަތަރު ދުވަސް ތެރޭގައި މީރާއަށް ދެއްކުމަށް ކުރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.