ބަޔާން މިއުނިކާ އަލަށް ހަވާލުވި ކޯޗު ޖަރުމަނުގެ ތޯމަން ޓުޗެލްގެ އިރުޝާދުގެ ދަށުން ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ވާދަވެރި ބްރޫޝިއާ ޑޯޓުމަންޑް ބަލިކޮށްފިއެވެ.
ޖަރުމަނުގެ އެންމެ ވާދަވެރި ދެ ކްލަބުގެ ކުރިމަތިލުން ކަމަށްވާ "ޑަ ކްލާސިކާ"ގައި ރޭ ބަޔާންއިން އަމިއްލަ ދަނޑުގައި ޑޯޓުމަންޑް ބަލިކުރީ 4-1 ގެ ނަތީޖާއަކުންނެވެ. ބަޔާންއިން މިހާތަނަށް ލީގުގައި ކުޅުނު 26 މެޗުން އެޓީމު 55 ޕޮއިންޓް ހޯދާފައިވާ އިރު، ޑޯޓުމަންޑަށް އެ އަދަދަށް މެޗު ކުޅެގެން ލިބިފައި ވަނީ 53 ޕޮއިންޓެވެ.
މި ސީޒަނުގެ ކުރީކޮޅުގައި ޗެލްސީން ބޭރުކޮށްލި ކޯޗު ޓުޗެލް ބަޔާންއާ ހަވާލުވީ މިދިޔަ ހަފުތާގެ ތެރޭގައެވެ. ބަޔާންއިން ޓުޗެލްއާ ޓީމުގެ ކޯޗުކަން ހަވާލުކުރީ އެޓީމަށް އިރުޝާދު ދެމުންދިޔަ ޖޫލިއަން ނާގެލްސްމަން މަގާމުން ވަކިކޮށްފައެވެ. ބަޔާންގެ ކޯޗުކަމުގެ މަގާމާ 2021 ވަނަ އަހަރު ހަވާލުވި އުމުރުން 35 އަހަރުގެ ނާގެލްސްމަން މަގާމުން ވަކިކުރީ ނަތީޖާތައް އެހާ ގޯސްވެގެން ނޫނެވެ. ކްލަބުން ބުނީ ޓީމުގެ ކުޅުމުގެ ސްޓައިލާއި، ދުރު ރާސްތާ ޕްލޭނަށް ވިސްނާ އިރު، ޓުޗެލް ކަހަލަ އެލީޓް ކޯޗެއް ކްލަބަށް ބޭނުންވާ ކަމަށެވެ.
ރޭގެ މެޗުގެ ފުރަތަމަ 23 ވަރަކަށް މިނެޓް ތެރޭގައި ބަޔާންއިން ވަނީ ތިން ގޯލުގެ ލީޑެއް ނަގައިފައެވެ. 13 ވަނަ މިނެޓުގައި ބަޔާންއިން މެޗުގެ ލީޑު ނެގީ ޑޯޓުމަންޑްގެ ގޯލްކީޕަރު ގްރެގާ ކޮބެލްގެ ބޮޑު ގޯހަކުންނެވެ. ބަޔާންގެ ޑިފެންޑަރު ޑަޔޮޓް އުޕަމެކާނޯ ފަހަތުން ކުޅުނު ދިގު ބޯޅައެއް ޑޯޓުމަންޑް ގޯލަށް ވަނީ ގޯލްކީޕަރު ކޮބެލްގެ ފައިގައި ބޯޅަ ލައްވައިނުލައިގެން ގޮހެވެ.
އެ ގޯލަށްފަހު ފުލުފުލުގައި ތޯމަސް މުލާ ބަޔާންއަށް ދެ ގޯލު ޖަހައިދިން އިރު، ދެވަނަ ހާފަށް ނުކުމެ ފުރަތަމަ ފަސް ވަރަކަށް މިނެޓުގައ ކިންގްސްލީ ކޯމަން ވަނީ ބަޔާންގެ ލީޑު ފުޅާކޮށްދީފައެވެ.
ރޭގެ މެޗުގައި ޑޯޓުމަންޑްގެ ގޯލުތައް ޖަހައިދިނީ އެމްރޭ ޗޭންއާއި ޑޮންޔެލް މާލެންއެވެ. ޗޭން ޖެހި ގޯލަކީ ޕެނަލްޓީގައި ޖެހި ގޯލެކެވެ.
ރޭގެ މެޗުގައި ޑޯޓުމަންޑް ބަލިވީ ލީގުގައި ބަލިނުވެ 10 މެޗު ހަމަކުރުމަށްފަހުއެވެ. ރޭގެ ބައްޔަކީ ޑޯޓުމަންޑަށް ލީގުގައި މިއަހަރު ކުރިމަތިލާން ޖެހުނު ފުރަތަމަ ބަލިވެސް މެއެވެ.
ބަޔާން މިއުނިކް
ބަޔާން މިއުނިކް
ބަޔާން މިއުނިކް
ބަޔާން މިއުނިކް