ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ރީބްރޭންޑުކޮށް، "އާބަންކޯ" ގެ ނަމަށް ބަދަލުކޮށްފިއެވެ.
އެ ކުންފުނި ރީބްރޭންޑު ކޮށްފައިވަނީ މިއަދު ފާހަގަކުރަމުން ގެންދާ އެ ކުންފުނީގެ 22 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެއާއެކު ހުޅުމާލޭގައި ހުންނަ އެ ކުންފުނީގެ އިމާރާތުގެ ނަމާއި ލޯގާ ވެސް ވަނީ "އާބަންކޯ" އަށް ބަދަލުކޮށްފައެވެ. އަދި އެ ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތައް ފަސޭހައިން ލިބޭނެ "އާބަންކޯ" މޯބައިލް އެޕްލިކޭޝަންވެސް ވަނީ ލޯންޗު ކޮށްފައެވެ.
އެޗްޑީސީން ބުނި ގޮތުގައި އެ ކުންފުނި ރީބްރޭންޑްކުރުމުގެ އަސްލެއް ކަމުގައި ބަލާފައި ވަނީ ރައްޔިތުން ދެކޭ ހުވަފެންތައް ހަގީގަތަކަށް ހަދައިދޭނެ ބައިވެރިއަކަށް އާބަންކޯ ހެދުން ކަމަށެވެ.
ކުންފުނީގެ އަމާޒަކީ މިހާރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައިވެސް ސަރުކާރުގެ ވިސްނުމާ އެއްގޮތަށް، ކައުންސިލްތަކާ ގުޅިގެން ގެނެވެން ހުރި ތަރައްގީގެ މަސައްކަތްތައް ބަލައި، ލިބިފައިވާ ތަޖުރިބާ އާއި ހޯދިފައިވާ ކާމިޔާބީތަކުގެ ބޭނުންކޮށް، ރައްޔިތުންނަށް ފައިދާ ހުރި ކަންތައްތައް ކުރުމަށް ކުންފުނި ފުޅާ ކުރުން ކަމުގައި އެ ކުންފުނިން ބުންޏެވެ.
މިއަދު އާބަންކޯއަށް ރީބްރޭންޑް ކުރި އެޗްޑީސީ، ރައީސް އޮފީހުގެ ޔުނިޓެއްގެ ގޮތުގައި އުފެއްދީ 2001 ވަނަ އަހަރުއެވެ. އޭގެ ފަހުން ހުޅުމާލެ ޑިވޮލޮޕްމެންޓު ކޯޕަރޭޝަންގެ ނަމުގައި ހިންގުމަށްފަހު، ފަހުން ކުންފުނި ހިންގާފައިވަނީ ހައުސިން ޑިވޮލޮޕްމެންޓު ކޯޕަރޭޝަން ނަމުގައެވެ.
ޚަބަރު
ޚަބަރު