އިނގިރޭސި ޕްރިމިއާ ލީގުގެ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓަމުން އަންނަ އާސެނަލްއިން މިރޭ ކުޅުނު މެޗުގައި 4-1 އިން ލީޑްސް ޔުނައިޓެޑް ބަލިކޮށްފިއެވެ.
މިރޭ އަމިއްލަ ދަނޑުގައި އާސެނަލުން ލީޑްސް ބަލިކޮށްފައިވާ އިރު، އެޓީމު މިވަގުތު ތާވަލުގެ އެއްވަނައިގައި އޮތީ އަށް ޕޮއިންޓްގެ ލީޑެއްގައެވެ. މިހާތަނަށް ލީގުގައި ކުޅުނު 29 މެޗުން 72 ޕޮއިންޓާއެކު އާސެނަލް އެއްވަނައިގައި އޮތް އިރު، ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް ލިބިފައި ވަނީ 28 މެޗުން 64 ޕޮއިންޓެވެ.
އާސެނަލް އަތުން މިރޭ ބަލިވި ލީޑްސް އޮތީ ތާވަލުގެ 16 ވަނައިގައެވެ. އެއީ 28 މެޗުން 26 ޕޮއިންޓް ހޯދައިގެންނެވެ. އެޓީމުން ރެލިގޭޝަނުގެ ބިރުގައި އޮތް އިރު، ލީޑްސްއާ އެންމެ ގާތުން ރެލިގޭޝަން ޒޯނުގައި އޮތް ލެސްޓާ ސިޓީއަށް 28 މެޗުން ލިބިފައި ވަނީ 25 ޕޮއިންޓެވެ. ލެސްޓާ އޮތީ މިވަގުތު ލީގު ތާވަލުގެ 18 ވަނައިގައެވެ.
މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި އާސެނަލުން ވަނީ ލީޑު ނަގައިފައެވެ. 35 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީގައި އާސެނަލަށް ލީޑު ނަގައިދިނީ ބްރެޒިލްގެ ފޯވަޑް ގެބްރިއަލް ޖީސަސްއެވެ. އާސެނަލަށް ރެފްރީ ދިން ޕެނަލްޓީއަކީ ލީޑްސްގެ ޑިފެންޑަރު ލޫކް އައިލިން އާސެނަލްގެ ޖީސަސްއަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ.
ޖީސަސް މިރޭ އާސެނަލަށް ގޯލު ޖަހައިދިނީ ގިނަ ދުވަސްތަކަކަށް ފަހުއެވެ. ޑިސެމްބަރު މަހު ގަތަރުގައި ނިމިދިޔަ ވޯލްޑް ކަޕް ތެރޭގައި ޖީސަސްއަށް ލިބުނު އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުރުމަށްފަހު، ފިޓްވެ އެނބުރި އައީ މީގެ ދެ ހަފުތާއެއް ކުރިންނެވެ. އޭގެ ކުރިން ރަނގަޅު ފޯމެއްގައި ހުރި ޖީސަސް، މިރޭގެ މެޗުގައި ޖެހި ގޯލަކީ މިދިޔަ އަހަރު އޮކްޓޯބަރު މަހު ފަހުން އާސެނަލަށް އޭނާ ޖަހައިދިން ފުރަތަމަ ގޯލެވެ.
މެޗުގެ ފުރަތަމަ ހާފުގައި ލީޑްސްއިންވެސް ވަނީ ގޯލަކަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ރަސްމުސް ކްރިންޓެންސަން އާއި ކްރައިސެންސިއޯ ސަމާވިލް އަދި ޖެކް ހެރިސަން އުފެއްދި ހަމަލާތައް ފާހަގަކުރެވުނެވެ. އެ ހަމަލާތަކުގެ ހުރަހަކަށްވީ އާސެނަލްގެ ގޯލްކީޕަރު އާރޮސް ރަމްސްޑޭލްއެވެ.
ލީޑްސްއިން ފުރަތަމަ ހާފު ނިންމާލީ ވަރުގަދަކޮށް ނަމަވެސް، އެޓީމަށް މެޗަށް އަނބުރާ ވަނުމަށް ފުރުސަތެއް ނުދީ އާސެނަލް ދެވަނަ ގޯލެއް ޖެހިއެވެ. ދެވަނަ ހާފު ފެށިގެން މެޗުގެ 47 ވަނަ މިނެޓުގައި އާސެނަލްގެ ދެވަނަ ގޯލު ޖެހީ ޑިފެންޑަރު ބެން ވައިޓެވެ. ވައިޓް ގޯލަށް ވައްދާލީ ގެބްރިއަލް މާޓިނެލީ ތިރިތިރިން ނަގައިދިން ހުރަހަކުންނެވެ.
އެ ގޯލަށް މާ ގިނައިރެއް ނުވެ، މޮޅަށް ކުޅެމުން ދިޔަ އާސެނަލުން ތިންވަނަ ގޯލެއްވެސް ޖެހިއެވެ. އެ ގޯލަކީވެސް ފުރަތަމަ ގޯލު ޖަހައިދިން ޖީސަސް ޖެހި ގޯލެކެވެ. އެ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ ލެއާންޑްރޯ ޓްރޮސާޑެވެ.
އާސެނަލުން މިރޭގެ މެޗަށް ނުކުތީ ފޯމުގައި ހުރި ވިންގް، ބުކަޔޯ ސަކާ ފުރަތަމަ 11 ގައި ނުހިމަނައެވެ. އެޓީމުން ދެވަނަ ހާފުގައި ސަކާ ކުޅެން ނެރެފައިވާ އިރު، މެޗުގެ ފަހު ކޮޅުގައި ސަކާގެ ނުރައްކާ ފެނިގެން ދިޔައެވެ.
ލީޑްސްއިން މެޗަށް އަނބުރާވަނުމަށް ކުރި މަސައްކަތުގައި ކްރިސްޓެންސެން ޖެހި ބޯޅައެއްގައި އެޓީމުން ގޯލެއް ޖެހިއެވެ. އެ ގޯލު އޮލެކްސެންޑާ ޒިނެޗެންކޯ ގައިގައި ޖެހި މިސްރާބު ބަދަލުވެގެން ވަން އިރު، އާސެނަލުން މެޗު ނިންމާލީ އިތުރު ގޯލެއްވެސް ޖަހައިގެންނެވެ. އެ ގޯލު ޖެހީ ގްރަނިޓް ޖަކާއެވެ. ޖަކާގެ ގޯލަކީ ބޮލުން ފޮނުވާލި ހަމަލާއެއްގައި ވައްދާލި ގޯލެކެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު