މިއަދު މާލެ އަށް ބޯކޮށް ވާރޭ ވެހި ފެން ބޮޑުވުމުގެ ސަބަބުން ބައެއް ފަރުނީޗަރާއި ހިފާ ގެންގުޅޭ ސާމާނަށް ގެއްލުން ލިބިގެން ތިން ގެއަކުން ރިޕޯޓު ކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީ(އެންޑީއެމްއޭ) އިން ބުނެފިއެވެ.

ވިއްސާރަ އާ ގުޅިގެން ޑިޒާސްޓާ މެނޭޖުމެންޓުން ކުރަމުންދާ މަސައްކަތުގެ ތަފުސީލު ހިއްސާ ކުރަމުން އެންޑީއެމްއޭ އިން ބުނީ މިއަދު ހެދުނު މާލެއަށް ބޯކޮށް ވާރޭވެހި ގޭގެއަށް ގެއްލުން ލިބެމުންދާކަމުގެ މައުލޫމާތު ލިބުމާއެކު އެމަޖެންސީ އޮޕަރޭޝަންގެ މަސައްކަތް އެ އޮތޯރިޓީން ފެށި ކަމަށެވެ.

އެގޮތުން ފެންބޮޑުވާ ސަރަހައްދުގައި ވެލި ބަސްތާ ޖެހުމަށާއި އާއްމު ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ސިޓީ ކައުންސިލަށް އެހީތެރިކަން ފޯރުކޮށްދިން ކަމަށާއި ބައެއް ގެތަކަށް ފެން ވަދެ ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ކުރިއަށްގެންދިޔަ ކަމަށް އެ އޮތޯރިޓީން ބުންޏެވެ. އަދި ތިން ގެއަކަށް ފެންވަދެ، ހިފާ ގެންގުޅޭ ސާމާނަށް ގެއްލުންވި ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށްވެސް ބުންޏެވެ.

މެޓް އޮފީހުން މިއަދު "ވަން" އަށް ބުނީ މާލެއަށް ކުރި ވިއްސާރައިގައި އެންމެ ގިނައިން ވާރޭ ވެހުނީ މިއަދު ހެނދުނު 7:00 އިން ފެށިގެން 9:00 އާ ދެމެދުއެވެ. އަދި މިއަދު މުޅި ޖުމްލަ 88 މިލިމީޓަރުގެ ވާރޭ މާލެ ސަރަހައްދަށް ވެހުނު ކަމަށެވެ.

"މިއީ އަނެއްހެން ވަކި މޫސުމެއް އައިސްގެނެއް ނޫން. މިއީ ވިއްސާރަ ވިލާތަކެއް އުފެދިގެން ވެހުނު ވާރޭއެއް. މިއަދުވެސް ވިއްސާރަވާނެ. އެކަމަކު އެހާބޯކޮށް ވެހޭނެ ކަމަށް ލަފައެއް ނުކުރެވޭ،" މެޓުން ބުންޏެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް ކުރިއަށް އޮތް ހަފުތާގައިވެސް ވާރޭ ވެހޭނެ ކަމަށެވެ. އަދި ވައި މަޑު ދުވަހެއް ނަމަ، ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށާއި ނަމަވެސް ކަނޑުތައް ގަދަނުވާނެ ކަމަށް މެޓުން ބުންޏެވެ.