މިއަދު ހެނދުނު މާލެއަށް 88 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، މިއަދު ހެނދުނު 7 އިން 9 އަކާ ދެމެދު މާލެއަށް ބޯކޮށް ވާރޭ ވެހުނީ ވިއްސާރަ ވިލާތަކެއް އުފެދުމުގެ ސަބަބުން ކަމަށެވެ.

"މިއީ އަނެއްހެން ވަކި މޫސުމެއް އައިސްގެނެއް ނޫން. މިއީ ވިއްސާރަ ވިލާތަކެއް އުފެދިގެން ވެހުނު ވާރޭއެއް. މިއަދުވެސް ވިއްސާރަވާނެ. އެކަމަކު އެހާބޯކޮށް ވެހޭނެ ކަމަށް ލަފައެއް ނުކުރެވޭ," އޭނާ ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކަށް ކުރިއަށް އޮތް ހަފުތާއެއް ތެރޭ ވާރޭ ވެހޭނެ ކަމަށެވެ. އަދި ވައި މަޑު ދުވަހެއް ނަމަ ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށާއި ނަމަވެސް ކަނޑުތައް ގަދަނުވާނެ ކަމަށް ވިދާޅުވިއެވެ.

މާލެއަށް ކުރި ވިއްސާރައިގައި ބައެއް މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ބައެއް ސަރަހައްދުތަކުގެ ގެތަކަށް ފެންވަދެ، ގެއްލުން ލިބިފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ތިން ގެއަކަށް ފެންވަދެ ގެއްލުން ލިބިފައިވާތީ، އެ ގެތަކުގެ ހާލަތު ގާތުން ބަލަމުންދާ ކަމަށެވެ.