ކ. މާފުށިން 308 ގޯތި ދޫކުރަން އިއުލާންކޮށްފިއެވެ.

މާފުށި ކައުންސިލުން އިއްޔެ ނެރުނު އިއުލާނެއްގައި ވަނީ، ދިރިއުޅުމަށްޓަކައި 2000 އަކަފޫޓުގެ 308 ބަންޑާރަ ގޯތި ދޫކުރަން ނިންމައި އެކަމަށް ކުރިމަތިލާން ހުޅުވާލައިފައެވެ.

މާފުށީ ކައުންސިލް ރައީސް ހަސަން ސޮލާހު "ވަން" އަށް މިއަދު ވިދާޅުވީ، މީހަކާ އިނދެގެން ނޫޅުނަސް ރާއްޖޭގެ ކޮންމެ ރަށެއްގެ އުމުރުން 18 އަހަރު ފުރިފައިވާ މީހުންނަށް ކުރިމަތިލެވޭނެ ކަމަށެވެ. އެކަމަކު ޕޮއިންޓް ދިނުމުގައި އިސްކަންދޭނީ މާފުށި ރައްޔިތުންނަށް ކަމަށް ވިދާޅުވިއެވެ.

  • ދިވެހި ރައްޔިތަކަށްވުން
  • މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުން
  • ރާއްޖޭގެ އެއްވެސް ރަށަކުން ލިބިގެން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަގޯއްޗެއް ނުވަތަ އެފަދަ ގޯއްޗަކުން 600 ފޫޓަށްވުރެ ބޮޑު ބައެއް ލިބިފައިވާ ނުވަތަ އެމީހެއްގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ މީހަކަށް ނުވުން
  • އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ކުޑަ ބިމެއް ލިބިފައިވާނަމަ، މިފަދަ ބައެއް މި ގަވައިދާއި އެއްގޮތްވާ ގޮތުގެމަތިން ދޫކޮށްލުން
  • ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން، އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައިއޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާލާފައިވާތާ 2 އަހަރު ދުވަހަށްވުރެ ގިނަދުވަސް ވެފައިވުން
  • އެއްމެދު އިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާ ނުވަތަ ހިބައިން ދީފައިވާނަމަ ނުވަތަ ވިއްކާލާފައިވާތާ 2 އަހަރަށްވުރެ ގިނަދުވަސް ވެފައިވުން

މާފުށި ކައުންސިލުގެ އިއުލާނުގައި ބުނެފައިވާ ގޮތުން، ގޯއްޗަށް އެދޭ ފޯމު ސަރުކާރުގެ ގެޒެޓުންނާއި އެ ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބޭނެއެވެ. އަދި އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ފޯމު ހުށަހަޅަންޖެހޭއިރު، މި މަހުގެ ނުވަވަނަ ދުވަހުން ފެށިގެން މާފުށީ ކައުންސިލް އިދާރާއިން ފޯމު ބަލައިގަންނަން ފަށާނެ ކަމަށް ބުނެފައިވެއެވެ.