ދިރާގު ގުޑިފެސްޓް މާދަމާ ކުރިއަށްގެންދިއުމަށް ތައްޔާރުވެއްޖެއެވެ.

ދިރާގާއި މާލެ ސިޓީ ކައުންސިލް ގުޅިގެން ކުރިއަށްގެންދާ އެ ހަރަކާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:00 އިން ހަވީރު 6:00 އަށް މާލެ އުސްފަސްގަނޑުގައެވެ.

ރާއްޖޭގައި ރަމަޟާން މަހުގެ ހަވީރު ގަޑީގައި ގުޑި އެރުވުމަކީ ޒަމާނުއްސުރެ ބޮޑެތި މީހުން އަދި ކުޑަކުދިންގެ މެދުގައިވެސް މަގުބޫލު ހަރަކާތެކެވެ. ދިރާގު ގުޑިފެސްޓް މެދުވެރިކޮށް މިމަހުގެ ތެރޭގައި މި ޒަމާންވީ ސަގާފީ އާދަކާދައާ ދެމެދު އިތުރު ކުދިންގެ ޝައުގު އާލާކުރުމަކީ އެ ކުންފުނީގެ މަގުސަދެކެވެ.

ދިރާގުން މިއަދު ބުނީ ގުޑިފެސްޓްގައި ހުރިހާ އުމުރުފުރައެއްގެ ކުދިންނަށް ވެސް ބައިވެރިވެވޭނެ ކަމަށާއި އެ އިވެންޓުގައި އެކި ވައްތަރުގެ ގުޑި ބެހުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.

ދިރާގުން އަންނަނީ ކޮންމެ ރަމަޟާން މަހެއްގައިވެސް ކަސްޓަމަރުންނާއި ރާއްޖޭގައި އުޅޭ މީހުންނަށް އިތުރު ހަރަކާތްތަކާއި އޮފާތައް ގެނެސްދެމުންނެވެ. އަދި އެ ކުންފުނިން ވަނީ ރޯދަމަހަކީ ހުރިހާ ކަސްޓަމަރުންނަށް ބަރަކާތްތެރި މައްސަރަކަށްވުމަށްވެސް އެދިފައެވެ.