ޚަބަރު

ކަނޑުހުޅުދޫގައި މަރުވީ ނަފްސާނީ ބަލި މީހެއް، ހަވާލުވާން ޖެންޑާގައި އެދުނު!

މުހައްމަދު އިޝާން

ގއ. ކަނޑުހުޅުދޫ ފަޅުތެރެއިން މަރުވެފައި އޮއްވައި މިއަދު ފެނުނު ޒުވާނާއަކީ ހަވާލުވާން ޖެންޑާ މިނިސްޓްރީގައި އެދިފައިވާ މީހެއްކަން އެނގިއްޖެއެވެ.

ފަޅުތެރޭގައި މަރުވެފައި އޮއްވައި ފެނިފައިވަނީ އެރަށު ޖާމީން، އަބްދުލްކަރީމް، 24އ އެވެ.

ކަނޑުހުޅުދޫ ކައުންސިލުގެ ރައީސް ތޯރިގު އަފީފު "ވަން" އަށް މިރޭ ވިދާޅުވީ އެ ޒުވާނާއާ ޖެންޑާ މިނިސްޓްރީން ހަވާލުވާން އެދިފައިވާ ކަމަށާއި މަރުވި ޒުވާނާއާކީ ނަފްސާނީ މައްސަލައެއް ހުންނަ މީހެއް ކަމަށެވެ.

"އާއިލާގެ ފަރާތުން އެދިފައިވަނީ ޖެންޑާ މިނިސްޓްރީގައި. އެކަމާ ގުޅޭ މާބޮޑު މައުލޫމާތެއް ނޭނގޭ. އެދިފައިވާކަން އެނގޭ،" ތޯރިގު އަފީފު ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ފާތިމަތު ޒަމްހީނާ "ވަން" އަށް މިއަދު ވިދާޅުވީ ހަވާލުވާން އެދިފައި ނުވާ ކަމަށާއި ނަމަވެސް ބޭސް ދިނުމަށް އުނދަގޫވާ ކަމަށްބުނެ އެކަމަށް އެހީތެރިކަމަށް އެދުނު ކަމަށެވެ.

"‎އެ ފަރާތަށް ބޭނުންވާ ނަފްސާނީ ފަރުވާ ދިނުމަށް 2022 މާޗް މަހު މާލެ ގެނެވި ފަރުވާދީފައިވޭ. ފަރުވާއަށްފަހު ހާލަތަށް ރަނގަޅު ބަދަލެއް އައުމުން އަނބުރާ ރަށަށް ބަދަލުވެފައިވޭ.

‎ފަހުން އެ ފަރާތުގެ ހާލަތު ގޯސްވުމުން އާއިލާގެ ހުށަހެޅުމާ އެއްގޮތަށް ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމު ހަމަޖައްސައި، ރަށު ކައުންސިލާއި ދިވެހި ފުލުހުންގެ ހިދުމަތް ޝާމިލުވާގޮތަށް މަޝްވަރާ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވޭ،"‎ އޭނާ ވިދާޅުވިއެވެ.

ޒަމްހީނާ ވިދާޅުވީ ‎އޭނާގެ ހާލަތު އެންމެފަހުން މޮނިޓާކުރެވި، ރޭ ފުލުހުންގެ ސަމާލުކަމަށް އެކަން ގެނެސް، އަންނަ އާދީއްތަ ދުވަހު ގދ. ތިނަދުއަށް ދަތުރުކޮށް ނަފްސާނީ ޑޮކްޓަރަށް ދެއްކުމަށް ހަމަޖެއްސުނު ކަމަށާއި އޭނާ މަރުވީ ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމުތައް ހަމަޖައްސައި އެކަން އާއިލާއަށް އަންގާފައިވަނިކޮށް ކަމަށެވެ.

ފުލުހުން މިއަދު ބުނީ ކަނޑުހުޅުދޫގައި 24 އަހަރުގެ ފިރިހެނަކު މިއަދު ފަތިހު 4:25 ހާއިރު ގެއިން ނުކުމެގެން ދިޔަގޮތަށް ހަބަރެއް ނުވާކަމަށް 4:45 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ފެނިފައިވަނީ ސައިކަލްއާއެކު އެރަށު ފަޅު ތެރޭ މޫދުން ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާ އެރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ވަނީ މަރުވެފައި ކަމަށް ފުލުހުން ބުންޏެވެ.

ކަނޑުހުޅުދޫ ކައުންސިލުގެ ރައީސް ތޯރިގު އަފީފު ވިދާޅުވީ އޭނާ ފަތިސް ނަމާދަށް ދިޔަ އިރުވެސް މަރުވި މީހާ އޭނާ ދިރިއުޅޭ ގެ ކައިރީގައި އުޅެނިކޮށް ވެސް ފެނިފައިވާ ކަމަށެވެ.

"ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޒުވާނާ މަރުވެފައި އޮއްވައި ފެނުނު އިރު، ވަލަކުން އޭނާގެ ފައިގައި އޮތީ ސައިކަލެއް އައްސައިފައެވެ. އެކަމާ ގުޅޭގޮތުން ކައުންސިލުގެ ރައީސް ތޯރިގާ ސުވާލުކުރުމުން އޭނާ ވެސް އެކަން ދޮގުކުރައްވައިފައެއް ނުވެއެވެ.