(24 މާޗުގެ އަދަދާ ގުޅޭ)
ނަމަވެސް އިސްލާމްދީނުގެ ޢަދުއްވުން އެބައިމީހުންގެ އަނގަތަކުންފުމެ މާތް اللّـــه ގެ ނޫރުފުޅު ނިއްވައިލާން އުޅުނުކަމުގައިވިޔަސް އެކަމެއް ނުވާނެއެވެ. ކަރުދާހުގެ ނަވަކީ އަބަދު ފެންމަތީގައި ހުންނާނެ އެއްޗެއް ނޫނެވެ. ތުރުކިޔޭގެ ޖައްވުންވެސް އިސްލާމީ ނިދާގެ އަޑު ހިމޭންކޮށް ކަނޑުވައެއް ނުލެވޭނެއެވެ. ތުރުކިޔޭގެ މަޝްހޫރު މުސްލިމު ލިޔުންތެރިޔާ يــحـيـى كــمـــال ވިދާޅުވެފައިވާ ފަދައިން ތުރުކިޔޭއިންގެ އިސްލާމިއްޔަތާއި ޤައުމިއްޔަތުގެ ރޫޙާނީ ދެ ބިންގަލަކީ سـلطـــان محمّـــد الــفــاتــــح ގެ އަމުރުފުޅަށް އަޔާސޯފިޔާގައި ގޮވައިލެވުނު ބަންގީގެ އަޑާއި ޔަވޫޒު سـلطـــان سـلــيــم ގެ އަމުރުފުޅަށް ހިރްކާއި ސާދެތު ދާއިރެސީގައި ކައުސާހިބާ صـلّـــــى اللّـــه عــلـيــــه وسـلّـــــم ގެ ރިދާކޮޅުގެ ކުރިމަތީގައި ކިޔެވުނު ކީރިތި ޤުރްއާނުގެ މޫރިތި އަޑެވެ. ތުރުކިޔޭ ފެންމަތީގައިއޮވެ ތުރުކިޔޭއިންގެ ނޭފަތުކުރި ހިކޭހައިހިނދަކު އެއުރެންގެ ތެރެޔަކުން އެއަޑުތައް ކެނޑިގެނެއް ނުދާނެއެވެ. ކަނޑުވައެއްވެސް ނުލެވޭނެއެވެ. އެގޮތުން مـصـطـفــــى كمــال ގެ ލާދީނީ މަސައްކަތުގެ ފެށުމާއެކު އެމަސައްކަތުގެ ރައްދު ޢަމަލުވެސް ވަނީ ފެށިފައެވެ. އެކަން އެނގެނީ ތުރުކިޔޭގެ މުސްލިމު ލިޔުންތެރީންގެ ގަލަމީ ޖިހާދުންނާއި ލާދީނީ مـصـطـفــــى كمــال އާ ދެކޮޅަށް އެކިސިފަސިފައިގައި މުސްލިމުން ކުރަމުންއައި ހިތްވަރުންނެވެ. ތުރުކިޔޭގެ މުސްލިމު ލިޔުންތެރިޔާ عـثمــان ޔުކްޝެލް ސަރުދާން ގެޝްތީ "އަޔާސޯފިޔާ" މި މައިގަނޑު ނަމުގައި ލިޔުއްވި މަޒުމޫނެއްގައި ލިޔުއްވައިފައިވެއެވެ. "އޭ އަޔާސޯފިޔާއެވެ! އޭ ޝާނާއި ޝައުކަތު ލިބިގެންވާ މިސްކިތާއެވެ! މޮޅިނުވާށެވެ! فــاتــــح ގެ ދަރީން ލަސްތަކެއްނުވެ އަތުވެދާނެއެވެ. އަދި ހުރިހައި ބުދުތަކެއް ތަޅައި ސުންނާފަތިކޮށްފައި ތިބާ އަނެއްކާވެސް މިސްކިތަކަށް ބަދަލުކުރާނެއެވެ. އެދުވަހަކުން އެބައިމީހުންގެ ކަރުނައިގެ ދެމިގެންދާ ސައިލުން އެބައިމީހުން ވުޟޫކުރާނެއެވެ. އަދި އެމީހުން اللّـــه އަށް ސަޖިދަކުރާނެއެވެ! ތަހުލީލާއި ތަކުބީރުގެ އަޑުން ތިބާގެ ފަޅުވެފައިވާ ގުއްބުތައް އަނެއްކާވެސް ގުގުމާން ފަށާނެއެވެ. އެދުވަހެއްވާނީ ދެވަނަ ފަތަޙައިގެ ދުވަސްކަމުގައެވެ!" ތުރުކިޔޭގެ މުސްލިމުންގެ ލޮލުން ހުއްޓުވުމެއްނެތި އޮހޮރުނު ލޭކަރުނަޔާއި އެބައިމީހުން ދެއްކި ސާބިތުކަމާއި ގަދަހިތްވަރުން އަޔާސޯފިޔާ އަލުން މިސްކިތަކަށް ބަދަލުކުރައްވައި އެކަން އިޢުލާންކުރެއްވީ ތުރުކިޔޭގެ މިހާރުގެ ރައީސް رجـب طـيّـب اُرْدُغَــان އެވެ. 10 ޖުލައި 2020 ގައެވެ.
رجـب طـيّـب اُرْدُغَــان މިހަރުފަތަށް އަރައިވަޑައިގެންނެވުމަށްޓަކައި ކުރެއްވި ބުރަ މަސައްކަތްޕުޅާއި އޭނާ ކުރީން ހުންނެވި ސިޔާސީޕާޓީގެ ޒަޢީމް نـجـــم الّــديــــن اربـكــان ކުރެއްވި މަސައްކަތްޕުޅުގެ ވާހަކަ ބަޔާންކޮށް އަޅުގަނޑުވަނީ ސިލްސިލާއެއް ލިޔެފައެވެ. "ތުރުކީ އިސްލާމީ ދުނިޔެއާ ދިމާޔަށް ކުރާ ދަތުރު" މިނަމުގައެވެ. އަދި ކުރީގެ ޙަވާލާއެއްގައިވެސް ދެންނެވި ފަދައިން އަޅުގަނޑުގެ ކޮއްކޮ الأسـتــــاذ أحمـــد مـــاجــــــد عــلــــى ވަނީ "އަޔާސޯފިޔާގެ ތާރީޚީ ދަތުރު" ނުހަނު ތަފްސީލުކޮށް ލިޔެފައެވެ. އިތުރު މަޢުލޫމާތަށް ޝައުޤުވެރިވެވަޑައިގަންނަވާ ބޭފުޅުން، އާދެ އަޅުގަނޑު މާލެއިން ބުރުސާއިން އިސްތަންބޫލަށް މިކުރާ ދަތުރުގެ ބައިވެރިން އަޅުގަނޑުމެން ދެބެއިންގެ އަނެއް ދެދަތުރު ވިދާޅުވުމަށް ދަޢުވަތު އަރުވަމުން އަޔާސޯފިޔާގެ ވާހަކަ ކުރުކޮށްލަމެވެ. އަޅުގަނޑުގެ ގަލަމުން އަޔާސޯފިޔާ ސިފަކުރާކަށެއް މަސައްކަތެއް ނުކުރާނަމެވެ. އޭގެ ބަދަލުގައި އަޅުގަނޑު މިހުށަހަޅަނީ އަޔާސޯފިޔާގެ ރަނގަޅު ފޮޓޯތަކެކެވެ. ރަނގަޅު ކޮންމެ ފޮޓޯއަކީ އެއްހާސް ލަފުޒު ކަމުގައި ބައްލަވައިގެން ހިސާބުކުރެއްވުން އެދެމެވެ.
އަޅުގަނޑުމެންގެ ގައިޑް އޫޣޫރުކޮޝަމް އަޔާސޯފިޔާ ބަލައިނިމިގެން އަޅުގަނޑުމެން ގެންދިޔައީ އިސްތަންބޫލުގެ މަޝްހޫރު جــامــــع سلطـــان أحمـد މިސްކިތަށެވެ. ޢާންމުކޮށް ފަތުރުވެރީން ބޭނުންކުރާ ބަހުރުވައިން ދަންނަވާނަމަ އިސްތަންބޫލުގެ ނޫމިސްކިތް ބަލަން އެމިސްކިތަށެވެ. އެމިސްކިތް ހުންނާނީ އިސްތަންބޫލުގެ އާތު މައިދާނުގައެވެ. މިހާރުގެ ނަމުން ދަންނަވާނަމަ سلطـــان أحمـد މައިދާނުގައެވެ. ތާރީޚީ ބައެއް ލިޔުންތަކުންނާއި އަޅުގަނޑުމެންގެ ގައިޑުގެ ވާހަކައިން އެނގުނުގޮތުގައި އެމިސްކިތް އެހެރީ ކައުސާހިބާ صـلّـــــى اللّـــه عــلـيــــه وسـلّـــــم ގެ ޒަމާނުގައި ހުންނެވި ޤައިޞަރު އަމްބަރާޠޫރު ފްލޭވިއޯސް އިރަކްލިޔޯސް ދިރިއުޅުއްވި ގަނޑުވަރު ނުވަތަ ގަނޑުވަރު އެކުވެނި ހުރިތާނގައެވެ. ޤަސްރުލްޤުސްޠަންޠީނިއްޔާގެ ވާހަކަ ފަހުން އެބަލިޔަމެވެ.
سلطـــان أحمــد أوّل އަކީ ޢުޘްމާނީ ޚާންދާނުގެ ސާދަވަނަ ރަސްގެފާނު سـلطـــان محمّـــد ثــالـث ގެ ދޮށީދަރިކަލުންނެވެ. سـلطـــان أحمــد ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވީ 22 ޖުމާދަލްއާޚިރާ 998ހ. (18 އެޕްރީލް 1590 ގައި) މަނީސާ (Manisa) ގައެވެ. سـلطـــان أحمــد މައިކަނބަލަކީ ޚަންދާން ސުލްޠާނެވެ. سـلطـــان أحمــد ގެ ބައްޕާފުޅު އަވަހާރަވެ އޭނާގެ ރަސްކަމުގެ ތަޚްތުގައި އިށީނދެވަޑައިގެންނެވީ 18 ރަޖަބު 1012ހ. (12 ޑިސެންބަރ 1603މ.) ގައެވެ.
جــامــــع سلطـــان أحمــد އަކީ އިސްލާމީ ދުނިޔޭގައިހުރި އެންމެ ބޮޑެތި މިސްކިތްތަކުގެ ތެރެއިން އެއްމިސްކިތެވެ. އެމިސްކިތް ބިނާކުރެވުނު ދުވަސްވަރު އިސްތަންބޫލުގައިހުރި އެންމެ ރީތި އެންމެ ބޮޑު މިސްކިތެވެ. ތުރުކިޔޭގައިހުރި ހަ މުންނާރު ހުންނަ ތިން މިސްކިތުގެ ތެރެއިން އެއްމިސްކިތެވެ. އެމިސްކިތަށް ނޫމިސްކިތޭ ކިޔެނީ އެމިސްކިތް ޒީނަތްތެރި ކުރެއްވުމުގައި ބޭނުންކުރައްވައިފައިވާ ނޫބިއްލޫރިއާއި ނޫކުލައިގެ ސަބަބުންނެވެ. سـلطـــان أحمــد އެ މިސްކިތް ބިނާކުރެއްވީ އޭނާގެ ވެރިކަމުގެ ދުވަސްވަރު އޮސްޓަރޯ ހަންގޭރިޔަނުންނާއި އީރާނާ ކުރެއްވި ހަނގުރާމައިގައި ލިބިވަޑައިގެންނެވި ނާކާމިޔާބީގެ ހަނދާންތައް މީހުންގެ ހިތްތަކުން ފޮހެލައްވައި އޭނާގެ ނަންފުޅު ދާއިމީ ކުރެއްވުމުގެ ބޭނުންފުޅުގައިކަމަށް ބުނެވެއެވެ. ނަމަވެސް سـلطـــان أحمــد އަކީ ނުހަނު ދީންވެރި ބޭފުޅަކަށްވުމާއެކު އޭނާގެ މިރީތި އަގުބޮޑު މަސައްކަތްޕުޅަކީ އުޚުރަވީ ލާބަ އެދިވަޑައިގެން ކުރެއްވި އައިތަވެރި ޢަމަލެއްކަމުގައި ނުބަލާންވީ ސަބަބެއްނެތެވެ. سـلطـــان أحمــد އެމިސްކިތް ބިނާކުރެއްވީ 1609މ. އާއި 1616 އާ ދެމެދުގައެވެ. އެމިސްކިތުގެ ފަރުމާވެރިޔަކީ މަޝްހޫރު މުހަންދިސު محمّـــد އާޣާއެވެ. سـلطـــان أحمــد މުހަންދިސާ މަސައްކަތް ޙަވާލުކުރެއްވުމަށްފަހު ފުރައިވަޑައިގެންނެވީ ޙައްޖަށެވެ. ޙައްޖަށް ފުރައިވަޑައިގެންނެވިއިރު އެނބުރިވަޑައިގެން މުހަންދިސަށް ހަބުރި ރަން ދެއްވާނެ ވާހަކަ ވިދާޅުވިކަމުގައިވެއެވެ. މުހަންދިސް އެވާހަކަފުޅު މާނަކުރެއްވީ މިސްކިތުގައި ހަމުންނާރު ލައްވަން ބޭނުންފުޅުވެގެން ކުރެއްވި އިޝާރަތެއް ކަމުގައެވެ. އެހެންކަމުން އޭނާ މިސްކިތުގައި ހަމުންނާރު ލެއްވިއެވެ. سـلطـــان أحمــد މިސްކިތުގައި ހަމުންނާރު ހުންނާތީ ބައެއްފަރާތްތަކުން ފާޑުކިޔާން ފެށިއެވެ. އެދުވަސްވަރު ޙަރަމްފުޅުގައި (المـسجــد الحـــــــرام ގައި) ވެސް ހުންނަނީ ހަމުންނާރުކޮޅު ކަމުގައިވާތީއެވެ. سلطـــان أحمــد އެފާޑުކިޔުމުން ސަލާމަތްވެވަޑައިގެންނެވުމަށްޓަކައި المـسجــد الحـــــــرام އަށް މުންނާރުކޮޅެއް އިތުރުކުރެއްވިއެވެ.
جــامــــع سلطـــان أحمــد މިސްކިތުގެ އެއްފަރާތުގައި (ކަނާތްފަރާތުގައި) ވަނީ މަދަރުސާއަކަށާއި ދާރުއްޝިފާ (ހޮސްޕިޓަލް) އަކަށް ބޭނުންކުރެއްވި ވަރަށްބޮޑު ޢިމާރާތެކެވެ. މިސްކިތުގެ ޤިބުލައާވީކޮޅުގައި ވާތްފަރާތުގައި ހުންނަނީ سـلطـــان މިސްކިތަށް ވަޑައިގެން ވުޟޫކުރެއްވުމަށާއި އިރުކޮޅަކު އަރާމުކޮށްލައްވާން ބޭނުންފުޅުކުރެއްވި ބަޔެކެވެ. އެބައި ޢިމާރާތްކޮށްފައިވަނީ ތަނބުތަކެއްގެ މަތީގައެވެ. ތިރި ހުސްކޮށް އޮންނަގޮތަށެވެ. އަޅުގަނޑުމެންތިބި ހޮޓަލަށް (سـلطـــان أحمــد ސަރާއޭ ހޮޓަލް) ދާއިރާ ވަރަށް ގިނަފަހަރަށް ބޭނުންކުރީ އެމަގެވެ. އެދިމާއިން ވަރުގަދަ ޗޭނެއް އެލުވައިފައި އޮވެއެވެ. އަސްމަތީގައި އެމަގު ހުރަސްކުރާ މީހަކަށް އެ ޗޭނާހުރެ ވަރަށްބޮޑަށް ގުދުވާންޖެހޭނެއެވެ. އެނގިފައިވާގޮތުގައި އެއީ މިސްކިތަށާއި ޝަހެންޝާހަށް އިޙްތިރާމުގެގޮތުން ގުދުވާންޖެހޭ ޖެހުމެއްގެމަތީން ހަނދާންކޮށްދިނުމެކެވެ.
އަޅުގަނޑުމެންގެ ނަސީބު ދިމާކުރިގޮތުން އެރީތި މިސްކިތުގެ އެތެރޭގެ ރީތިކަމާއި ފުރިހަމަކަން އެންމެރަނގަޅަށް ފެންނަގޮތެއް ނުވިއެވެ. އަޅުގަނޑުމެން ދިޔައިރު އެމިސްކިތް މަރާމާތުކުރުމުގެ ވަރަށްބޮޑު މަޝްރޫޢެއް ހިނގަމުންދަނީއެވެ. އެހެންކަމުން މިސްކިތުގެ ގިނަ ބިތްތަކުގެ ކައިރީގައިހުރީ ޓިނުން ހަދައިފައިހުރި ބިތްގަނޑުތަކެއް ޖަހައިފައެވެ.
سـلطـــان أحمــد ގެ ނަންފުޅު ތާރީޚުގައި ފާހަގަކުރެވޭ އެންމެ ޚާއްޞަ އެއްކަމަކީ سـلطـــان أحمــد އެމަނިކުފާނުގެ ކޮއްކޯފުޅު مـصـطـفــــى ޤަތުލު ނުކުރެއްވުމެވެ. سـلطـــان أحمــد ގެ ދުވަސްވަރާ ހަމަޔަށް އައިއިރު ޢުޘްމާނީ ދައުލަތުގެ ޢާންމު ދުސްތޫރަކަށްވެފައިވަނީ ރަސްކަމަށް އިސްވެވަޑައިގަންނަވާ ކޮންމެ ބޭފުޅަކުވެސް އެބޭފުޅެއްގެ އެއްބައްޕާފުޅު އަޚުން ޤަތުލުކުރެއްވުމެވެ. އޭނާ އެކަން ހުއްޓައިލެއްވިއެވެ. އަދި ކީއްތޯއެވެ؟ ކޮއްކޯފުޅު مـصـطـفــــى އަށް ވަލީޢަހްދުކަން ދެއްވިއެވެ. سـلطـــان أحمــد އަށްފަހު ތަޚްތުގައި އިށީނދެވަޑައިގެންނެވީ مـصـطـفــــى އެވެ. سـلطـــان أحمــد (އައްވަލު) އާ ހަމައިން އެ އާދަވަނީ ހުއްޓިފައެވެ.
سـلطـــان أحمــد އޭނާގެ ވެރިކަމުގައި އެންމެބޮޑަށް ސަމާލުކަންދެއްވި އެއްކަމަކީ ތުރުކިޔޭގެ "ޤާނޫނުނާމާ" ތައްޔާރުކުރެއްވުމެވެ. އެކަމުގައި سـلطـــان ގެ ބޭނުންފުޅަކީ ދައުލަތުގެ އިންތިޒާމީ ކަންތައްތަކާއި ވިޔަފާރީގެ މުޢާމަލާތްތައް ހަރުދަނާ ޤާނޫނީ ނިޒާމަކަށް ފެއްތެވުމެވެ. އޭނާ އެކަމަށް ބޭނުންވާ ޤާނޫނުތައް ހެއްދެވިއެވެ. سـلطـــان أحمــد އަކީ ވަރަށް ދީންވެރި ބޭފުޅެކެވެ. އޭނާ ތުރުކިޔޭގައި ވަރަށްގިނަ ދީނީ އިދާރާތަކެއް އުފެއްދެވިއެވެ. كــعـــبـــة اللّـــه އާއި އިތުރު ސާހިބާގެ روضــــة މަރާމާތުކުރައްވައި ޒީނަތްތެރިކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. سـلطـــان أحمــد އަކީ ޅެންވެރިކަމަށް ނުހަނު ޝައުޤުވެރިވެވަޑައިގެންނެވި ބޭފުޅެކެވެ. ޝާޢިރެކެވެ. އޭނާގެ ތަޚައްލުޞަކީ "ބަޚްތީ" އެވެ. އޭނާގެ ޅެންތަކުގެ ދީވާނެއްވެސް ތައްޔާރުކުރެއްވިއެވެ.
سـلطـــان أحمــد އަކީ ވަރަށް ކޯފާގަދަ ބޭފުޅެކެވެ. މިޒާޖުފުޅުގައި ހަރުދަނާކަމެއް ނުހުރެއެވެ. އޭނާއަކީ ނުހަނު ފަސޭހައިން އެކިއަތްއަތަށް ލެނބިވަޑައިގެންނެވޭ ބޭފުޅެކެވެ. އޭނާއަށް ވަރަށް ޤާބިލު ވަޒީރުން ލިބިވަޑައިގެންނެވުމާއެކުވެސް އޭނާއަކަށް އެބޭފުޅުންގެ އަގުވަޒަނެއް ނުކުރެއްވެއެވެ. ދެމަހެއްހައިދުވަހު އާލާސްކަންފުޅާ އުޅުއްވުމަށްފަހު އޭނާ އަވަހާރަވީ 23 ޛުލްޤަޢިދާ 1026ހ. (22 ނޮވެމްބަރ 1617މ.) ގައެވެ. އޭނާގެ ރީތި މަޤްބަރާ ހުންނަނީ ނޫމިސްކިތުގެ (جــامــــع سلطـــان أحمــد ގެ) ކުރިމަތީގައެވެ.
سـلطـــان أحمــد މައިދާނަކީ އިސްތަންބޫލުގެ ކުރީގެ ހިޕޯޑްރޯމް ނުވަތަ މައިދާން ސިބާޤުލްޚައިލެވެ. ނުވަތަ ލާތު މައިދާނެވެ. އާދެ ނަމުންވެސް ދޭހަވާފަދައިން އެއީ އަސްވާރުންނާއި ހަނގުރާމަމަތީ އަސްގާޑިޔާތަކުގެ ފަހުލަވާނުން ވާދަކުރުމުގެ މައިދާނެވެ. އަޅުގަނޑުމެންގެ ޕްރޮގްރާމުގައި ދެންއޮތީ އިސްލާމީ ތުރުކިޔޭއާއި އިސްލާމީ އުންމަތުގެ އާސާރުތަކުގެ ދާރުލްއާސާރެއްކަމުގައިވާ إبــــراهــيـــــم بــاشــا ގެ ގަނޑުވަރު ބަލާންދިޔުމެވެ. އެގަނޑުވަރު ހުންނަނީ سـلطـــان أحمــد މައިދާނުގެ އަނެއްފަރާތުގައެވެ. جــامــــع سـلطـــان أحمــد ގެ ދިމާކުރިމަތީގައެވެ. އެތަނަށް ދާންޖެހެނީ سـلطـــان أحمــد މައިދާން ހުރަސްކޮށެވެ. އެހެންކަމުން އެމައިދާނާ ބެހޭގޮތުންވެސް ކޮންމެވެސް ޢިބާރާތްކޮޅެއް ލިޔެލައިފައި ކުރިޔަށްދާން ޤަޞްދުކުރަމެވެ.
އާދެ، ހިޕޯޑްރޯމަކީ އިސްތަންބޫލުގެ ތާރީޚީ ހިތެވެ. ފަތުރުވެރިންގެ ސަމާލުކަމުގެ މަރުކަޒެވެ. ހިޕޯޑްރޯމް ހުރީ އިސްތަންބޫލުގެ މެދުތެރޭގައެވެ. އެތަން ޢިމާރާތްކުރާން ފެށުނީ މީލާދީން 203 ގައެވެ. ނަމަވެސް އެތަން ޢިމާރާތްކޮށް ނިމުނީ މީލާދީން 330 ގައެވެ. ރޯމަން އެމްޕަޔަރުގެ ދެވަނަ ވެރިރަށަކަށް (ރޯމަނުންގެ ރަސްކަމުގެ އިރުމަތީބައިގެ ވެރިރަށަކަށް) އިސްތަންބޫލު ހަމަޖެހުނު ފަހުންނެވެ.
ހިޕޯޑްރޯމް ޢިމާރާތްކޮށްފައިވަނީ މީހުންނަށް އެތާނގައި ވަށައިގެން އިށީނދެގެންތިބެ ކުޅިބެލޭގޮތަށެވެ. ގާތްގަނޑަކަށް ތިރީސްހާސް މީހުންނަށް އެއްފަހަރާ އިށީނދެލައިގެން ތިބެވޭގޮތަށެވެ. އެތާނގެ ދިގުމިނަކީ 400 މީޓަރެވެ. ފުޅާމިނަކީ 120 މީޓަރެވެ. މިއީ ދުނިޔޭގައިވާ މިބާވަތުގެ މައިދާންތަކުގެ ތެރެއިން ދެވަނަޔަށް އެންމެބޮޑު މައިދާނެވެ. މިކަހަލަ އެންމެބޮޑު މައިދާނެއް އޮންނަކަމުގައިވަނީ އިޓަލީގެ ރޯމުގައެވެ. ބައިޒެންޓެއިން ދައުލަތުގެ ދުވަސްވަރު އެ މައިދާނުގައި ފުރޫސިއްޔަތުގެ ކުޅިވަރުތަކުގެ އިތުރަށް ތަފާތު އެހެނިހެން ކުޅިވަރުތަކުގެ މުބާރާތްތައްވެސް ބޭއްވުނެވެ. އެތަނަކީ ޢަރަބީންގެ ޢުކާޡުގެ ބާޒާރުފަދަ ތަނެކޭ ދަންނަވާން އަޅުގަނޑުގެ ހިތަށް އަރައެވެ. ރޯމަނުންގެ ދުވަސްވަރުވެސް އެމައިދާނަކީ ވަރުގަދަ ސިޔާސީ ޙަރަކާތްތައްވެސް އޮންނަ މައިދާނެކެވެ. ބޮޑެތި މުޒާހަރާތަކެއްކޮށް އެ މުޒާހަރާތަކުގެ ބަނޑުން ބަޣާވަތްތައްވެސް އުފެދިގެން އައިސްފައިވާ ތަނެކެވެ. އޭގެތެރެއިން އެއްބަޣާވާތަކީ މަޝްހޫރު ނައިކާ ބަޣާވަތެވެ.
އެ މައިދާނަކީ ރަސްމީ މަހާސަމާތަކާއި ކުޅިވަރު މުބާރާތްތަކާއި ހަފްތާ ބާޒާރުތައްވެސް ބޭއްވި ތަނެކެވެ. ޢުޘްމާނީ ދައުލަތުގެ ދުވަސްވަރު ޔުނިޗަރީ ސިފައިން ދައުލަތުގެ އެކިބާރުތަކާ ދެކޮޅަށް ހިންގި ޙަރަކާތްތަކުގެ މަރުކަޒަކީވެސް އެ މައިދާނެވެ. އެ މައިދާނުގައި އިރުންވަގުތުބަލާ ގަޑިތަކާއި އެނޫންވެސް އާސާރުތައް ބަހައްޓައިފައި ހުއްޓެވެ. އެ މައިދާނުގައި ކުޅިބަލާ މީހުން އިށީނދެގެންތިބެ ކުޅިބަލަން ޢިމާރާތްކޮށްފައިހުރި ބޮޑު ޢިމާރާތް މިހާރަކު ނެތެވެ. އެ ޢިމާރާތް ރޫޅައިލި ދުވަސްވަރެއް އަޅުގަނޑަކަށް ހޯދިފައެއް ނެތެވެ. ތެދަކީ ހޯދާކަށެއް މަސައްކަތެއްވެސް ނުކުރެވެއެވެ. އަޅުގަނޑުގެ ޢާންމު އަންދާޒާއަކީ އެތަން ރޫޅައިލެއްވީ سـلطـــان أحمــد ކަމެވެ. އެ ސަރަޙައްދު އަލުން ޕްލޭންކުރައްވައި ރީތިކުރެއްވުމުގެ ތެރޭގައެވެ. އެ މައިދާނުގައިހުރި އާސާރީ ތަކެއްޗާއި ތަންތަނުގެ ތެރެއިން ބައެއް ތަންތަންވަނީ ވީރާނާވެގޮސްފައެވެ. ބައެއް ތަކެތިވަނީ އިސްތަންބޫލުގެ އެކިދިމަދިމާޔަށް ބަދަލުކޮށްފައެވެ. އަޅުގަނޑުގެ ހިތަށްއެރިއެވެ. ކަޅުވަކަރު މިސްކިތް ތަނެއްގައި ހަރުނުލާކަމީވެސް އާކަމެއް ނޫންތާއެވެ. އެ މައިދާނުގައި ކުރީން ބަހައްޓައިފައިހުރި އާސާރުތަކުގެ ތެރެއިން އެންމެ ފާޅުކަން ބޮޑުގޮތެއްގައި އަޅުގަނޑުގެ ލޮލުގައި އަޅައިގަތީ ޚާއްޞަ ތިންތަނބެކެވެ. އެ ތިންތަނބުގެ ވާހަކަޔަށް ކުރުގޮތަކަށް ބަލައިލާނަމެވެ. ޙަޤީޤަތަކީ ހިޕޯޑްރޯމް ނުވަތަ މައިދާން ސާބިޤުލްޚައިލި ނުވަތަ ލާތު މައިދާން ބަލާކަށެއްވެސް އަޅުގަނޑުމެންނަކަށް އެކަށީގެންވާ ވަރަކަށް ވަގުތެއް ނުދެވުނެވެ. އަޅުގަނޑުމެންގެ ގައިޑް އޫޣޫރުކޮޝަމް ދުވަހުގެ ޕްރޮގްރާމަށް ފައްތާންވެގެން އެ މައިދާނުގެ ތެރެއިން އަޅުގަނޑުމެންނާއިގެން ދިޔައީ "މެކުހަށް" ޖަހައިފައެވެ.
(ނުނިމޭ)