އަމިއްލަ ނަފުސުދެކެ ކީއްކުރަން ހެއްޔެވެ. ގާތުގައި ތިބި މީހުންދެކެ ވެސް ފޫހިވާހާ ވެއެވެ. ހަމަޖެހިގެން އިށީނދެ ކީއްކުރަން ހެއްޔެވެ. އޮށޯވެ އަރާމުކޮށްލެވޭކަށްވެސް ނެތެވެ. ކީއްވެގެން ކަމަށްތޯއެވެ. ހައިވާ ވަރަކަށް ކެވޭ ތަކެތި ހަށިގަނޑުން ބޭރު ނުވެ ބަނޑުތެރޭގައި ހަރުލާފައި ހުރުމުން ކުރެވޭ އިހުސާސް ކިޔައިދޭކަށް ވެސް ފަސޭހައެއް ނޫނެވެ. އެހެންކަމުން ހޯދައި ބަލައިގެން ޑޮކްޓަރުންގެ މަޝްވަރާއާއި އިރުޝާދުގެ މަތިން ދައްކަން މިއުޅެނީ ހަޖަމުކުރުމުގެ ނިޒާމު ރަނގަޅުކޮށް ބަނޑުހަރުވުމުން ސަލާމަތްވުމަށް ރައްކާތެރިވެ ދުރުވެގަންނަން ޖެހޭ އާދަތަކެއްގެ ވާހަކައެވެ.
ހާއްސަކޮށް ކުރިއަށް މިދާ ރޯދަމަހަކީ ބަނޑުހަރުވުމާއި ހަޖަމުކުރުމަށް މައްސަލަތައް ގިނަ މީހުންނަށް ކުރިމަތިވާ ދުވަސްކޮޅެކެވެ. އެހެން ވާން ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ހަށިގަނޑުން ފެންމަދުވުމާއި ރޭގަނޑު ރޯދަވީއްލުމުގައި އެންމެ އެކަށީގެންވާ ރަނގަޅު ތަކެތި ނުކެވޭ ކަމެވެ. ކޮންސްޓިޕޭޓުވުމަކީ ނަފުސާނީ ގޮތުންވެސް މީހާއަށް އުނދަގޫވާ ކަމެކެވެ. އެހެންކަމުން މިކަމުން ރައްކާތެރިވެ ސަމާލުވާން ޖެހެއެވެ.
މާހިރުން ބުނާ ގޮތުގައި ތިރީގައި އެވާ ގޯސްތަކުން ދުރުހެލި ވެއްޖެނަމަ ހަޖަމުކުރުމުގެ ނިޒާމު ރަނގަޅު ގޮތެއްގައި ހުންނާނެއެވެ.
ދުޅަހެޔޮ ސިއްހަތަކަށް ވާސިލުވުމުގެ މަގު ދައްކަނީ ބަނޑުންނެވެ. މާނައަކީ ގޮހޮރުގެ ސިއްހަތު މުޅި ހަށިގަނޑަށް އަސަރުކުރާ ވާހަކައެވެ. ގޮހޮރުގެ ސިއްހަތު މީހާގެ ދިފާއީ ނިޒާމުން ފެށިގެން މޫޑު ނުވަތަ އުޅޭ އުޅުމާއި ހަމައަށް ވެސް އަސަރު ފޯރުވައެވެ. އެހެންކަމަށްވުމާއެކު ދުޅަހެޔޮ ކާނާ ކެއުމުގެ އިތުރުން ހަޖަމުކުރުމުގެ ނިޒާމު ރަނގަޅު ކުރުމަށް ރަނގަޅު ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެކެވެ.
އަޔޫރްވެދިކްގެ މާހިރެއް ކަމަށްވާ ޑރ ޑިކްސާ ބަވްސަ ސަވަލިޔާ ދާދިފަހުން އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާ ކޮށްފައިވާ ޕޯސްޓެއްގައި ހަޖަމުކުރުމުގެ ނިޒާމު ދަށްވުމުގެ ސަބަބަކަށް ވެދާނެ ބައެއް ކަހަލަ އާދަތައް ހާމަކޮށްފައި ވެއެވެ.
ފެންވެރުމުން ހަށިގަނޑުގެ ފިނިހޫނުމިން ދަށްވެ، އެކަމުގެ ސަބަބުން ހަޖަމުކުރުން ލަސްވެއެވެ. އަހަރެމެންގެ ހަޖަމުކުރުމުގެ އެންޒައިމްތައް ވެސް މަސައްކަތް ކުރަނީ ފިނިހޫނުމިނުގެ ހަނި ރޭންޖެއްގައި ކަމަށާއި، ކެއުމަށްފަހު ވަގުތުން ފެންވެރުމުން އެ އެންޒައިމްތަކުގެ އަސަރު ކުޑަވާނެ ކަމަށް ޑރ ޑިކްސާ ބަވްސާ ވިދާޅުވެއެވެ. އެހެންކަމުން، ކެއުމާއި ފެންވެރުމާ ދެމެދު މަދުވެގެން 2 ގަޑިއިރުގެ ދުރުމިނެއް ބަހައްޓަން ސަމާލުވާން ވާނެއެވެ.
މަންމަމެން މާމަމެން އަބަދުވެސް ބުނަނީ ކެއުމަށްފަހު ކަސްރަތު ނުކުރުމަށް ނޫން ހެއްޔެވެ؟ މަންމަގެ މިލޮޖިކް އާ ޑރ ސަވާލިޔާ އެއްބަސްވެވަޑައިގަންނަވައެވެ. ޑޮކްޓަރު ވިދާޅުވާ ގޮތުގައި، "ދިގު ދުރުމިންތަކުގައި ހިނގުމާއި، ފެތުމާއި، ކަސްރަތު ކުރުމާއި – މި ހުރިހާ ހަރަކާތަކީ "ވަޓާ"(VATA) ގޯސްކުރާ ކަންތައްތަކެވެ.
ނޯޓު: VATA، އަޔުވްރެދިކްގެ ބަހެކެވެ. ވަޓާގެ މާނައަކީ ހަރަކާތްތަކާއެކުގައިވާ ހަކަތައެވެ. ނުވަތަ ހަރަކާތްތަކުން ލިބޭ ހަކަތައެވެ. ވަޓާއަށް އުނދަގޫ ކުރުމަކީ ބޮލުގައި ރިއްސުމާއި، ނިއުޓްރިޝަން ދަށްވުމާއި، ކެއުމަށްފަހު އުނދަގޫވާ ކަމުގެ އިހުސާސް ކުރުމެވެ.\
ކެއުމަށްފަހު ކަސްރަތު ނުކުރުމަށް ނަސޭހަތްތެރިވަމުން އަންނައިރު، ޑޮކްޓަރު އިރުޝާދު ދެއްވަނީ ކެއުމަށްފަހު އެންމެ އަވަހަށް ހަރަކާތްތެރިވުމަށް ބޭނުންވާނަމަ "ޝަޓް ޕަވަލީ"އެއް ހަދާލާށެވެ. "ޝަޓްޕަވަލީ އަކީ "ސަތޭކަ ފިޔަވަޅު" އެޅުމެވެ. އެހެންކަމުން، ކެއުމަށްފަހު މަޑުމަޑުން ހިނގުމަކީ ގާތްގަނޑަކަށް 1-10 މިނެޓް ވަންދެން – މިއީ ކޮންމެ ދުވަހަކު ކެއުމަށްފަހު ކޮށްލަން ރަނގަޅު އާދައެކެވެ.
ޑޮކްޓަރުންނާއި ދިރާސާވެރިން ލަފާދާ ގޮތުން މެންދުރު 12 އާއި 2 އާއި ދެމެދުގެ ވަގުތެއްގައި މެންދުރުގެ ކެއުން ކާން ޖެހެ އެވެ. ކާއެއްޗެހި ފަސޭހައިން ހަޖަމުވާން ބޭނުންނަމަ ޕިއްޓާއަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހެއެވެ. ދުވަހުގެ އެންމެ މުހިންމު އެއް ކެއުމަކީ މެންދުރުގެ ކެއުމެވެ.
އަހަރެމެންގެ ސާރކޭޑިއަމް ރިދަމްސް ނުވަތަ ބަޔޮލޮޖިކަލް ކްލޮކް ޑިކްޓޭޓް ކުރަނީ ހަށިގަނޑުގެ ފިނިހޫނުމިނަށް އަންނަ ބަދަލުތަކުންނެވެ. އަހަރެމެން ނިދާއިރު އަހަރެމެންގެ ހަށިގަނޑުގެ ފިނިހޫނުމިން ދަށްވާން ފަށައެވެ. ކެއުމާއި ނިދާ ވަގުތާ ދެމެދު މަދުވެގެން 3 ގަޑިއިރުގެ ދުރުމިނެއް ހުންނަންޖެހެއެވެ.
ދެން މި ރޯދަ މަހުގެ ކަންތައްތަކަށް ސަމާލުވުން މުހިންމެވެ. ސިއްހީ މާހިރުން ލަފާ ދެއްވާ ގޮތުގައި ރޯދަވީއްލުމުގައި ކަދުރާއި ފެނަކީ އެންމެ ފުރަތަމަ ކާންވީ ތަކެއްޗެވެ. ރަނގަޅެވެ. ކަދުރު ކާހިތްނުވާ ފަރާތްތައް އުޅޭނެއެވެ. އެހެންނަމަވެސް އެލާޖީ ކަމެއް ނޫޅެންޏާ މިއީ ރޯދަވީއްލުން އެންމެ ރަނގަޅު ބާވަތެވެ. ބާކީ ގަޑިތަކުގައި ވެސް ތެޔޮ ހުންނަ ތަކެއްޗާއި ހިކިކޮށް ހުންނަ ކެއުންތައް ދުރުކުރާން ޖެހެއެވެ. ފައިބަރު ހުންނަ ބާވަތްތައް ކާން ޖެހެއެވެ. ގިނައިން ފެން ހުންނަ ތަކެތި ކެއުން މުހިންމެވެ. ދިވެހިން ހާރުދަމުގައި ބޭނުންކުރާ ބާވަތްތަކުގެ ތެރެއިން ބަތްޕެނަކީ ވަރަށް ފައިދާ ހުރި ކެއުމެކެވެ. އަނެއް ދުވަހުގެ ރޯދައަށް ހުންނައިރު މީހާއަށް އެތައް ގޮތަކުން ފަސޭހަކަމާއި ހަމަޖެހުން ލިބިދެއެވެ.
"ނިދުމުގެ ތެރޭގައި ހަށިގަނޑު ހަމަޖައްސައި، އަލުން އާލާކޮށްދޭއިރު ހިޔާލުތަކާއި ޖަޒުބާތުތަކާއި ތަޖުރިބާތައް ސިކުނޑިން ހަޖަމުކުރެ އެވެ."އޭއެމްޑީސީގެ ޖެނެރަލް ޑޮކްޓަރ ޑރ. ހެމަންތު
އެހެންކަމުން ދުވަހުގެ އެންމެ ފަހުގެ ކެއުމުގެ ވަގުތަކީ ރޭގަނޑަށް އިރުއޮއްސުމުގެ ކުރިން ހަވީރު ނޫނީ ރޭގަނޑު ނިދުމުގެ ހައެއްކަ ގަޑިއިރު ކުރި ކަމަށް ހެދުން މުހިންމެވެ. މާ ދަންކޮށް ކެއުމުން ދުރުވާން ޖެހެއެވެ.