Close
ޚަބަރު

ޖޭޕީން ދާއިރާތަކުގެ ރައީސުންގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

މުހައްމަދު އިޝާން

ދާއިރާތަކުގެ ރައީސުންގެ މަގާމަށް ކުރިމަތިލުމަށް ޖުމްހޫރީ ޕާޓީން ހުޅުވާލައިފިއެވެ.

ޖުމްހޫރީ ޕާޓީން ކުނޫޒުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ސްޕެޝަލް އެންވޯއީ، ރައްޔިތުން މަޖިލީހުގެ ދަނގެތި ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދު ވިދާޅުވީ 86 ދާއިރާއަކަށް ކުރިމަތިލުމަށް މިރޭ ހުޅުވާލާފައިވާ ކަމަށާއި އެ ދާއިރާތަކުގެ ރައީސުންގެ މަގާމަށް އިންތިހާބުވާ ފަރާތްތައް ޕާޓީގެ ކައުންސިލް ތަމްސީލު ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

އެ ޕާޓީގެ ކައުންސިލް މެމްބަރު، މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ ކުރީގެ މެމްބަރު އަލީ ޝާހު ވިދާޅުވީ ދާއިރާތަކުގެ ރައީސުންގެ މަގާމަށް ކުރިމަތިލެވޭނީ 50 މެމްބަރުންގެ ތާއިދު ފޯމު ހުށަހެޅުމުން ކަމަށެވެ. އޭނާ ވިދާޅުވީ ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބަށް މިސްރާބު ޖަހާފައިވާ އިރު، މެނިފެސްޓޯ ތައްޔާރުކުރުމުގައި ދާއިރާތުގެ ރައީސުންގެ ވަރަށް ބޮޑު ހިއްސާއެއް އޮންނާނެ ކަމަށެވެ.

އެ ޕާޓީގެ ނައިބު ރައީސް އަހުމަދު ސައުދު ވިދާޅުވީ ދާއިރާތަކުގެ ރައީސުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ އެޕްރީލް މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އެ މަގާމަށް ކުރިމަތިލާ ފަރާތްތަކުން 50 މީހުންގެ ތާއިދު ފޯމު ހުށަހަޅަން ޖެހެނީ ކުރިމަތިލާ ފަރާތުގެ ސިޔާސީ ބުރަދަން ބެލުމުގެ ގޮތުން ކަމަށް ސައުދު ވިދާޅުވިއެވެ.

މިއީ ޖުމްހޫރީ ޕާޓީން ދާއިރާތަކުގެ ރައީސުންނަށް އެ ޕާޓީގެ ކައުންސިލް ތަމްސީލު ކުރެވޭ ގޮތަށް އިންތިހާބެއް ބާއްވާ ފުރަތަމަ ފަހަރެވެ. އެގޮތަށް އެ ޕާޓީގެ އަސާސީ ގަވާއިދު އިސްލާހުކޮށްފައިވަނީ އެ ޕާޓީން ބޭއްވި ގައުމީ ކޮންފަރެންސްގައެވެ.