ޚަބަރު

ރޯދަ 7، ކަނޑޫދޫ މިރުހުގެ އަގު ދަށަށް

މި އަހަރުގެ ރޯދަ މަސް ފެށުނުއިރު ބާޒާރުގައި ކަނޑޫދޫ މިރުސް ކިލޯއެއް އުޅުނީ 300-350 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. ރޯދަ މަހުގެ ފުރަތަމަ ދެތިން ދުވަހު ދާދި އެއް އަގެއްގައި މިރުސް ލިބެން ހުރި ނަމަވެސް ރޯދައަށް ހަފުތާއެއްވީ އިރު، ބާޒާރުގައި މިވަނީ މިރުހުގެ އަގު ވަރަށް ބޮޑަށް ވެއްޓިފައެވެ.

ދަތުރުވެރިންގެ ބާޒާރުގައި ކަނޑޫދޫ މިރުސް ކިލޯއެއްް މިއަދު ލިބެން ހުރީ 150-250 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. ގިނަ ގޮޅިތަކުގައި މިރުސް ކިލޯއެއް ލިބެން ހުރީ 200 ރުފިޔާއަށެވެ.

"ރޯދަ މަހުގެ ފުރަތަމަ ދެތިން ދުވަހު ވަރަށް ރަނގަޅަށް މިރުސް ވިކުނު. އެކަމަކު މިހާރު ވިކޭ ވަރު ވަރަށް މަދު. ގިނަ މީހުން ބާޒާރަށް މިއަންނަނީވެސް މެންދުރު ފަހު" ބާޒާރުގައި ކަނޑޫދޫ މިރުހުގެ ވިޔަފާރިކުރާ ވިޔަފާރިވެރިޔަކު "ވަން" އަށް މިއަދު ބުންޏެވެ.

އޭނާ ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި މިރުހުގެ އަގު އަދިވެސް ދާނީ ދަށަށެވެ.

ކަނޑޫދޫ މިރުހަކީ އެހެން އަހަރުތަކުގެ ރޯދަ މަހުގައި އެންމެ އަގު ބޮޑު އެއް ބާވަތެވެ. އެގޮތުން މިދިޔަ އަހަރުގެ ރޯދަ މަސް ފެށުނުއިރު މިރުސް ކިލޯއެއް ލިބެން ހުރީ 700 ރުފިޔާއަށެވެ.