Close
ޚަބަރު

އެމްޑީއެން އުވާލުމަަށް ރަޖިސްޓްރާ ނިންމި ނިންމުން ބާތިލެއް ނުކުރެވޭނެ: ސިވިލް ކޯޓު

މުހައްމަދު އިޝާން

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލުމަށް ޖަމިއްޔާތުގެ ރަޖިސްޓްރާ ނިންމި ނިންމުން ބާތިލު ނުކުރެވޭނެ ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

އެމްޑީއެންގެ އެގްޒެކެޓިވް ޑިރެކްޓަރު ޝަހިންދާ އިސްމާއީލް ވަނީ އެމްޑީއެން އުވާލުމުން ޔޫތު މިނިސްޓްރީއާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކޮށްފައެވެ. ދައުވާގައި ޝަހިންދާ ވިދާޅުވެފައިވަނީ އެމްޑީއެން ނަމުގައި ހޯމް މިނިސްޓްރީގައި ރަޖީސްޓްރީކޮށްގެން ހިންގަމުން އައި ޖަމިއްޔާ ބާތިލުކުރަން ނިންމާފައިވާ ކަމަށާއި އެއަށްފަހު އެ ޖަމިއްޔާ ރަސްމީކޮށް އުވާލުމަށް ޖަމިއްޔާތުގެ ރަޖިސްޓްރާ އަންގާފައިވާތީ ޔޫތު މިނިސްޓްރީން އެމްޑީއެން އުވާލާފައިވާ ކަމަށެވެ.

ރަޖިސްޓްރާގެ އެ ނިންމުމަކީ ޖަމިއްޔާތައް ހެދުމުގެ މިނިވަންކަމާއި، އިދާރީ ހިންގުމުގެ ދާއިރާއިން ކޮންމެ މީހަކާ މެދުވެސް ގާނޫނު އެއްގޮތްވާ ގޮތުގެ މަތިން، އަދުލު އިންސާފުގެ ހަމަތަކާ އެއްގޮތަށް ކަންކުރުމުގެ ހައްގާ ހިލާފު ބާތިލު ނިންމުމެއް ކަމަށް ޝަހިންދާ ވިދާޅުވިއެވެ. އެެހެންކަމުން ޔޫތު މިނިސްޓްރީގެ ނިންމުން ބާތިލުކޮށްދޭން ޝަހިންދާ ވަނީ ކޯޓުގައި އެދިފައެވެ.

އެ ދައުވާއަށް އިންކާރުކޮށް މިނިސްޓްރީން ބުނެފައިވަނީ އެމްޑީއެން އުވާލާފައިވަނީ އެ ޖަމިއްޔާއިން ތައްޔާރުކުރި "ޕްރިލިމަނަރީ އެސެސްމެންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓުގައި އިސްލާމްދީނާ ހިލާފު ކަންކަން ހުރުމުން ޖަމިއްޔާތަކުގެ ރަޖިސްޓްރާއަށް ގާނޫނުން ލިބިދޭ ބާރުގެ ދަށުން ކަމަށެވެ.

އެ މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން ހުކުމްކުރީ އެ ޖަމިއްޔާގެ ފަރާތުން 2015 ވަނަ އަހަރު "ޕްރިލިމަނަރީ އެސެސްމެންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ހެދި ރިޕޯޓުގައި ހުރި ބައެއް ކަންކަމާ ގުޅިގެން ޝަކުވާ ލިބިފައިވާތީ އެކަން ބަލައިދިނުމަށް ފުލުހުންގެ ފަރާތުން އިސްލާމިކް މިނިސްޓްރީގައި 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނުވަވަނަ ދުވަހު އެދިފައިވާ ކަމަށެވެ. އަދި އެ ރިޕޯޓުގައި އިސްލާމްދީނާ ހިލާފު ކަންކަން ހުރިކަން އެނގެން ހުރިކަމަށް ހުކުމުގައި ބުންޏެވެ.

ހުކުމުގައި ބުނީ އެމްޑީއެންގެ ރިޕޯޓާ ގުޅިގެން އެ މައްސަަލައިގެ ތަހުގީގު ދެގޮތަކަށް ކުރިއަށް ގެންދަން ފުލުހުން މަސައްކަތް ކުރި ކަމަށާއި އެއީ ރިޕޯޓް ލިޔުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވި ކަމަށް ތުހުމަތުކުރެވޭ މީހުންނާ ފުލުހުން ސުވާލުކޮށް ބަޔާން ނެގުން ކަމަށާއި ނަމަވެސް އެ ފަރާތްތައް ރާއްޖެއިން ބޭރުގައި ތިބުމުން، ފުލުހަށް ހާޒިރުވުމަށް އަންގައި ފޮނުވި އަމުރުތައް ޖަވާބުދިން ދެ ފަރާތުން ވެސް ސަލާމަތީ ކަންކަމާ ހެދި ރާއްޖެއަށް އަންނަން އުޒުރުވެރިފައިވާތީ ބަޔާން ނެގިފައިނުވާ ކަމަށެވެ.

ދެވަނަ ގޮތަކީ އެ ރިޕޯޓުގައި ހުރި ކަންކަން ގައުމީ ޔުނިވާސިޓީ އަދި އިސްލާމިކް ޔުނިވާސިޓީގެ ތިން އިލްމުވެރިއަކު މެދުވެރިކޮށް ދިރާސާއެއްކޮށް، ރިޕޯޓުގައި ހުރި އިސްލާމީ އަގީދާއާއި އިސްލާމީ ޝަރީއަތާ ހިލާފު ކަންކަން އަދި އިސްލާމްދީނަށް ތައުހީނުކުރުމާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައިވާ ކަމަށް ބެލެވޭ ކޮންޓެންޓުގެ މައްޗަށް އިލްމީ ގޮތެއްގައި ތަފުސީލީ ދިރާސާއެއް ކުރުން ކަމަށް ހުކުމުގައި ބުންޏެވެ.

އެ ދިރާސީ ރިޕޯޓުގައިވާ ގޮތުން އެމްޑީއެންގެ ރިޕޯޓުގައި އިސްލާމްދީނާ ހިލާފު ކަންކަން ހުރިކަމަށް ބަޔާންކޮށްފައިވާ ކަމަށް ހުކުމުގައި ބުންޏެވެ.

އެހެންވެ ސިވިލް ކޯޓުން ހުކުމްކުރީ ޝަހިންދާ އެދުނު ގޮތަށް ޖަމިއްޔާތުގެ ރަޖިސްޓްރާގެ ނިންމުން ބާތިލުކޮށްދޭން ޖެހޭ ގާނޫނީ އަދި ޝަރުއީ ހަމައެއް ނެތް ކަމަށެވެ.