ހއ. މުރައިދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 70 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ.
އެ މަސައްކަތްކުރާ އެމްޓީސީސީން މިއަދު ބުނީ އެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމެންޓް މިހާރު ސައިޓަށް ގެންގޮސްފައިވާ ކަމަށާއި ހާބަރު ފުންކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި އެ މަޝްރޫއުގެ 70 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ވެސް ބުންޏެވެ.
މިދިޔަ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު އަމަލީ މަސައްކަތް ފެށި އެ މަޝްރޫއުގެ ޖުމުލަ އަގަކީ 34.28 މިލިއަން ރުފިޔާއެވެ.
އެ މަޝްރޫއުގެ ދަށުން 212 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 407 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 107 މީޓަރުގެ ސަރަހައްދެއްގެ ބޭރުތޮށި މަރާމާތުކުރުމާއި، 105 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 50 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުން ހިމެނެއެވެ.
އޭގެ އިތުރުން ބަނދަރާއި ނެރު ފުންކުރުމާއި ރޭމްޕެއް ހެދުމާއި ވޯކްވޭ ބުރިޖެއް ހެދުމާއި ނެރުބައްތި އަދި ބަނދަރު ބައްތި ހަރުކުރުމުގެ މަަސައްކަތް ވެސް އެ މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވެއެވެ.