ރޯދައަށް މާހެފުމަށް ތަފާތު ޕެކޭޖުތަކެއް ގެނެސް ދިނުމަށްފަހު ޝެފް މޯޑް މިފަހަރު ގެނެސްދެނީ ހަމަ އެހާމެ ތަފާތު ރޯދަ ވީއްލުމުގެ މެނޫ އެކެވެ. ހަފުތާގެ ކޮންމެ ދުވަހަކަށް ބަދިގެ ރެސްޓޯރެންޓުގެ ރޯދަ ވީއްލުމަށް ވަކި މެނޫއެއް ހަދާފައިވާއިރު ކޮންމެ ދުވަހެއްގެ މެނޫވެސް ވަރަށް ތަފާތެވެ. މުޅި މެނޫގެ 90 ޕަސެންޓަކީ ސައްތައިން ސައްތަ ދިވެހި ކެއުންތަކެެވެ.

ރޯދަ ވީއްލާ ވަގުތު ކަދުރާއި ތާޒާ ކަރާ، ފޭރު އަދި ފެޝަންފުރުޓް ފަނީގެ އިތުރުން ދިވެހި ހެދިކާ ލިބޭނެ އެވެ. ހޮޓް ބުފޭ މެނޫގައި ދިވެހި ރޮއްޓާއި ފަރާޓާ އާއި ފެންފޮޅީގެ އިތުރުން މުގުރިހަ އާއި ވަޅޯމަސް ސްޕެގެޓީ އަދި ވަޅޯމަސް އަޅައިން ތައްޔާރުކޮށްފައިވާ ބޭކެޑްބީންސް އާއި ކުޅިމަސް ލިބޭނެ އެވެ. އޭގެ އިތުރުން ދިވެހި ކެއުމުގެ އިތުރުން ފްރައިޑް ރައިސް އާއި ސްޕެގެޓީ އާލިއޯލިއޯ، ކްރީމީ ޗިކެން ޕާސްތާ ފަދަ ބޭރުގެ ރަހަތައްވެސް ވަނީ ހިމަނާފައެވެ. ސެލަޑް މެނޫގައި މަސްކުރޮޅި އާއި ބަރަބޯ މަސްހުނި، ބަށި މަސްހުންޏާއި ކޮޕީފަތް މަސްހުންޏާއި ޓޮމާޓޯ އަދި ކިއުކަމްބާ ސެލެޑްވެސް ހިމެނެ އެވެ.

ޝެފް މޯޑް "ވަން" އަށް ކިޔައިދިން ގޮތުގައި ރޯދަ މެނޫ ކަނޑައަޅާފައިވަނީ ކަސްޓަމަރުންގެ ރިކުއެސްޓްތަކަށް ބެލުމަށްފަހު ބޭރުގެ ރަހަތަކާއި އަސްލު ދިވެހި ރަހަތައްވެސް ލިބޭނެ ގޮތަށެވެ. އާއިލާއާއި ރައްޓެހީން އެކުގައި ތިބެ ރޯދަވީއްލައި، މެނޫތަކަށް އިންސާފުކޮށްލެވޭނެ ކަމަށާއި ރެސްޓޯރަންޓުން ހަމަގައިމުވެސް އަމިއްލަ ގޭގެ ސުފުރާގެ އިހުސާސްކޮށްލެވޭނެ ކަމަށް މޯޑް ބުންޏެވެ.

ދިވެހި ރަަހަތަކުން މުއްސަނދި މި ރޯދަމެނޫއާ ހިސާބުން ޝެފް މޯޑްގެ ބަދިގޭގެ ވާހަކަ ނިންމައިލެވޭކަށްވެސް ނެތެވެ. އެންމެ އިހުގެ ބަދިގެއެއް ގޮތަށް ފަރުމާކޮށްފައިވާ މި ރެސްޓޯރަންޓުން ކަސްޓަމަރުންނަށް ފޯރުކޮށްދެނީ ހުސް ދިވެހިވަންތަކަމެވެ. މުޅު ރެސްޓޯރެންޓުގެ އެެތެރެއާއި ބޭރުންވެސް ފެންނަން ހުންނަނީ އެންމެ އިހުގެ ދިވެހި ބަދިގެއެއްގެ މަންޒަރު ތަކެވެ. މި ރޯދަމަހު އާއިލާއާ އެކީ ދިވެހިވަންތަ ރޯދަވީއްލުމަކަށް އިންސާފުކޮށްލަން ބޭނުން ނަމަ މިފަހަރު ދާންވީ ''ބަދިގެ'' އަށެވެ.