ތިލަފުށި ފޭސް ދޭއްގެ ބިން ހިއްކާ ސަރަހައްދަށް ވެލި އަޅަން ފަށައިފިއެވެ.
ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނީ ސިނާއީ ދާއިރާގައި މިހާރު ހުރި މައްސަލަތަކަށް ބަލައި، އެ މައްސަލަތަކަށް ބިނާކޮށް އެކަމަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފަރުމާކޮށްފައިވާ ތިލަފުށި މާސްޓާޕްލޭން އެކުލަވައިލެވި، ތިލަފުށި ފޭސް ދޭއްގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތްތައް ފަށައިގެން ކުރިއަށްދާ އިރު، އެ ސަރަހައްދަށް ވެލިއެޅުމުގެ މަސައްކަތް އިއްޔެ ފަށާފައިވާ ކަމަށެވެ.
ތިލަފުށީ ފޭސް ދޭކުން 20 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމައިފައެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ.
ތިލަފުށި ބިން ހިއްކުމުގެ މަޝްރޫއަކީ ސިނާއީ އެކި މަސައްކަތްތަކަށް ގިނަ ގޮންޖެހުންތަކަކާއި އުނދަގޫތަކެއް ކުރިމަތިވެފައިވާ ކަމެއް ކަމަށްބުނެ ސަރުކާރުން އެޗްޑީސީއާ ގުޅިގެން ހިންގާ މަޝްރޫއެކެވެ. އެގޮތުން ސިނާއީ މަސައްކަތްތަކަށާއި ވިޔަފާރިތައް ހިންގުމަށް ޖާގައިގެ ދަތިތައް ކުރިމަތިވެ، އާންމުން ދިރިއުޅޭ ތަންތަނުގައި ގަރާޖުތަކާއި ވެއާހައުސްތައް ހުރުމުން ދިމާވާ ނުރައްކާތެރި އެކްސިޑެންޓުތަކާއި ހާދިސާތައް އާންމުވާތީ، މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ބިނާކުރުމަށް ހިންގާ މަޝްރޫއެއް ކަމަށް އެޗްޑީސީން ބުނެއެވެ.
ތިލަފުށި ފޭސް ދޭއްގެ ބިން ހިއްކުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ. އެ މަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައިވަނީ 120 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
ތިލަފުށި ފޭސް ދޭއްގެ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވާ އިރު، އެ ސަރަހައްދުން ބިން ވިއްކުމަށް އެޗްޑީސީން ވަނީ އިއުލާންކޮށްފައެވެ. އެގޮތުން 25،000 އިން ފެށިގެން 35،000 އަކަފޫޓުގެ 50 ބިން ވިއްކުމަށް އެ ކޯޕަރޭޝަނުން މިދިޔަ މަހު ވަނީ އިއުލާންކޮށްފައެވެ.
އެޗްޑީސީން ބުނީ ބިން ގަތުމަށް އަމިއްލަ ފަރާތްތަކުންނާއި ކުންފުނިތަކަށްވެސް ހުށަހެޅޭނެ ކަމަށާއި ބޭރުގެ ކުންފުންޏަކުން ބިން ގަންނަން ހުށަހަޅައިގެން ބިޑް ކާމިޔާބުކޮށްފިނަމަ، އެ ފަރާތަކަށް ބިން ވިއްކުމުގެ ބަދަލުގައި ހަމަޖެހިފައިވަނީ ބިން 99 އަހަރަށް ކުއްޔަށް ދިނުން ކަމަށެވެ. އަދި ބިޑް ކާމިޔާބުކުރާ ފަރާތަކީ ދިވެއްސެއް ނަމަ، ބިން މިލްކުވާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
ބިން ގަންނަން ހުށަހެޅޭނީ 18 އަހަރުން މަތީގެ މީހުންނަށް ކަމަށާއި ބިން ލިބޭނީ އެންމެ މަތިން ބިޑް ހުށަހަޅާ ފަރާތަކަށް ކަމަށެވެ. އަދި ތިލަފުށި ފޭސް ދޭކުން ބިން ވިއްކަނީ އަކަފޫޓަކަށް 1700 ރުފިޔާގެ މަގުން ކަމަށް އެޗްޑީސީގެ އިއުލާނުގައި ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު