Close
ބައިބަލާ

އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1444ގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް "ވަން"

މި އަހަރުގެ ފިތުރު އީދާ ދިމާކޮށް ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމު ކޮށްގެން ބާއްވަން ތައްޔާރުވަމުންދާ އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1444ގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް "ވަން އޮންލައިން" ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި މިރޭ ސޮއިކޮށްފިއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް މިރޭ "ވަން އޮންލައިން" ގެ އޮފީހުގައި ބޭއްވި އިވެންޓްގައި ބައިބަލާ އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް ސެކްރެޓަރީ ސައީދު އަލީއެވެ. "ވަން އޮންލައިން" ގެ ފަރާތުން ސޮއިކުރެއްވީ ވަން މީޑިއާ ގްރޫޕުގެ އެޑްމިން އެންޑް މާކެޓިން މެނޭޖަރު މަރިޔަމް ހަޝްމާ ޔޫސުފެވެ.

މިފަހަރު މުބާރާތުގައި ބައިވެރިވުމަށްވެސް ރޯދަމަހުގެ ފަހުކޮޅުގައި ފުރުސަތު ހުޅުވާލާ އިރު، މުބާރާތަށް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ބެލެވޭ ކަމަށް ބައިބަލާ އެސޯސިއޭޝަންގެ ފަރާތުން މައުލޫމާތު ދެއެވެ. މިފަހަރުގެ މުބާރާތްވެސް ކުޑަ އީދާ ދިމާކޮށް ފެށުމަށް ތައްޔާރުވަމުންދާ އިރު، އެ އެސޯސިއޭޝަންގެ ފަރާތުން ބުނީ ކާމިޔާބު މުބާރާތަކަށް ހެދުމަށް ބުރަކޮށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިދިޔަ އަހަރުގެ ބައިބަލާ މުބާރާތް ބާއްވާފައިވަނީވެސް ކޮވިޑްގެ ސަބަބުން އޭގެ ކުރިން ދެ އަހަރު މުބާރާތް ނުބޭއްވި އޮތުމަށްފަހުއެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ޖުމުލަ 34 ޓީމު ވާދަކުރި އިރު، 1،000 ވަރަކަށް ކުޅުންތެރިން ފެނިގެން ގޮސްފައިވެއެވެ. އެކި ފަރާތްތަކާ މަޝްވަރާކޮށްގެން މިދިޔަ އަހަރުގެ މުބާރާތް ފޯރިގަދަކޮށް އެސޯސިއޭޝަނުން އިންތިޒާމު ކޮށްފައިވާ އިރު، މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމަކީ އޯ ވަންއެވެ.

މިއަހަރުގެ އީދު ބައިބަލާ ޗެލެންޖްގެ ޓައިޓަލް ސްޕޮންސާއަކީ އެމްޓީސީސީއެވެ.