ގަވާއިދާ ހިލާފަށް ކާބޯތަކެތީގެ ހިދުމަތްދެމުންދާ ތަންތަނުގެ މައުލޫމާތު އާންމުކުރާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ "ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވާއިދު" ގައި ބަޔާންކޮށްފައިވާ ފަދައިން އެ ހިދުމަތް ދޭންވާނީ އެޗްޕީއޭއިން ކަނޑައަޅާ ފަރާތެއްގެ ހުއްދަ ހޯދުމަށްފަހު ކަމަށެވެ.
އެހެންކަމުން ކެއިން ބުއިމުގެ ހިދުމަތްދޭ ފަރާތްތަކުން ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.
ގަވާއިދާ ހިލާފަށް އެފަދަ ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަނުގެ މައުލޫމާތު އާންމުކުރަމުން ގެންދާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
ގަވާއިދާހިލާފަށް ކެއިން ބުއިންމުގެ ހިދުމަތް ދިނުމުގެ ސަބަބުންނާއި ސާފުތާހިރުކަމުގެ މިންގަނޑުތަކާ ހިލާފުވެފައިވާތީ މީގެ ކުރިން ވަނީ އެފަދަ ތަންތަން ޖޫރިމާނާކޮށް، ވަގުތީ ގޮތުން ބަންދުކޮށްފައެވެ.