Close
ދުނިޔެ

ރާހުލް ގާނދީއަށް އިއްވުނު ހުކުމުގެ ފަހަތުގައި އޮތީ ސިޔާސީ ސަބަބެކެވެ.

އިމާދު ލަތީފު

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަކީ ވަގެކޭ ވިދާޅުވެގެން އެއީ މޯދީގެ އަބުރަށް އަރައިގަތުމެއް ކަމަށް ނިންމައި އިންޑިޔާގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ ކަމަށްވާ ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާނދީގެ މައްޗަށް ދެ އަހަރުގެ ޖަލު ހުކުމެއް ކޯޓުން ވަނީ އިއްވައިފައެވެ. މި ހުކުމާ ގުޅިގެން އިންޑިޔާގެ ޕާލަމެންޓުގައި ރާހުލް ގާނދީ ފުރުއްވަމުން ގެންދެވި ގޮނޑިވެސް ވަނީ ހުސްވެފައެވެ. ޕާލަމެންޓުގެ މެންބަރުކަން އޭނާއަށް ވަނީ ގެއްލިފައެވެ. މިއީ އާދައިގެ ކަމެއް ނޫނެވެ. ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ ކަމަށް ބުނާ އިންޑިޔާގައި ހިނގައިދިޔަ މިކަމަކީ ޑިމޮކްރަޓިކް ވެއްޓަކަށް އަރަފޯދޭ ކަމެއް ނޫނެވެ. ޑިމޮކްރަޓިކް ވިސްނުންތަކަށް އެއީ ވަރަށްވެސް ބީރައްޓެހި ކަމެކެވެ. މިއީ ކިހިނަކުން ކޮންގޮތަކުން ހިނގައިދިޔަ ކަމެއް ބާވައެވެ. ބަލައިލަމާ ބަހީއެވެ.

އުމުރުފުޅުން މިހާރު 52 އަހަރުވީ ގާނދީއަކީ އާދައިގެ ބޭފުޅެއް ނޫނެވެ. ކޮންގްރެސް ޕާޓީއަކީ މިވަގުތު ހިސާބަކަށް ހީނަރުވެފައި އޮތަސް އިންޑިޔާގެ އެންމެ ދުވަސްވީ އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ. ރާހުލް ގާނދީއަކީ އެޕާޓީގެ މޫނުމައްޗެވެ. އޭނާގެ ބައްޕަޔާއި މާމަޔާއި މުނިކާފަޔަކީވެސް އިންޑިޔާގެ ބޮޑުވަޒީރުކަން ކުރައްވާފައިވާ ބޭފުޅުންނެވެ. މުނިކާފަޔަކީ ޖަވާހަރްލާލް ނެހުރޫއެވެ. މާމަޔަކީ އިންދިރާ ގާނދީއެވެ. ބައްޕަޔަކީ ރަޖީވް ގާނދީއެވެ. ރާހުލް ގާނދީއަކީ އިންޑިޔާގެ އެންމެ ބޮޑު ސިޔާސީ އާއިލާގެ ވާރިސެވެ. އެހެންވީމާ މިކަމަކީ ނިކަން ބޮޑަށް ވާހަކަ ދެކެވޭނެ ކަމެކެވެ. ނަތީޖާތަކެއް ފައިދާވާނެ ކަމެކެވެ. ޕާލަމަންޓުގެ ގޮނޑި ގެއްލުނީ ކޯޓުގެ ހުކުމާ ގުޅިގެން އޭނާއަށް ގޮނޑީގައި އިންނެވުމުގެ ގާނޫނީ ހައިސިއްޔަތު ގެއްލިއްޖެ ކަމަށް ހުކުރުދުވަހު ޕާލަމެންޓުން ނިންމުމާ ގުޅިގެންނެވެ.

ރާހުލް ގާނދީ ވިދާޅުވި އެއްޗެއް ވިދާޅުވެފައި ވަނީ މިއަދަކު ނޫނެވެ. އޭގެ މާކުރިންނެވެ. އިންޑިޔާގައި 2019 ވަނަ އަހަރު ބޭއްވުނު އާއްމު އިންތިޚާބުގެ ތެރޭގައެވެ. ރާހުލް ވިދާޅުވެފައިވަނީ މިހެންނެވެ. ހުރިހާ ވަގުންގެ ނަމުގެ ފަހަތުގައި އޮންނަ އާއިލީ ނަމަކީ މޯދީއެވެ. މިހެން ވިދާޅުވެފައި އެއަށް ބާރު ދެއްވުމުގެ ގޮތުން ބައެއް މިސާލުތައްވެސް ދެއްކެވިއެވެ. ވެރިކަންކުރާ ބީޖޭޕީން މިވިދާޅުވުން މާނަކުރީ ބޮޑުވަޒީރުގެ އަބުރު ކަތިލުމެއްގެ ގޮތުގައެވެ. އަދި މޯދީގެ ނަން ލިބިގެންވާ އެތައް ހާސްބައެއްގެ އަބުރަށްވެސް އަރައިގަތުމެއްގެ ގޮތުގައެވެ. މިނަމަކީ އިންޑިޔާގެ މެދުފަންތީގެ ވަރަށް ގިނަ ބަޔަކު ހިއްސާކުރާ ނަމެކެވެ. ކޮންމެއަކަސް އިންތިޚާބުން ވަރަށް ބޮޑު ކާމިޔާބީއެއް މޯދީ ހޯއްދެވުމާއެކު ރާހުލްއާ ދެކޮޅަށް ކޯޓަށް މައްސަލަ ވައްދައި އެތައް ދުވަހެއް ފަހުން އަދި ކިރިޔާ ހުކުމަކާ ހަމައަށް އައީއެވެ.

ބޮޑުވަޒީރު މޯދީއާ ދެކޮޅު މީހުން ހިފައި ހައްޔަރުކޮށް އަދަބު ދިނުމަށްޓަކައި ދެފޮޅުވަތް ދޭތެރެއިން ގާނޫނު މާނަކޮށް ކޯޓުތަކަށް އަތްބާނައިގެން ސިޔާސީ ކުޅިވަރު ކުޅޭ ކަމަށް މާކުރީއްސުރެވެސް އިދިކޮޅު ސިޔާސީ މީހުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުންވެސް އައީ ތުހުމަތު ކުރަމުންނެވެ. ގާނޫނުތައް ފުރޮޅައިގެން ތަފާތު މާނަތައް ނެރެގެން މީގެކުރިންވެސް މިފަދަ ބައެއް ހުކުމްތައް ވަނީ ނެރެފައެވެ. ރާހުލް ގާނދީއަކީ އިންޑިޔާގެ އެންމެ ބޮޑު އިދިކޮޅު ލީޑަރަށްވެފައި އިންތިޚާބެއްގެ ކެމްޕޭނުގެ ތެރޭގައި މޯދީއަށާއި އޭނާގެ ސަރުކާރަށް އަމާޒުކުރެވޭ ތުހުމަތުތަކެއްގެ ވާހަކަ ވިދާޅުވެގެން އޭނާއަށް ޖަލު ހުކުމެއް އައިސް ޕާލަމެންޓުގެ ގޮނޑި ގެއްލޭ ކަމަށް ވެއްޖެނަމަ، ދެން އިންޑިޔާގެ ޑިމޮކްރަސީ އޮތް ހާލަތު އެންމެނަށްވެސް މޭރުންވާނޭ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

ދެ އަހަރުގެ ޖަލު ހުކުމެއް އިއްވުނަސް ރާހުލް ގާނދީ އަދިހުންނެވީ މިނިވަންކަންމަތީގައެވެ. އެއީ އިސްތިއުނާފުގެ މަރުހަލާ ނިމެންދެނެވެ. ރާހުލް ގާނދީ ވިދާޅުވެފައިވަނީ މި ހުކުމަކީ ބޮޑުވަޒީރު މޯދީ އާއި އަގުވެއްޓިފައިވާ ކޮރަޕްޓް ވިޔަފާރިވެރިޔާ ގައުތަމް އަދާނީގެ ގުޅުން ތަހުގީގުކޮށް ހަގީގަތް ހާމަކުރުމަށް ކޮންގްރެސް ޕާޓީން ކުރަމުންދާ މަސައްކަތްތައް ހުއްޓުވައިލުމަށާއި ބިރުދެއްކުމަށް ކުރި ކަމެއް ކަމުގައެވެ. ސަރުކާރުން ބިރުދެއްކިއަސް ފަހަތަށްޖެހުމެއް ސިހުމެއް ނެތް ކަމަށާއި މޯދީ އާއި އަދާނީގެ ގުޅުމާއި ކޮރަޕްޝަން ހާމަކުރައްވަމުން ގެންދަވާނޭ ކަމަށްވެސް ވިދާޅުވިއެވެ. ރާހުލް އެވިދާޅުވާ އަދާނީއަކީ އިންޑިޔާގެ އެންމެ ބޮޑު އެއް މަހުޖަނެވެ. އޭނާގެ މައްސަލަތައް ފަހަކަށް އައިސް އެމެރިކާ އާއި ޔޫރަޕުގެ ބައެއް ގައުމުތަކުގައިވެސް އަންނަނީ ބަލަމުން ތަހުގީގު ކުރަމުންނެވެ.

އަދާނީ އާއި މޯދީގެ ގުޅުމަކީ ވިހިއަހަރަށްވުރެ ޒަމާންވީ ވަރަށް ބަދަހި ގުޅުމެކެވެ. މި ގުޅުމަކީ ދެފަރާތަށްމެ ވަރަށް ފައިދާ ހުރި ގޮތަކަށް ކުރިއަށްދާ ގުޅުމެކެވެ. އެއްވެސް ބަޔަކު މި ގުޅުމާމެދު ކުރިން ސުވާލު އުފައްދާފައި ނުވަނީ އަދާނީގެ ވިޔަފާރީގެ އަނދިރި ފަރާތް ތިލަވެގެން އައިސްފައިނުވާތީއެވެ. މިއަހަރުގެ ތެރޭގައި އެމެރިކާގެ މުއައްސަސާއަކުން އަދާނީގެ އަނދިރިފަރާތް ހާމަކޮށް ބޮޑު ރިޕޯޓެއް ނެރުނު ހިސާބުން ފެށިގެން މޯދީ އާއި އަދާނީގެ ގުޅުމާމެދު ސިޔާސީ ފަރާތްތަކުން ވަނީ ސުވާލު އުފައްދަން ފަށައިފައެވެ. ރާހުލް ގާނދީގެ ކޮންގްރެސް ޕާޓީން ވަނީ ޕާލަމެންޓުގެ ތެރެއިން ޚާއްސަ ތަހުގީގެއް ހިންގުމަށްވެސް ގޮވާލައިފައެވެ. އެހެންނަމަވެސް ޕާލަމެންޓްގެ ކޮންޓްރޯލް އޮތީ މޯދީގެ ބީޖޭޕީއަށް ކަމަށްވެފައި އެފަރާތުގެ ބާރުގަދަވީމާ އެފަދަ ތަހުގީގެއް ފަށައިގަނެވޭގޮތް އަދިނުވަނީއެވެ.