ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރުންގެ މައްސަލަތައް ބެލުން މަދުވުމަކީ ފަނޑިޔާރުންގެ ސްލޫކަށް ހެޔޮ ބަދަލެއް އައިސްފައިވާކަމުގެ ހެއްކެއް ކަމަށް ޖޭއެސްސީގެ ރައީސް، ރައްޔިތުން މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ވިދާޅުވެއްޖެއެވެ.
ޖޭއެސްސީގެ 2022 ވަނަ އަހަރުގެ އަހަރީ ރިޕޯޓާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ހިސާން ވިދާޅުވީ 2022 ވަނަ އަހަރު ޖޭއެސްސީއަށް 392 މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އެއީ ފަނޑިޔާރުންގެ ސްލޫކީ މައްސަލަތައް ކަމަށެވެ. އޭގެ ތެރެއިން 15 މައްސަލައެއް ބަލަން ނިންމި ކަމަށެވެ.
"ބަލަން ނިންމުނު މައްސަލައިގެ އިންސައްތަ ދަށްވުމަކީ، ފަނޑިޔާރުންގެ ސްލޫކަަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާކަމުގެ ހެއްކެކެވެ. ހަމައެއާއެކު މި ނުކުތާގައި ފާހަގަ ކޮށްލަން ބޭނުންވާ އަނެއް ކަމަކީ ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކުގެ ތެރެއިން ބަލަން ނުފެންނަ ކަމަށް ނިންމާ މައްސަލަތަކުގައިވެސް ހުށަހެޅިފައިވާ މައްސަލައަކީ ޝަރުއީ ނިޒާމުގެ ތެރެއިން ހައްލުކުރެވެން ހުރި އެކަމެއް ހައްލުކުރުމަށް މަސައްކަތް ކޮށްފައިވާނެ،" ހިސާން ވިދާޅުވިއެވެ.
ޖޭއެސްސީން 2021 ވަނަ އަހަރު ކޮމިޝަނުގައިވާ 55 މައްސަލަ އާއި އަލަށް ބަލަން ނިންމި 15 މައްސަލައިގެ ތެރެއިން 46 މައްސަލަ ނިންމައި 65 ޕަސަންޓް މައްސަލަތައް މަދުކުރެވިފައިވާ ކަމަށް ހިސާން ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ ޖޭއެސްސީއަށް ހުށަހަޅާ މައްސަތައް ހައްލުކުރުމަށް އެ ކޮމިޝަންގެ މަސްއޫލިއްޔަތު ތަންދޭ އެންމެ ފުޅާމިނަކަށް މަސައްކަތް ކޮށްފައިވާނެ ކަމަށެވެ.
ފަނޑިޔާރުންނަކީ ފެންވަރު ބެލުމުގެ ގޮތުން މާލޭގެ ސުޕީރިއާ ކޯޓުތަކުގެ ފަނޑިޔާރުންގެ ފެންވަރު ބެލުމުގެ މަސައްކަތް ކުރިއަށް ގެންގޮސް، މެޖިސްޓްރޭޓް ކޯޓުތަކުގެ ތެރެއިން ހަތަރު ދާއިރާއެއްގެ ފަނޑިޔާރުންގެ ފެންވަރު ވަޒަން ކޮށްފައިވާ ކަމަށް ހިސާން ވިދާޅުވިއެވެ.