މާލޭގެ އަމީނީ މަގު ހަދަމުންދާއިރު އެ މަގުގައި ހުރި ގަސްތައް ކަނޑާ މައްސަލާގައި ގަސްތައް ކެނޑުން ވަގުތުން ހުއްޓުވުމަށާއި ގަސްތައް ނުކަނޑައި، އަމީނީ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހައުސިން މިނިސްޓްރީއަށާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މައްޗަށް އަމުރު ނެރެދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ މަނިކުފާނު އަނބުރާ ގެންދަވައިފިއެވެ.

ރައީސް ނަޝީދު އެ މައްސަލަ އަނބުރާ ގެންދަވާފައިވާތީ، މި ދައުވާ އެކުގައި އަނބުރާ ގެންދެވިފައިވާ ކަމަށް ކަނޑައަޅައި އެ ކޯޓުން މިއަދު ވަނީ އެ މައްސަލަ ނިންމައިފައެވެ.

މި މައްސަލަަ ކޯޓަށް ހުށަހަޅުއްވަމުން ރައީސް ނަޝީދު ވިދާޅުވެފައި ވަނީ، އަމީނީ މަގު ހެދުމަށްޓަކައި އެމަގުގައިހުރި ގަސްތައް އުފުރާކުމުގެ ސަބަބުން ތިމާވެއްޓާއި އާއްމު ސިއްހަތަށާއި، މޫސުމަށް ކުރާނެ ނޭދެވޭ އަސަރުތައް ރަނގަޅަށް ބަލައި ކަށަވަރު ކުރުމަކީ ޕްލޭނިންގ މިނިސްޓްރީ އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ގާނޫނީ ޒިންމާއެއް ކަމަށެވެ. ނަމަވެސް އެފަރާތުން އެ ޒިންމާތައް އަދާކޮށްފައިނުވާތީ އާއި ގަސްތައް ނުއުފުރައިވެސް މަގުހެދުމުގެ މަސައްކަތް ކުރެވެން އޮތްއިރު، ގަސްތައް އުފުރަމުން ދިއުމަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ބައިނަލް އަގުވާމީ މުއާހަދާތަކުން އެ ދެ އިދާރާގެ މައްޗަށް އޮންނަ ތިމާވެށި ހިމާޔަތް ކުރުުގެ ވާޖިބާ ހިލާފުވުން ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އެހެންކަމުން އެ ފަރާތުގެ މައްޗަށް އޮންނަ ތިމާވެށި ހިމާޔަތް ކުރުމުގެ ވާޖިބާ ހިލާފުވެފައިވާކަމަށް ކަނޑައަޅައި، އަމީނީ މަގުގައި ހައްދާފައިވާ ދުވަސްވީ ގަސްތައް ކެނޑުމާއި އުފުރުމާއި އަދި އެ ގަސްތަކަށް ގެއްލުންދިނުން ވަގުތުން ހުއްޓުވުމަށާއި، އެ ގަސްތައް ނުނަގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެ ދެފަރާތުގެ މައްޗަށް އަމުރު ކޮށްދިނުމަށް ރައީސް ނަޝީދު ކޯޓުގައި ވަނީ އެދިވަޑައިގެންފައެވެ.

ސިވިލް ކޯޓުން މިއަދު މި މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައިވާ ގޮތުުން، ދައުވާ ރައްދުވާ ދެ ފަރާތަށް މައްސަލައިގެ ލިޔުންތައް ފޮނުވުމުން ދައުވާއަށް އިންކާރުކޮށް އެ ދެ ފަރާތުންވެސް ދައުވާގެ ދިފާއު ކޯޓަށް ހުށަހެޅިއެވެ. ނަމަވެސް ދިފާއުގެ ރައްދު ހުށަހެޅުމަށް ރައީސް ނަޝީދަށް ދިން ފުރުސަތުގައި، މަދަނީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްގައިވާ 14 ދުވަހުގެ މުއްދަތު ފަހަނައަޅައި ދިޔައިރުވެސް ދިފާއުގެ ރައްދު ހުށަހަޅާފައެއް ނުވެއެވެ.

އަދި ރައީސް ނަޝީދުގެ ފަރާތުން ދިފާއުގެ ރައްދު ހުށަހަޅާފައިނުވާތީ، މި މައްސަލައިގެ އިބުތިދާއީ އަޑުއެހުމަށް ތާވަލު ކުރުމަށްޓަކައި ޓްރެކް ކަނޑައެޅުމުގެ މައުލޫމާތު ސާފުކުރާ ފޯމު މައްސަަލައިގެ ހަސްމުންނަށް ފޮނުވި ކަމަށާއި 15 ފެބްރުއަރީގައި ރައީސް ނަޝީދުގެ ފަރާތުނުް އެ ދައުވާ ނުވަތަ އެ ދައުވާއިން ބައެއް އަނބުރާ ގެންދިއުމަށް އެދި ކޯޓަށް ހުށަހެޅި ކަމަށް ބުނެފައިވެއެވެ.

ރައީސް ނަޝީދު ސިވިލް ކޯޓަށް މި މައްސަަލަ ހުށަހެޅުއްވި އިރު، ގަސްތައް ނެގުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދިވަޑައިގެން ވަކި މައްސަލައެއްވެސް ހުށަހެޅުއްވިއެވެ. ނަމަވެސް ތިން ނުކުތާއަކަށް ނިސްބަތްކޮށް އެ އަމުރު ދެވެން ނެތް ކަމަށް ކޯޓުން ނިންމިއެވެ.

އޭގެ ތެރޭގައި ހިމެނެނީ އަމުރަށް އެދޭ ފަރާތަށް ގާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުލޫއީ ހައްގެއް ނުވަތަ ގާނޫނީ މަރުކަޒެއް އޮތުމުގެ އިހުތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ގާއިމުވެފައިނުވާ ކަމާއި ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލު މައުލޫއީ ދައުވާ ލަސްވެގެން ހިނގައްޖެ ނަމަ އިޔާދަނުކުރެވޭނެ ފަދަ ނުރައްކަލަކާ ނުވަތަ ގެއްލުމަކާ ކުރިމަތިލާން ޖެހޭކަން އެނގެން ނެތް ކަމާއި ވަގުތީ އަމުރަށް އެދޭ ފަރާތަކީ މި އަމުރަށް އެދުމުގެ ސިފަތު ނުވަތަ ހައިސިއްޔަތު ގާނޫނީ ގޮތުން ލިބިގެންވާ ފަރާތެއް ކަމަށް ބެލެވެން ނެތުމެވެ.