Close
ފީފާ

ޕެނަލްޓީގައި ގޯލްކީޕަރުގެ ހަރަކާތްތައް މަދުކުރަން ޖެހޭނެ ގޮތަކަށް އުސޫލު ބަދަލުކޮށްފި

ޕެނަލްޓީގައި ގޯލްކީޕަރުގެ ހަރަކާތްތައް، ޕެނަލްޓީ ޖަހަންދާ ކުޅުންތެރިޔާއަށް އުނދަގޫ ނުވާނެ ގޮތަކަށް ބެހެއްޓުމަށް ބާރުއަޅާ އުސޫލުތަކެއް އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑް (އައިއެފްއޭބީ) އިން ފާސްކޮށްދިއެވެ.

ޕެނަލްޓީ ޖަހަންދާ ކުޅުންތެރިޔާގެ ފޯކަސް ގެއްލުވާލުމަށް ގޯލްކީޕަރުންގެ ފަރާތުން މިހާރަކަށް އައިސް ތަފާތު އުކުޅުތައް ބޭނުންކުރާތަން ފެނެއެވެ. އެގޮތުން އެންމެފަހުން މިދިޔަ އަހަރު ގަތަރުގައި ނިމިގެންދިޔަ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި އާޖެންޓީނާގެ ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒްގެ ފަރާތުންވެސް ކުޅުންތެރިޔާގެ ފޯކަސް ގެއްލުވާލުމަށް އުކުޅުތައް ބޭނުން ކުރިތަން ފެނުނެވެ. އޭނާއަކީ ޕެނަލްޓީގައި ކުޅަދާނަ ކީޕަރެއްގެ ގޮތުގައި ފެނިގެންދިޔައެވެ.

ގޯލްކީޕަރުންގެ ފަރާތުން ފެންނަ އެ ހަރަކާތްތައް ހުއްޓުވަން އައިއެފްއޭބީން ފާސްކުރި އާ އުސޫލުގައިވާ ގޮތުން، ޕެނަލްޓީ ޖެހުން ލަސްކުރަން ގޯލްކީޕަރަށް އެއްވެސް ކަހަލަ ޝަކުވާއެއްކޮށް، އެއްވެސް އަމަލެއް ނުހިންގޭނެއެވެ. އަދި ޕެނަލްޓީ ޖަހަންދާ ކުޅުންތެރިޔާއަށް އުނދަގޫވެދާނެތީ، ގޯލްކީޕަރުންނަށް ގޯލުގެ ދަނޑީގައި އަތްލާވެސް ނުހެދޭނެއެވެ.

އައިއެފްއޭބީގެ އާ އުސޫލަށް ގޯލްކީޕަރުންގެ ނުރުހުން ވަނީ އަމާޒުވެފައެވެ. ފްރާންސް އަދި އޭސީ މިލާންގެ ގޯލްކީޕަރު މައިކް މައިގްނަން ޓްވިޓާގައި "ބަހުން ޖެހުމުގެ" ގޮތުން ބުނެފައި ވަނީ 2026 ވަނަ އަހަރު ޕެނަލްޓީ ޖަހާއިރު ގޯލްކީޕަރުން ބޯޅައަށް ފުރަގަސް ދޭން ބުނާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ޕެނަލްޓީ މަތަވެއްޖެ ނަމަ، އެ ހިސާބުން ޕެނަލްޓީ ޖަހާ ޓީމަށް ނުރަސްމީ ޖެހުމެއް ދޭން އުސޫލެއް ހަދާފާނެ ކަމަށްވެސް މައިގްނަން ސަމާސާއަކަށް ބުނެފައިވެއެވެ.