ޗެލްސީގެ އިންގްލެންޑް ޑިފެންޑަރު ރީސް ޖޭމްސްއަށް އަނެއްކާވެސް އަނިޔާވެ، އިންގްލެންޑް ސްކޮޑު ދޫކޮށްލައިފިއެވެ.
އިންގްލެންޑުން ޔޫރޯ 2024 ގެ ކޮލިފިކޭޝަންގައި އެންމެފަހުން އިޓަލީއާ ދެކޮޅަށް ކުޅެ މޮޅުވި މެޗުގެ ފަހު 10 ވަރަކަށް މިނެޓަށް ނުކުތް ޖޭމްސްގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން މިހާރު ވަނީ އިންގްލެންޑް ސްކޮޑު ދޫކޮށްލައިފައެވެ. އަނިޔާގެ ކުޑަބޮޑުމިން ބަލައި، ސްކޭންތައް ފުރިހަމަ ކުރުމަށް ޖޭމްސް މިހާރު ވަނީ ޗެލްސީއަށް ގޮސްފައެވެ.
އިނގިރޭސި އެފްއޭއިން ބުނީ އުމުރުން 23 އަހަރުގެ ޖޭމްސް، އަނިޔާގެ އެސެސްމަންޓްތަކެއް ފުރިހަމަ ކުރުމަށް މިހާރު ޗެލްސީގެ މެޑިކަލް ޓީމާއެކު މަސައްކަތް ކުރަމުންދާ ކަމަށާއި އަނިޔާގެ އިތުރު ތަފުސީލު ކްލަބުން ހާމަކުރާނެ ކަމަށެވެ.
މި ސީޒަނުގެ ކުރީކޮޅުގައިވެސް ޖޭމްސްއަށް ވަނީ ބޮޑެތި އަނިޔާގެ މައްސަލަތަކަކާ ކުރިމަތިލާން ޖެހިފައެވެ. މިދިޔަ އަހަރުގެ ވޯލްޑް ކަޕްގެ ކުރިން ޖޭމްސްގެ ކަކުލަށް އަނިޔާވެ އެކަމުގައި ވޯލްޑް ކަޕް ގެއްލިފައިވާ އިރު، އޭގެ ފަހުން ޑިސެންބަރުގައި އެނބުރި އައިތަނުންވެސް ކަކުލުގެ އިތުރު އަނިޔާއަކާ ޖޭމްސްއަށް ވަނީ ކުރިމަތިވެފައެވެ.
ޖޭމްސްއަށް އަނިޔާވުން ވެގެންދާނީ އުނދަގޫ ހާލަތެއްގައި އޮތް ޗެލްސީއަށް މާޔޫސް ކަމަކަށެވެ. ޖޭމްސްއަކީ އެޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާއެވެ. މިހާތަނަށް ސީޒަނުގައި ޖޭމްސް ނެތި ކުޅެން ޖެހުނު މެޗުތަކުގައި ކޯޗު ގްރަހަމް ޕޮޓާއަށް ވަނީ އުނދަގޫތަކާ ކުރިމަތިވެފައެވެ.
އިންގްލެންޑުން ޔޫރޯ ކޮލިފިކޭޝަންގައި މާދަމާ ރޭ ކުޅެން އޮތީ ޔުކްރެއިންއާ ދެކޮޅަށެވެ. އެ މެޗަށް ޖޭމްސްގެ ބަދަލުގައި ސްކޮޑަށް އިތުރު ކުޅުންތެރިޔަކު ނަގަން ކޯޗު ގެރެތު ސައުތުގޭޓް ވިސްނުން ނުގެންގުޅޭ ކަމަށް މީޑިއާތަކުން ބުނެފައިވެއެވެ. ޖޭމްސް ކުޅޭ ފަޅިއަށް ކުޅޭ ޑިފެންޑަރު ލޫކް ޝޯއަށް އިޓަލީ މެޗުގައި ރަތް ކާޑު ދެއްކުމުން އޭނާ ސަސްޕެންޝަނުގައި ހުރި އިރު، ޔުކްރެއިން މެޗަށް ސައުތުގޭޓް އިތުރު ފޯމޭޝަނަކަށް ވިސްނަފާނެ ކަމަކަށް ބެލެވެއެވެ.
އިންގްލެންޑް
އިންގްލެންޑް
އިންގްލެންޑް