Close
ޚަބަރު

ސަރުކާރުގެ އަމާން އުދަރެސް ފްލެޓްތައް ބަލައިލުމުގެ ފުރުސަތު އާއްމުންނަށް ހުޅުވާލައިފި

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުން އަންނަ "އަމާން އުދަރެސް" ފްލެޓްތައް ބަލައިލުމުގެ ފުރުސަތު އާއްމުންނަށް ހުޅުވާލައިފިއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނި ގޮތުގައި މާދަމާއިން ފެށިގެން މި މަހުގެ ނިޔަލަށް އެ ފްލެޓްތައް ބަލައިލުމުގެ ފުރުސަތު އާއްމުންނަށް އޮންނާނެއެވެ. އަދި މިއީ ރޯދަ މަސް ކަމުން ފްލެޓްތައް ދެއްކުން އޮންނާނީ ހެނދުނު 9:00 އަކުން 11:00 އަށް ކަމަށްވެސް ބުންޏެވެ.

ފްލެޓްތައް ބަލައިލަން ބޭނުންވާ ފަރާތަކަށް ބުކިން ހައްދަން މިހާރު ހުޅުވާލައިފައިވާ އިރު، ކޮންމެ ބުކިން އަކަށް ވަދެވޭނީ ހަތަރު މީހުންނަށެވެ. ކޮންމެ ބުކިން އަކަށްވެސް ދާ މީހުންނަށް ފްލެޓް ބަލައިލަން ލިބޭނީ 15 މިނެޓެވެ. ބުކިން ހެއްދުމަށް ހާއްސަ ޕޯޓަލެއްވެސް އެ ކުންފުނިން ވަނީ ގާއިމްކޮށްފައެވެ.

ފްލެޓްތައް ހުރީ ކޮންސްޓްރަކްޝަން ސައިޓެއްގައި ކަމުން ފްލެޓް ބަލަންދާ އިރު، 12 އަހަރުން ދަށުގެ ކުދިން ނުގެންދެވޭނެ ކަމަށް އެފްޑީސީން ބުންޏެވެ.

އެފްޑީސީގެ "އަމާން އުދަރެސް" ފްލެޓްތަކަކީ އާއްމު ބޯހިޔާވަހިކަމަށް އިމާރާތްކުރެވޭ ޖުމްލަ 32 ޓަވަރުގެ ތެރެއިން 16 ޓަވަރެވެ. މިއީ 18 ބުރީގެ ޓަވަރުތަކަކަށްވީ އިރު، މި ޓަވަރުތައް އިމާރާތް ކުރުމަށް އެފްޑީސީން ހަވާލުކުރީ ދެ ކުންފުންޏަކަށެވެ.

މި މަޝްރޫއުގައި ހިމެނޭ 32 ޓަވަރުގެ ތެރެއިން 16 ޓަވަރު ނޭޝަނަލް ބިލްޑިންސް ކޮންސްޓްރަކްޝަން ކުންފުނި (އެންބީސީީސީ) އާ ހަވާލުކުރި އިރު، އަނެއް 16 ޓަވަރު ހަވާލުކުރީ ޖޭއެމްސީ ޕްރޮޖެކްޓްސްއާއެވެ. މީގެ ތެރެއިން ޖޭއެމްސީ ޕްރޮޖެކްޓްސްއާ ހަވާލުކުރީ "އަމާން އުދަރެސް"ގެ ޓަވަރުތައް އިމާރާތް ކުރުމަށެވެ.

މި ޓަވަރުތަކުގައި ހިމެނެނީ ތިން ކޮޓަރީގެ 2800 އެޕާޓްމެންޓާއި ދެ ކޮޓަރީގެ 1200 އެޕާޓްމެންޓެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަކީ 650 އަކަފޫޓްގެ ޔުނިޓްތަކެވެ. ތިން ކޮޓަރިއަކީ 900 އަކަފޫޓުގެ އެޕާޓްމަންޓްތަކެވެ.

މި ޓަވަރުތަކަކީ ސަރުކާރުގެ ސޮވެރިން ގެރެންޓީގެ ދަށުން އިންޑިޔާގެ އެގްޒިމް ބޭންކުން ދިން ދެ ލޯނަކުން އިމާރާތް ކުރާ ޓަވަރުތަކެކެވެ. އެއީ 110.5 މިލިއަން ޑޮލަރުގެ ލޯނަކާއި އަދި 116.45 މިލިއަން ޑޮލަރުގެ ލޯނަކެވެ.

އެފްޑީސީން ލަފާކޮށްފައިވާ ގޮތުގައި މި މަޝްރޫއުގެ ދަށުން 13 ޓަވަރެއްގެ މަސައްކަތް އެއްކޮށް ނިންމައި, އަންނަ އޮގަސްޓް މަހުގެ ތެރޭގައި އެ ތަނުގައި މީހުންނަށް ދިރިއުޅެވެން ފެށޭނެއެވެ. އެއީ 1,624 ފްލެޓެވެ.

"އަމާން އުދަރެސް"ގެ ޓަވަރުތައް ބަލައިލަން އާއްމުންނަށް ހުޅުވާލައިފައިވާ އިރު، އެފްޑީސީން ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށްވެސް އެ ފްލެޓްތަކުގެ މޮޑެލް އެޕާޓްމަންޓެއް ދައްކާލައިފައެވެ.