މިއަހަރު ޅ. ނައިފަރުގެ ބޮޑު މިސްކިތުގައި އިމާމުވެ ތަރާވީސް ނަމާދުކުރުމުގެ ފުރުސަތު ކުޑަކުދިންނަށް ދިނުމަށް ނިންމައިފިއެވެ.

މިދިޔަ ރޯދަމަހު އެކުދިން ލައްވައި އިމާމުވެ ދަމު ނަމާދުވެސް ވަނީ ކުރުވައިފައެވެ. އެފަހަރު އެކުދިން އެދުނީ މިއަހަރު ތަރާވީސް ނަމާދުކުރުމަށް ފުރުސަތު ދިނުމަށެވެ.

އެ ފުރުސަތު ތަނަވަސްކޮށްދިނުމުގެ ގޮތުން، ގުރުއާން ހިތުދަސް ކުރުމަށް މަސައްކަތްކުރަމުން އަންނަ ދަރިވަރުންނާއި ބޮޑު ބައެއް ހިތުދަސްވެފައިވާ ކުދިން ނައިފަރުގައި ތިބުމުން ކުޑަކުދިންނަށް ވަކި ކެޓަގަރީއެއް ހިމަނައިގެން، އިމާމުވެ ނަމާދުކުރުމަށް ޝައުގުވެރިވާ ކުދިން ހޯދުމަށް ނައިފަރު ކައުންސިލުން އިއުލާންކުރިއެވެ.

އެގޮތުން އެ ފުރުސަތުގެ ބޭނުން ހިފައި، މަސްޖިދުލްތަގްވާގައި އިމާމުވެ ނަމާދުކުރަން ހުށަހެޅީ، ގުރުއާން ހިފްޒުކޮށްފައިވާ ދެ ކުދިންނެވެ. އެއީ ގުރޭޑް އަށެއްގައި ކިޔަވަމުން އަންނަ 14 އަހަރުގެ އަބްދުﷲ ހަޔާން ހަމީދާއި އާސިރު އާރިފް ޔޫސުފެވެ.

ނައިފަރު ކައުންސިލުގެ ރައީސް މުހައްމަދު ރަޝީދު "ވަން" އަށް މިއަދު ވިދާޅުވީ އެ ދެކުދިންނަކީ މިދިޔަ ރޯދަމަހު އިމާމުވެ ދަމުނަމާދު ވެސް ކުރި ދެ ކުދިން ކަމަށާއި ރީތިކޮށް ގުރުއާން ކިޔަވައި ރަށު ފެންވަރުގައާއި ގައުމީ ފެންވަރުގެ އެކި ގުރުއާން މުބާރާތްތަކުން، އެ ކުދިން ވަނަވެސް ހޯދާފައިވާ ކަމަށެވެ. އަދި ގުރުއާން ގާތްގަނޑަކަށް އެއްކޮށް ހިތުދަސްކޮށްފައިވާ އެ ދެކުދިންނަށް ދަނީ ހާފިޒުކަން ދަސްކޮށްދެމުން ކަމަށްވެސް ވިދާޅުވިއެވެ.

"މިރަށުގައި ގުރުއާން ހިފްޒު ކުރާ ކުދިންގެ ވަރަށް ބޮޑު އުންމީދެއް އެއީ މިކަހަލަ ފުރުސަތެއް ލިބުން. ދެން އަޅުގަނޑުމެން ވެސް އެ ކުދިން ތަރައްގީކުރުމުގެ ގޮތުން މި ފުރުސަތު ފޯރުކޮށްދޭން ނިންމީ،" ކައުންސިލުގެ ރައީސް ރަޝީދު ވިދާޅުވިއެވެ.

ކުޑަކުދިން ލައްވައި، އެއް މިސްކިތުގައި ތަރާވީސް ކުރުވި ނަމަވެސް، އަނެއް ދެ މިސްކިތުގައި ތަރާވީސްކުރަނީ ބޮޑެތި މީހުންނެވެ. އަދި ކައުންސިލުން ނިންމާފައިވަނީ ހުރިހާ މިސްކިތެއްގައި ވެސް ކުޑަކުދިން ލައްވައި ދަމު ނަމާދު ކުރުވުމަށެވެ.

އެހެންކަމުން އެކަމަށް މިހާރު ވެސް ހަތް ކުއްޖަކު ފަރިތަކުރަމުން އަންނަ ކަމަށާއި މަހުރަޖަށް ކިޔަވާ އެ ދަރިވަރުންގެ ފަހަތުގައި ތިބެ ނަމާދުކުރުމަކީ އެ ރަށުގެ މީހުންނަށް ލިބޭ ފަހުރެއް ކަމަށް ރަޝީދު ވިދާޅުވިއެވެ.