ޗައިނާގެ މަޝްހޫރު ފޯނު އުފައްދާ ކުންފުނި، ވާވޭއިން ދެން ނެރޭ ފަތްޖެހޭ ފޯނު އާދަޔާ ހިލާފަށް ތުނިވާނެކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ފަތްޖެހޭ ފޯނުތަަކަކީ އާންމުކޮށް އައިފޯނުތަކަށްވުރެ އަތަށް ބޮޑު ފޯނުތަކެކެވެ. އާންމު ފޯނުތަކަށްވުރެ އަތަށްވެސް ބަރުވާނެއެވެ. އެހެން ނަމަވެސް މި ފަހަރު ނެރޭ އާ ފޯނު ކަމަށްވާ މެޓް އެކްސް3 އަކީ ގިނަ ބަޔަކު ހައިރާންކޮށްލާނެ ތުނި ފޯނެއް ކަމަށް ޓެކް ހަބަރުތައް އަންނަނީ ޔަގީންކޮށްދެމުންނެވެ. މިފޯނު ދައްކާލުމަށް މި ދިޔަ ބުރާސްފަތި ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާވޭގެ ފްލެގްޝިޕް ޕީ60 ސީރީޒްގެ ފޯނާއެކު ދުނިޔޭގެ އެންމެ ތުނި ފަތްޖެހޭ ފޯން މޭޓް އެކްސް3 ފޯނުވެސް މި ވަނީ ދައްކައިލައިފައެވެ.
މޭޓް އެކްސް3 ގައި 6.4 އިންޗީގެ ކަވަރ ސްކްރީނެއް ހުންނައިރު، އެ ސްކްރީން ދެބަައި އެއްކޮށްލުމުން ހުންނަނީ 7.85 އިންޗީގައެެވެ. އެހެންކަމުން ކުޑަ ޓެބްލެޓަކާ އެއްވަރުވާނެއެވެ. މި ފޯނު ސްކްރީނަށް ބޮޑު ޖާގައެއް ދިނުމުންވެސް މިހާރު މި ގެންގުޅޭ އައިފޯން 14 ޕުރޯއަށްވުރެ ތުނިވާނެއެވެ. ލައްޕައިލެވޭ ސްކްރީނެއް ހުރި ނަމަވެސް މޭޓް އެކްސް3 ގެ ބަރުދަނަކީ 239 ގްރާމް ކަމަށާއި ބޯމިނަކީ 5.3 އެމްއެމް ކަމުން އައިފޯން 14 ޕްރޯ މެކްސް އަށްވުރެ ތުނި އަދި ލުއިވެސް ވާނެއެވެ.
މާނައަކީ މޭޓް އެކްސް3 އަކީ މިހާރު ނެރެގެން އެންމެ ބޮޑު ވިޔަފާރީއެއް ކުރަމުން އަންނަ އައިފޯނުތަކަށް ވުރެވެސް ލުއި ފަތްޖަހައިލެވޭ (ފޯލްޑަބަލް) ހުރިހާ ފޯނުތަކަކަށްވުރެވެސް މި ފޯނު ކުރި ހޯދުމެވެ. ސެމްސަން އަދި އެ ނޫންވެސް ވާދަވެރި ކުންފުނިތަކުން ފަތްޖެހޭ ފޯނުތައް ނެރެގެން ވިއްކި ނަމަވެސް މީގެ ކުރިން ވާވޭއިން ނެރުނު މޭޓް އެކްސްއެސް 2 އިން ވަނީ އޭރުވެސް އެންމެ ލުއި ފޯނުގެ މަގާމު ހޯދައިފައެވެ.
ދުނިޔޭގެ މޯބައިލް ކުންފުނި ތަކުގެ ތެރޭގައި އެންމެ ބާރަށް ކުރިއަރަމުން އައި ޗައިނާގެ ވާވޭ ކުންފުނީގެ މޭޓް އެކްސް3 ގައި ވެސް ފްރީ ސްޓޮޕް ހިންޖެއް ހުންނާނެ ކަމަށް އެކުންފުނިން ބުނެ އެވެ. ކެމެރާގެ ފެންވަރު މަތި ވާހަކަ ދައްކާއިރު، މޭޓް އެކްސް3 ގައި 50 މެގަޕިކްސެލްގެ މައި ކެމެރާއަކާއި 13 މެގަޕިކްސެލްގެ އަލްޓްރާވައިޑް ކެމެރާއަކާއި 12 މެގަޕިކްސެލްގެ ޕެރިސްކޯޕް ސްޓައިލްގެ ޓެލެފޮޓޯ ކެމެރާއެއްވެސް ހިމެނޭނެއެވެ. މިއީ ފަސް ގުނަ އޮޕްޓިކަލް ޒޫމް ކުރެވޭނެ ކެމެރާއެކެވެ.
މޭޓް އެކްސް3 ފޯނުގެ ފެންވަރު ކުރީގެ ފޯނުތަކަށްވެރު ބޮޑުތަކުން މަތިކޮށްފައިވާ އިރު ފޯނުގެ ވަރުގަދަކަމަށްވެސް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ. އެގޮތުން މޭޓް އެކްސް3 އަށް ލިބުނު އެންމެ ބޮޑު ކުރިއެރުމަކީ އެއީ ފެން ނުވަންނަ ހަމައެކަނި ފަތްޖެހޭ ފޯނަށް ވުމެވެ. ފަތްޖެހޭ ފެން ނުވަންނަ ފޯނެއް ކުރިން ނެރެވިފައެއް ނުވެއެވެ. އެހެންނަމަވެސް މީޓަރަކަށްވުރެ އަޑީގައި މިފޯނަށް ކެތްކުރެވޭނެ އެވެ. މޭޓް އެކްސް3 އަކީ ފޮތެއްހެން ހުޅުވާލެވޭ އާދަޔާ ހިލާފަށް ތުނި ފޯނެއްކަމުން ފޮތް ކިޔުމަށާއި ބޮޑު އިސްކުރީންގައި ފިލްމު ބެލުމާއި ގޭމް ކުޅުމަށްވެސް މި ތުނި ފޯނު ވެގެންދާނީ އެންމެ ފަސޭހަ ފޯނަށެވެ.