Close
ޚަބަރު

އެންމެ ބޮޑު ގޮންޖެހުމަކީ މޮޅުވާ ކެންޑިޑޭޓުގެ ފަހަތަށް ނޭރުން ކަމަށް ވިދާޅުވެ، އަސްލަމްގެ ދައުވަތު ނަޝީދަށް

އެމްޑީޕީއަށް އިންތިހާބުތަކުގައި އަބަދުވެސް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެތެރޭގެ ޕްރައިމަރީ ކާމިޔާބުކުރާ ކެންޑިޑޭޓުގެ ފަހަތަށް ބަލިވާ ކެންޑިޑޭޓް ނާރާތީ ކަމަށް ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަންނަ މަހު ބާއްވާ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓް އިބްރާހިމް ޝާޒްގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ކ. ގުޅީގައި ރޭ ބޭއްވި ޖަލްސާގައި އަސްލަމް ވިދާޅުވީ، ޕްރައިމަރީތަކާއި އިންތިހާބުތަކަކީ އެމްޑީޕީން ފެށި ކަމަކަށްވާ އިރު، ފެންނަމުންދާ މަންޒަރަކީ ޕްރައިމަރީއަށް ފަހު ބަލިވި، ވާދަވެރި ކެންޑިޑޭޓު ނުވަތަ ކެންޑިޑޭޓުން ކާމިޔާބު ކުރާ ކެންޑިޑޭޓުގެ ފަހަތަށް ނާރާތަން ކަމަށެވެ.

އެގޮތުން 17 ވަނަ މަޖިލީހާއި 18 ވަނަ މަޖިލީހުގައިވެސް ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު އެމްޑީޕީއަށް ނުލިބުނީވެސް އެ ސަބަބާ ހުރެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

"ހާއްސަކޮށް ރިޔާސީ ޕްރައިމަރީގައިވެސް ބަލިވި ކެންޑިޑޭޓަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ފަހަތަށް އަރައިވަޑައިގަންވާށޭ، ޕާޓީގެ އުސޫލުތަކާއި ހަމަތަކާއި ޕާޓީ، ޕާޓީގެ ގޮތުގައި ހިފަހައްޓަވަން މަސައްކަތްކުރައްވާށޭ. އެއީ ރަނގަޅު ނަމޫނާއަކީ،" އަސްލަމް ވިދާޅުވިއެވެ.

ނިމިދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކުރި ހޯއްދަވައި ރިޔާސީ ޓިކެޓު ކަށަވަރުކުރައްވައިފައެވެ. އެ ޕްރައިމަރީގެ ނަތީޖާ ނަޝީދު ގަބޫލުފުޅުކުރެއްވި ނަމަވެސް އެމަނިކުފާނު ވަނީ ރައީސް ސޯލިހަށް ތާއީދު ނުކުރައްވަން ނިންމަވައިފައެވެ.

ނަޝީދުގެ ފެކްޝަނުން ވަނީ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީއާއެކުގައި މަސައްކަތްކުރަން ނިންމައި، މެނިފެސްޓޯއެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފައެވެ.

އަސްލަމްް އިތުރަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ 65 ތިއްބެވި ނަމަވެސް އޭގެ ތެރެއިން ބައެއް މެންބަރުންނަކީ އެމްޑީޕީގެ މެންބަރުންކަން ޔަގީންނުވާ މެންބަރުން ކަމަށެވެ. އެގޮތުން އެ މެންބަރުންނަކީ ޕީޕީއެމްގެ މެންބަރުންނަށްވުރެވެސް ބޮޑަށް އެމްޑީޕީގެ އަސާސްތަކާއި އުސޫލުތައް ކަމުނުދާ މެންބަރުން ކަމަށެވެ.