އަސްލު ލިޔުއްވީ: خــــــــرّم مـــــــــراد

ތަރުޖަމާ: عــبــد اللّـــه فــاروق حســن

ރަމަޟާންމަހުގެ ބަރަކާތާއި ބާއްޖަވެރިކަމުގެ ބަގީޗާއިން ވީހައިވެސް ގިނަ މަންފާތަކެއް ހޯއްދަވައި އެބަގީޗާއިން ވީހައިވެސްގިނަ މަލާއި މޭވާ ބިންނެވުމަށްޓަކައި ތިބާ ކުރައްވާންވީ ކޮންކަމެއްތޯއެވެ؟ އެމަހުގެ ރޯދަޔާއި ތަރާވީސްކުރެއްވުމުގައި، ކީރިތި ޤުރްއާން ކިޔަވައި ވިދާޅުވުމާއި އަޅުކަމާއި ޢަމަލުތަކުން ތަޤްވާގެ ހަކަތައާއި ބުންވަރު ހޯއްދެވޭނީ ކޮންގޮތަކަށް އެކަން ކުރައްވައިގެންތޯއެވެ. ދެން އަޅުގަނޑު މަސައްކަތްކުރާނީ މިސުވާލުތަކުގެ ޖަވާބު އެރުވޭތޯ ބަލައިލުމަށެވެ.

އެންމެފުރަތަމަ ކަމަކީ އެކަމަށް ނިޔަތްގެންނެވުމެވެ. އެކަމުގެ ޤަޞްދާއި ޢަޒުމު ކަނޑައެޅުއްވުމެވެ. ކަމަކަށް ނިޔަތްގަތުމަކީ އެކަމެއްގެ ޝުޢޫރު އުފެދި އިޙްސާސް ހޭލައްވައިލާ ކަމެކެވެ. އެކަމުގައި ކުރިޔަށްދިޔުމުގެ މަގުގައި ޙަރަކާތްތެރިކުރުވާ ކަމެކެވެ. ކަމަކަށް ޤަޞްދުކުރުމުން އޭގެނަތީޖާ ފެނިގެން އަންނަނީ އެކަމެއް އަދައިގެން މަސައްކަތްކުރުމުގެ ސިފައިގައެވެ.

ކަމެއްކުރާއިރު އެކަމެއްގެ މަޤްޞަދު ފުރިހަމަޔަށް އެކަށައެޅި ހިތުގައި ހަރުލެއްވުމާއި އެކަމެއް ޙާޞިލުކުރުމަށް ފައްކާ ޢަޒުމެއް ކަނޑައެޅުމަކީ ހަށިގަނޑަށްޓަކައި ފުރާނަ ބޭނުންވާ ފަދައިން ބޭނުންވާ ކަމެކެވެ. ނަމާދާއި ރޯދަޔާއި އެނޫންވެސް އަޅުކަމުގައި ނިޔަތްގަތުމަށް ބާރުއަޅުއްވައިފައިވާ ސަބަބަކީ އެއީއެވެ. ބަޔެއް ޢިލްމުވެރީންގެ އަރިހުގައި ނިޔަތުގެ ލަފުޒު ދުލުންކިޔުމާ ނުލައެއް ޢަމަލުތައް ޞައްޙައެއް ނުވެއެވެ. ނަމަވެސް ޢިލްމުވެރީންގެ ޖުމްހޫރުންކުރެ ވަރަށްގިނަ ބޭކަލުން ވިދާޅުވާގޮތުގައި ހިތުގައި އެކަމެއް އެކަށައަޅައި ނިންމުމަކީ ޢަމަލުތައް ޞައްޙަވާން ފުދޭކަމެކެވެ. ޝައްކެއްނެތެވެ. ނިޔަތުގެ ލަފުޒު ދުލުން ކިޔައިލުމުން ނުވަތަ ވަކިކަމެއްކުރާން ހިތުން ނިޔަތްގަތުމުން އެފުރިހަމަކުރެވެނީ އެކަމެއްގެ ފިޤުހީ ނުވަތަ ޤާނޫނީ ޝަރުޠެވެ. އެކަމަކު ނިޔަތާއި ޢަމަލުގެ ރޫޙު ޗާލޫވެ މަސައްކަތް ފަށައިގަންނަނީ ހިތާއި ސިކުނޑީގައި އެކަމެއްގެ މަޤްޞަދު ބިންވަޅު ނެގުމުންނެވެ. އެ މަޤްޞަދެއް ޙާޞިލުކުރުމުގެ ޢަޒުމު ހިތުގައި އުފެއްދުމުންނެވެ.

ތެދުފުޅެކެވެ. ދިރުން ހުންނަ ހަށިތަކާއި މަރުވެފައިހުންނަ ހަށިތަކުގައިވެސް ބަޔެއްފަހަރު ބޭރުފުށުން ތަފާތެއް ނުހުރެއެވެ. ބަލާބެލުމުގައި ފަރަޤެއް ނުކުރެވެއެވެ. އެކަމަކު ދިރުންހުންނަ ހަށިތަކުގައި ޙަރަކާތާއި ޢަމަލުގެ ބާރާއި ހަކަތަ އުފެއްދެއެވެ. ނަމަވެސް މަރުވެފައިވާ ހަށިތައްވަނީ ޙަރަކާތްތެރިކުރުވުމާއި ޢަމަލުކުރުވުމުގެ ބާރުން މަޙްރޫމުވެގެންނެވެ. ޢަމަލުތަކުގެ ދާއިރާގައިވެސް މިކަން އޮންނަނީ ހަމަ މިގޮތަށެވެ. ޢަމަލެއްގައި ޞައްޙަ ނިޔަތެއްގެ ރޫޙު ހުރިކަމުގައިވާނަމަ އެކަމެއްގެ އަސަރު އިތުރުވެއެވެ. އެކަމަކުން ނަތީޖާއެއް ނެރުވުމުގެ ބާރު އިތުރުވެއެވެ. ކައުސާހިބާ صـلّـــى اللّــــه عـلـيــه وســلّـــم އިރުޝާދު ދެއްވައިފައިވެއެވެ. ޢަމަލެއް ޞައްޙަވުމާއި އެކަމެއްގެ ބުރަދަން އިތުރުވުން ބިނާވެފައިވަނީ ނިޔަތުގެ މައްޗަށެވެ. (ބުޚާރީ: عـــن عــمـــــر رضـــى اللّــه عــنـــــه) އާދެ ކޮންމެ އިންސާނަކަށްވެސް ލިބޭނީ އެމީހަކު ނިޔަތްގަތްކަމެކެވެ.

ކަމެއްކުރާއިރު ނިޔަތެއް އޮންނާންޖެހެއެވެ. އެއީ ޞައްޙަ ނިޔަތެއްކަމުގައިވެސް ވާންޖެހޭނެއެވެ. ހަމައެފަދައިން ނިޔަތް ޚާލިޞްވާންވެސް ޖެހޭނެއެވެ. އާދޭހެވެ. ކޮންމެކަމެއްވެސް ކުރާންވާނީ ހުސްއެކަނި މާތް اللّـــه ގެ ރުހިވޮޑިގަތުން އަދައިގެންނެވެ. އެކަމެއްގެ އަޖްރާއި ސަވާބުގެ ދަހިވެތިކަމުގައެވެ. ތިބާގެ ނިޔަތް ޚާލިޞް ނޫންކަމުގައިވާނަމަ އަދި ތިބާ އެކަމެއް ކުރެއްވީ ހަމައެކަނި މާތް اللّـــه އަށްޓަކައި ކަމުގައި ނުވާނަމަ އެކަމެއް ޤަބޫލެއް ނުކުރައްވާނެއެވެ. ތިބާގެ މަސައްކަތްޕުޅުގެ ދަރުމައާއި ސަވާބުދާނީ ގެއްލިގެންނެވެ.

ނިޔަތަކީ ޢަމަލުކުރެވުމުގެ ތައުފީޤު ލިބުންއެދޭ އެދުމެއްވެސްމެއެވެ. އެ އެދުން ފާޅުކުރުމެއްވެސްމެއެވެ. އެކަމަކަށް ހިތްކިޔުމެއް ނުވަތަ މުހުތާދުވުމެއް ކުރީއްސުރެ އުފެދިފައި ނެތްކަމުގައިވިޔަސް ނިޔަތްގަތުމުން އެ އެދުން ހިތުގައި އުފައްދައެވެ. ކަމަކަށް ދަހިވެތިވުމާއި އެކަމެއް ބޭނުންވުމުގެ ޝުޢޫރު ހިތުގައިވާނަމަ ޢަޒުމާއި ހިތްވަރު އުފައްދައިދެއެވެ. ޤަޞްދާއި ޢަޒުމާއި ހިތްވަރާއި ކެރުމަކީ އަޅުގަނޑުމެން ޙަރަކާތްތެރިކުރުވާ ބާރެވެ. މިއީ އެކަންކަމާނުލައި އެއްވެސް މަގެއް ކަޑައްތު ނުކުރެވޭނެ އަސާސީ ސިފައެކެވެ. ރަމަޟާން މުބާރިކުގެ ބަރަކާތްތެރި ދަތުރުވެސް ތިބާ ޤަޞްދުކުރައްވާ މަންޒިލަށް ވާސިލުކޮށްދޭނީ ޤަޞްދަކާއި ޢަޒުމެއް އޮވެގެންނެވެ. އެކަމަށް ކެރިކުޅަދާނަވެ ހަކަތައާއި ބާރު ލިބިފައި އޮވެގެންނެވެ.

ބަރަކާތްތެރި ރަމަޟާންމަހަށް އިސްތިޤްބާލު ކުރެއްވުމަށްޓަކައި ތިބާ އެންމެފުރަތަމަ ކުރައްވާންވީ ކަމަކީ، ރަމަޟާންމަހުގެ މަތިވެރި މަޤާމާއި އެމައްސަރު އަޅުގަނޑުމެންނަށް ގެނެސްދޭ މެސެޖާއި އޭގެ މަޤްޞަދާއި އެމަހުގެ މަތިވެރިކަމާއި ބަރަކާތުގެ އިޙްސާސް ހިތްޕުޅުގައި އުފެއްދެވުމެވެ. އެ ޝުޢޫރު ތާޒާކުރެއްވުމެވެ. ވަރުގަދަކުރެއްވުމެވެ. ތިބާ މިމަހު ކުރައްވާ އަޅުކަމުގެ ޒަރީޢާއިން ތިބާގެ ކިބައިގައި ތަޤްވާވެރިކަން އުފައްދަވަން މަސައްކަތްކުރެއްވުމުގެ ނިޔަތްގެންނެވުމެވެ. ރޯދައިގެ ޙާޞިލަކީ އެއީމެއެވެ. މާތް اللّـــه ގެ ދީން އެދޭ ތައްގަނޑަށް ތިބާ ފައްތައި قــــران كـــــريـــــم ގެ މުހިންމަތު ފުރިހަމަކުރެއްވުމުގެ ޤާބިލުކަން ތިބާގެ ކިބައިގައި އުފެދޭނީ އޭރުންނެވެ. އެހެންކަމުން އަރަހުށި މާތް اللّـــه سبحـــانــــه وتــعــــالــــى ރޯދަމަހުގައި ކުރަން ތިބާގެ މައްޗަށް ފަރުޟުކުރައްވައިފައިވާ ކަންކަން ކުރެއްވުމަށް ޢަޒުމު ކަނޑައަޅުއްވާށެވެ. އިސްލާމްދީނުގެ ނަބިއްޔާ صـلّـــى اللّــــه عـلـيــه وســلّـــم ރޯދަމަހުގައި ތިބާކުރައްވަން ބާރުއަޅުއްވައިފައިވާ ކަންކަމަށް ސަމާލުކަން ދެއްވުމަކީ ތިބާގެ މަޤްޞަދެއް ކަމުގައި ހައްދަވާށެވެ. ތިބާގެ ދުވަހު މަސައްކަތުގެ ތާވަލުގެ މުހިންމު ބައިތަކެއްކަމުގައި އެކަންކަން ހައްދަވާށެވެ. رمــضـــان كـــــريـــــم ގެ ފުރިހަމަ މަންފާ ޙާޞިލުކުރެއްވޭނީ އޭރުންނެވެ. އެކަންކަމަށް ގަދައަޅުއްވައި މަސައްކަތް ކުރައްވާށެވެ.

މި މަޤްޞަދު ޙާޞިލުކުރެއްވުމަށްޓަކައި ރަމަޟާންމަސް ފެށުމުގެ ކުރީއްސުރެ ތިބާގެ އާދަޔަކަށް ހައްދަވާށެވެ. ނުވަތަ ރަމަޟާންމަސް ފެށުމާއެކު ކޮންމެ ރެޔަކުވެސް ދެގަޑިޔެއްހައިއިރު އެހެންމީހުނާ އެކަހެރިވެވަޑައިގެން އިންނެވުން އާދަކުރައްވާށެވެ. ތިބާ ތިޔަ އިންނެވީ މާތް اللّــــه ގެ ޙަޟުރަތަށް ކުއްތަންވެވަޑައިގެންކަމަށް ތަޞައްވުރަށް ގެންނަވާށެވެ. އެކަލާނގެއަށް ޙަމްދާއި ސަނާ ވިދާޅުވާށެވެ. ޒިކުރު ކުރައްވައި ތިބާގެ ފާފަތަކަށް އިސްތިޣުފާރު ވިދާޅުވާށެވެ. މާތް اللّـــه ގެ ނަބިއްޔާ صـلّـــى اللّــــه عـلـيــه وســلّـــم އަށް ޞަލަވާތް ވިދާޅުވާށެވެ. އަންނާންއޮތް މައްސަރުތަކުގައިވެސް މިކަންކަން މިމަގަށް ކުރެއްވުމުގެ ޢަޒުމު ކަނޑައަޅުއްވާށެވެ. މިކަމަށް ބާރުއަޅާ ލިޔުންތައް ދޭތެރެދޭތެރެއިން ވިދާޅުވެ ހަނދުމަފުޅު ތާޒާކުރައްވާށެވެ. އަރަހުށި މާތް اللّـــه سبحـــانــــه وتــعــــالــــى ގެ ޙަޟުރަތުން ތައުފީޤާއި ބާރުއަޅުއްވައިދެއްވުން އެދިވަޑައިގަންނަވާށެވެ. އެކަލާނގެ މަގުގައި ތިބާގެ ފިޔަވަޅުތައް ސީދާކުރައްވައި ކުރިޔަށް ގެންގޮސްދެއްވުން އެދިވަޑައިގެން ދުޢާކުރައްވާށެވެ.