Close
ޚަބަރު

މަޑަވެލީގައި އަންހެނަކަށް އަނިޔާކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

މުހައްމަދު އިޝާން

ގދ. މަޑަވެލީގައި އަންހެނަކަށް އަނިޔާކުރި މައްސަލައިގައި ހައްޔަރުކުރި ފިރިހެން މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

ފުލުހުން ވަނީ އެ މައްސަލައިގައި 30 އަހަރުގެ އެ ފިރިހެން މީހާ އިއްޔެ ހައްޔަރުކޮށްފައެވެ.

ފުލުހުން މިރޭ ބުނީ އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މަޑަވެލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

އެ އަންހެން މީހާއަށް އަނިޔާކޮށް، މަގުމަތީގައި ދަމާފައި ގެންދާ މަންޒަރު ފެންނަ ވީޑިއޯތަކެއް "ވަން" އަށް ވަނީ ލިބިފައެވެ. އެ ވީޑިއޯތަކުން ފެންނަ ގޮތުގައި ފިރިހެން މީހާ އަންހެން މީހާ ދަމާފައި ގެއިން ނެރޭ މަންޒަރު ފެނެއެވެ. އެވަގުތު އެ ސަރަހައްދުގައި މާހެފުމެއްވެސް ކުރިއަށްދެއެވެ. އަދި އެތަނުގައި އެރަށުގެ ބައެއް މީހުންވެސް އެވަގުތު ތިއްބެވެ.

ވީޑިއޯތަކުން ފެންނަ ގޮތުގައި އަންހެން މީހާގެ އެއް އަތުގައި ހިފައިގެން މަގުމަތިން ދަމާފައި ފިރިހެން މީހާ ގެންދެއެވެ. އަދި އެގޮތަށް ގެންދިޔަ އިރުވެސް އޭނާ ގައިގައި ތަޅައި އަނިޔާ ކުރާ މަންޒަރުވެސް ފެނެއެވެ. އަދި ފަހުން އަންހެން މީހާގެ ކަރުގައި ހިފައި، އަނިޔާ ކުރަން ފެށުމުން، އެސަރަހައްދުގައި ހުރި ފިރިހެނަކު ވަނީ އޭނާ ހުއްޓުވައިފައެވެ. އެއިރުވެސް އެ ފިރިހެން މީހާ، އަންހެން މީހާގެ އަތަށް ދަމަން މަސައްކަތް ކުރަމުންދާ މަންޒަރު ފެނެއެވެ.

އެނގިފައިވާ ގޮތުގައި ފިރިހެން މީހާ އަނިޔާކޮށްފައިވަނީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ އަންހެން މީހާއަށެވެ. 30 އަހަރުގެ އެ އަންހެން މީހާއަކީ އެހެން ރަށެއްގެ މީހެކެވެ.

އެރަށުން "ވަން" އަށް މައުލޫމާތު ދިން މީހަކު ބުނީ، މީގެ ކުރިންވެސް އެ އަންހެން މީހާއަށް، ފިރިހެން މީހާ އަނިޔާކުރާ ކަމަށެވެ. އެމީހާއަކީ ކުށުގެ ރެކޯޑެއްވެސް އޮންނަ މީހެއް ކަމަށާއި މީގެ ކުރިން މަސްތުވާތަކެތީގެ މައްސަލަތަކުގައި އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ އަންހެން މީހާ ވަނީ ފުލުހުންގެ ރައްކާތެރިކަމާއެކު އެހެން ރަށަކަށް ގެންގޮސްފައެވެ. ޖެންޑާ މިނިސްޓްރީން ބުނެފައިވަނީ އަންހެން މީހާއަށް ނަފުސާނީ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.