Close
ޚަބަރު

ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅުން: އެންއައިސީން ވެސް ތަހުގީގު ކުރަނީ

އިދިކޮޅު ޕީޕީއެމް/ޕީއެންސީން ހޯދަ ދުވަހުގެ ރޭ ކުރި މުޒާހަރާގެ ބައިވެރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ މޮޓޯކޭޑަށް ހުރަސްއަޅައި ހުއްޓުވައި، ސެކިއުރިޓީ ބްރީޗްވި ގޮތުގެ ތަހުގީގެއް ހިންގަން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ވެސް ނިންމައިފިއެވެ.

މުޒާހަރާގެ ބައިވެރިން ރައީސް ސޯލިހުގެ މޮޓޯކޭޑަށް ހުރަސް އެޅީ، ހުޅުމާލޭގައި ބޭއްވި ރެހެންދި އެވޯޑް ހަފުލާއަށް ފަހު، ބޮޑުތަކުރުފާނު މަގުން އެމަނިކުފާނު ވަޑައިގަންނަވަނިކޮށް، ޕީޕީއެމް އޮފީސް ކައިރިންނެވެ. އެވަގުތަކީ އާރަށު ކޮރަޕްޝަން މައްސަައިގައި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމަށް ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް ޕީއެންސީން މުޒާހަރާ ކުރަމުންދިޔަ ވަގުތެވެ.

ރައީސްގެ ކާރުކޮޅު ހުއްޓުވައި އެމަނިކުފާނު ކުރިއަށް ވަޑައިގަތުމަށް ފުރުސަތު ނުދިނުމުން، އެންމެ ފަހުން ރައީސްގެ މޮޓޯކޭޑު ފަހަތަށް އަނބުރާލައި، އެހެން މަގަކަށް އަޅައިގެން ދިޔައެވެ.

އެންއައިސީން މިއަދު ކުރި ޓްވީޓެއްގައި ބުނީ ރައީސް ސޯލިހު ދަތުރުކުރެއްވި މޮޓޯކޭޑް އާއްމުންގެ ބަޔަކު ހުރަސް އަޅައި ހުއްޓުވި މައްސަލައިގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ދެއްވަމުން ގެންދަވާ ސެކިއުރިޓީގައި ފުލުހުންގެ ދައުރެއް އޮތްތޯ އާއި އެކަމުގައި ފުލުހުންގެ އިހުމާލެއްވޭތޯ ބެލުމަށް އެ ކޮމިޝަނުން އިސްނަގައިގެން ތަހުގީގެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެންއައިސީން އެ މައްސަލައިގެ ތަހުގީގެއް ކުރަން ނިންމާފައިވާ އިރު، ފުލުހުން ވަނީ ސެކިއުރިޓީ ބްރީޗްވި ގޮތާ ބެހޭ ރިޕޯޓެއް އިއްޔެ ރައީސް ސޯލިހަށް ހުށަހަޅައިފައެވެ. އަދި ޑިފެންސް މިނިސްޓްރީން ވެސް އެކަމުގެ ތަހުގީގު ނިންމައި މިއަދު ރިޕޯޓް ހުށަހަޅާނެ ކަމަށް ރައީސް އިއްޔެ ވަނީ ވިދާޅުވެފައެވެ.

އެމްއެންޑީއެފުން އިއްޔެ ވަނީ ރައީސް ސޯލިހް ދަތުރުކުރެއްވި މޮޓޯކޭޑަށް ބަޔަކު ހުރަސްއެޅުމާ ގުޅިގެން ހިނގައި ދިޔަ ކަންކަން ބެލުމަށް ހާއްސަ ކޮމެޓީއެއް އެކުލަވާލައިފައެވެ. މި ކޮމެޓީއަކީ ދިފާއީ ބާރުގެ ލީޑާޝިޕްގެ މަޝްވަރާގެ މަތިން، ދިފާއީ ވަޒީރު މާރިޔާ އަހުމަދު ދީދީ އުފައްދަވާފައިވާ ކޮމެޓީއެކެވެ.

އޭގެ އިތުރުން އެ މައްސަލައާ ގުޅިގެން ޕްރެޒިޑެންސަލް ގާޑްސްގެ ކޮމާންޑިން އޮފިސަރުގެ މަގާމުގައި ހުންނެވި ކާނަލް އަބްދުالله އިބްރާހިމް މަގާމުގެ މަސްއޫލިއްޔަތާއި ޒިންމާތަކުން ވެސް ވަނީ އެކަހެރިކޮށްފައެވެ. ޕްރެޒިޑެންސަލް ގާޑްސް ވަގުތީ ގޮތުން ހިންގެވުން މޭޖަރު އިބްރާހިމް ހަލީމްއާ ވަނީ ހަވާލުކޮށްފައެވެ.