ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގައި ހޯދަން އިއުލާންކޮށްފައިވާ ސ. މަރަދޫ ފޭދޫ ރަށްދެބައިގެ، އިބްރާހިމް ފައިހް ނިޒާމް އަމިއްލައަށް ފުލުހަށް ހާޒިރުވެއްޖެއެވެ.
ފުލުހުން މިރޭ ބުނީ އޭނާ ފުލުހަށް ހާޒިރުވުމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
"ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގައި ފުލުހުން ހޯދަން އިއުލާން ކޮށްފައިވާ ސ. މަރަދޫފޭދޫ، ރަށްދެބައިމަގު، އިބްރާހީމް ފައިހު ނިޒާމް މިރޭ އަމިއްލަޔަށް ފުލުހަށް ހާޒިރުވުމުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި،" ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ މިއަދު ފައިހު ހޯދުމަށް މާލޭގައި އޮޕަރޭޝަނެއްވެސް ކުރިއަށް ގެންގޮސްފައެވެ.
ފައިހު ހައްޔަރުކުރިޔަ ނުދިނުމަށް އޭނާ ފޮރުވައި ހިމާޔަތްދިން ކަމުގެ ތުހުމަތުގައި ފުލުހުން ވަނީ ފަސް މީހަކު ހައްޔަރުކޮށްފައެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ތިން މީހެއްގެ ބަންދަށް 15 ދުވަސް ޖަހައި ދެން ތިބި ދެ މީހުން ދޫކޮށްލައިފައެވެ.