Close
ޚަބަރު

ރައީސް ސޯލިހުގެ މޮޓޯކޭޑަށް ހުރަސްއެޅުުން: ސަލާމަތީ ބާރުތަކުން ކަންކުރިގޮތް 241 ކޮމިޓީން ބަލަނީ

އިބްރާހިމް ޒަކީ

އާރަށު ކޮރަޕްޝަން މައްސަައިގައި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމަށް ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް ޕީއެންސީން ރޭ ކުރި މުޒާހަރާގެ ބައިވެރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ މޮޓޯކޭޑަށް ހުރަސްއަޅައި ހުއްޓުވަން ދިމާވި މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ (241) ކޮމިޓީން ނިންމައި އެކަމުގައި ސަލާމަތީ ބާރުތަކުން ކަންތައް ކުރި އޮތް އޮޅުން ފިލުވަން ނިންމައިފިއެވެ.

ޓޫފޯވަން ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް އެ މައްސަލަ ހުށަހެޅުއްވީ އެ ކޮމިޓީގެ މުގައްރިރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ.

އަސްލަމް މި މައްސަލަ ހުށަހެޅުއްވުމުން، ހަނިމާދޫ ދާއިރާގެ މަޖިލިސ މެމްބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ބޮޑީގާޑަކަށް ވެސް އުޅުއްވި އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވަނިކޮށް، ކުރިމައްޗަށް އަރާ މޮޓޯކޭޑް ނުހުއްޓުވޭނެ ކަމަށެވެ.

"މަގު ފުރެންދެން މީހުން އޮތުން އަދި އެއީ އެހެން ސިނާރިއޯއެއް، އެހެންވީމަ ގަސްތުގައި ރައީސްގެ މޮޓޯކޭޑް ހުއްޓުވާފައިވާނަމަ އެ ބައެއްގެ މައްސަލަވެސް ބަލަން ޖެހޭނެ، އަދި އެމްއެންޑީއެފުން ކީއްވެގެންތޯ އެސަރަހައްދަށް އައިސް ވަަނީ، އެ ދެ މައްސަލަ މިއުޅެނީ، މި ދެމައްލަ ކޮމިޓީން ބަަލަން އަޅުގަނޑު ހުށަހަޅަން،" ގަޕޯ ވިދާޅުވިއެވެ.

ތުޅާދޫ ދާއިރާގެ މެންބަރު އަދި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް ހިސާން ހުސެއިން ވިދާޅުވީ، ރައީސްގެ ސެކިއުރިޓިއާ ހަވާލުވެތިބި މުއައްސަސާތަކުން ކަންތައް ކުރެއްވި ގޮތްވެސް މި މައްސަލައިގައި ބަލަންޖެހޭ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވިޔަސް ދައުލަތުގެ އިސްވެރިއެއްގެ މޮޓޯކޭޑަށް ވިޔަސް، އެގޮތަށް ހުރަސް އެޅުމުގެ ފުރުސަތު ލިބިގެންނުވާނެ ކަމަށާއި، އެހެންކަމުުން، އެ ފުރުސަތު ފަހިވިގޮތްތަކާއި އެކަން ހިނގާދިޔަގޮތް ބެލުމަކީ ކުރަންޖެހޭ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

އެ ހާދިސާހިނގުމަށްފަހު ސެކިއުރިޓީ ފޯސަސްއިން އަމަލުކުރި ގޮތާއި، ގެނައި ޗޭންޖު ކޮބައިތޯ އާއި އެކަމުގެ ތަހުގީގު ހިނގަމުންދަނީ ކިހިނެއްތޯ، ބަލަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބު ވިދާޅުވީ، ކޮމިޓީން އެކަންތައްތައް ބަލާއިރު "އެެކަހަލަ ސިޗުއޭޝަނެއްގައި ކިހާއިރަކުންތޯ ބެކަޕް ފޯސްއަށް އެތަނަށް އާދެވޭނީ، ކުއިކް ރެސްޕޮންސް ޓީމެއް އޮވޭތޯ، ރައީސްގެ ކާރުކޮޅު އެތާ 15 މިނެޓްވީއިރު ސްޕެޝަލް ފޯސް ނޫނީ އެތަނަށް އަންނަން އޮންނަ ބައެއް އައިތޯ، އެސްއޯޕީގަ އޮންނަ ޓައިމަށް އައިތޯ ފުލުހުންނާ ކޯޑިނޭޓްކުރިތޯ ބަލަންޖެހޭ،" ކަމަށެވެ.

މެންބަރުންގެ ހުށަހެޅުއްވުންތަކާ ގުޅިގެން އަސްލަމް ވިދާޅުވީ، އެކަންތައް ހިނގާދިޔަ ގޮތުގެ ތަފްސީލް ހޯދުމަށް ފުލުހުންނާއި ސިފައިންނަށް ހުށަހަޅުއްވާނެ ކަމަށެވެ. އަދި އެމައުލޫމާތުތައް ލިބުނުހާ އަވަހަކަށް ކޮމިޓީއާ ހިއްސާކޮށް އިތުރު މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށްވެސް ވިދާޅުވިއެވ.