ބައިނަލްއަގުވާމީ ބޮޑީބޯޑިންގެ ވޯލްޑް ޓުއާގައި ހިމެނޭ ޝަރަފުވެރި ބޮޑީބޯޑިން މުބާރާތް، މޯލްޑިވްސް ޕްރޯ މިއަހަރުވެސް ރާއްޖޭގައި ބާއްވަން އިންޓަނޭޝަނަލް ބޮޑިބޯޑިން ކޯޕަރޭޝަން (އައިބީސީ) އިން ތާވަލު ކޮށްފިއެވެ.
މިދިޔަ އަހަރުވެސް ރާއްޖޭގައި "ވިސިޓް މޯލްޑިވްސް ޕްރޯ 2022" ގެ ނަމުގައި ދުނިޔޭގެ ބޮޑީބޯޑިން ޓުއާގެ އިވެންޓެއް ހޯސްޓް ކޮށްފައިވާ އިރު، އެ މުބާރާތް ފެނުނީ ވަރަށް ކާމިޔާބު މުބާރާތެއްގެ ގޮތުގައެވެ. ހާއްސަކޮށް ދުނިޔޭގެ ޗެމްޕިއަން ބޮޑީބޯޑަރުންނާއެކު ދިވެހި އެތުލީޓުންގެ ތަފާތުވެސް ފެނިގެން ގޮސްފައިވެއެވެ. ރާއްޖޭގެ ހޯސްޓިންނަށް އައިބީސީންވެސް ތައުރީފު ކޮށްފައިވެއެވެ.
މިފަހަރުގެ ވޯލްޑް ޓުއާ އިވެންޓްގެ ކަލަންޑަރު އިއުލާން ކޮށްފައިވާ އިރު، ރާއްޖޭގައި ބާއްވާ މޯލްޑިވްސް ޕްރޯ އޮންނާނީ އޮގަސްޓް ތިންވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށެވެ. މިފަހަރު ރާއްޖޭގައި ބާއްވާ އިވެންޓަކީ ވޯލްޑް ޓުއާގެ އިވެންޓްތަކުގެ ތެރެއިން ދެވަނައަކަށް އެންމެ ބޮޑު ފައިސާގެ އިނާމެއްވެސް ހުށަހަޅާފައިވާ އިވެންޓެވެ. ރާއްޖޭގައި ބާއްވާ އިވެންޓްގެ ޖުމުލަ ފައިސާގެ އިނާމަކީ 70،000 ޑޮލަރެވެ.
މިއަހަރުގެ ފުރަތަމަ ވޯލްޑް ޓުއާ އިވެންޓަކީ އަންނަ އޭޕްރީލް މަހު 20 ވަނަ ދުވަހު ބްރެޒިލްގައި ފަށާ ވަހީން ބޮޑީބޯޑް ޕްރޯއެވެ. މިއަހަރު ބާއްވާ އެންމެ އަގުބޮޑު މުބާރާތަކަށް ވެގެންދާނީ ޗިލީގައި ބާއްވާ އަންޓޮފަގަސްޓާ ބޮޑީބޯޑް ފެސްޓިވަލްއެވެ. އެ އިވެންޓްގެ ޖުމުލަ ފައިސާގެ އިނާމަކީ 75،000 ޑޮލަރެވެ.
ރާއްޖޭގައި ބާއްވާ ބޮޑީބޯޑިން ޓުއާ ފުރިހަމަ ކުރުމަށް މިހާރުން ފެށިގެންވެސް އެމްބީބީއޭއިން މަޝްވަރާތައް ކުރަމުންދާ އިރު، އެ އެސޯސިއޭޝަންގެ ރައީސް އަބްދުﷲ އަރީފް (ފުކޫ) އާއި ޖެނެރަލް ސެކްރެޓަރީ ހަސަން ރަޝީދު (ރަޝް)، ޓްރެޝަރާ އަހުމަދު ޝާފިއު އަދި ރާއްޖޭގެ ތާރީހު ދުށް އެންމެ ވަރުގަދަ ބޮޑީބޯޑާ، ރާއްޖޭގެ ޗެމްޕިއަން އަލީ ހުޝްރުވާން (ކުޑަ އައްޔަ) އިއްޔެ ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކޮށްފައެވެ.
އެމްބީބީއޭއިން ބުނީ ރައީސާއެކު ދެކެވުނު ވާހަކައިގައި މިދިޔަ އަހަރު މުބާރާތުގެ ކާމިޔާބުކަން ރައީސް ފާހަގަކުރެއްވި ކަމަށާއި ރައީސްގެ ފަރާތުން ބޮޑީބޯޑިންނަށް ލިބެމުންދާ ހިތްވަރަށް ޝުކުރު އަދާކުރާ ކަމަށެވެ. އެމްބީބީއޭއިން ފާހަގަކުރީ ބައިނަލްއަގުވާމީ މުބާރާތްތައް ގެނެސް، ރާއްޖޭގައި ބޮޑީބޯޑިންނަށް ކުރެވެމުންދާ މަސައްކަތުގައި ރައީސްގެ އިސްނެންގެވުން ފުރިހަމަ ކަމަށެވެ.
ބޮޑީބޯޑިންނަކީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއަށް އެންމެ ކާމިޔާބު އެއް ކުޅިވަރެވެ. މީގެ ކުރިންވެސް ތާރީހީ މެޑަލްތަކެއްވެސް ބޮޑީބޯޑިންއިން ރާއްޖެއަށް ގެނެސްދީފައިވާ އިރު، މިދިޔަ އަހަރުގެ ބައިނަލްއަގުވާމީ މުބާރާތުގައިވެސް ދިވެހި އެތުލީޓުން ވަނީ ތާރީހީ ކާމިޔާބީތަކެއް ހޯދައިފައެވެ. ދުނިޔޭގެ ޗެމްޕިއަނުންނާ ވާދަކޮށް ކުޑަ އައްޔަ ތަފާތު ދެއްކި އިރު، ކުޑަ އައްޔަވަނީ ވިޒިޓް މޯލްޑިވްސް ޕްރޯގެ ފިރިހެން އޯޕަން ބައިގެ ކުއާޓާ ފައިނަލުގައިވެސް ވާދަކޮށްފައެވެ. އަދި އެ މުބާރާތުގެ ޑްރޮޕް ނީ ކެޓަގަރީގެ ސެމީ ފައިނަލުގައިވެސް ކުޑަ އައްޔަ ވާދަކުރިއެވެ. ހަމައެއާއެކު އާމިން އުމަރު މޫސާ ވަނީ ޖޫނިއާ ބައިން ފައިނަލަށް ގޮސް، ރާއްޖެ ފަހުރުވެރިކޮށްދީފައެވެ.
އެ ދެ ކުޅުންތެރިންވެސް މިދިޔަ އަހަރު ނިންމާލީ ރާއްޖޭގެ ތާރީހުގައި ލިޔެވުނު ރަނގަޅު ރޭންކިންނަކާ އެކުގައެވެ.
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)