Close
ފުޓްސަލް

ޕްރެޝަރު ބޮޑުވެ، އެފްއޭއެމުން ފުޓްސަލް ލީގެއް ބާއްވަން އިއުލާނުކޮށްފި

ގައުމީ ފެންވަރުގައި އެފްއޭއެމުން އިސްނަގައިގެން ފުޓްސަލް ކުރިއަށް ނުގެންދާތީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވަނިކޮށް، ގައުމީ ފުޓްސަލް ލީގެއް އިއުލާނުކޮށްފިއެވެ.

އެފްއޭއެމުން މިއަދު ފުޓްސަލް ލީގެއް ބާއްވަން އިއުލާނުކޮށްފައިވާ އިރު، މުބާރާތުގެ ތާރީހު އަދި އިއުލާނުކޮށްފައެއް ނުވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެފްއޭއެމުން ލީގަށް ފުރުސަތު ހުޅުވާލާނީ ރާއްޖޭގެ ސްޕޯޓްސް ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައިވާ ކްލަބުތަކަށެވެ.

ގައުމީ ފެންވަރުގައި ރާއްޖޭގެ ފުޓްސަލް ލީގަކަށް މީގެ ކުރިން އެފްއޭއެމުން މަސައްކަތް ކޮށްފައެއް ނުވެއެވެ. ލީގެއް ނެތުމުގެ ސަބަބުން ޔޫތު މިނިސްޓްރީން ގަބޫލުކުރާ ގައުމީ މުބާރާތެއް ފުޓްސަލްގައި އަދި ބޭއްވިފައިނުވާ އިރު، އެކަމުގެ ސަބަބުން ފުޓްސަލް ކުޅުންތެރިންނަށް ރަސްމީކޮށް އެވޯޑު ނުދޭ ޝަކުވާ ފަހަކަށް އައިސް ވަނީ ބޮޑުވެފައެވެ. އެގޮތުން ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު ހަފުލާ، މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ފުޓްސަލަށް އެވޯޑު ނުދޭތީ އެކަމާ ގިނަ ބަޔަކު ވަނީ ފާޑުވެސް ކިޔައިފައެވެ.

އެފްއޭއެމުން ފުޓްސަލްއަށް ރާއްޖޭގައި މާ ބޮޑު މަސައްކަތެއް ނުކޮށް މިހާތަނަށް އޮތް ނަމަވެސް، އަމިއްލަ ފަރާތްތަކުން ކުރަމުންދާ މަސައްކަތާއެކު ފުޓްސަލް މިހާރު ވެފައިވަނީ ރާއްޖޭގެ އެންމެ ނަން ހިނގާ ކުޅިވަރަށެވެ. އެންމެ ގިނަ ބަޔަކު ކުޅޭވެސް ކުޅިވަރަށެވެ.

ރޭ ނިމިގެންދިޔަ ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގައިވެސް ޖުމުލަ 102 ޓީމު ބައިވެރިވެފައިވާ އިރު، އެ މުބާރާތަށްފަހު "ވަން"އާ ވާހަކަދައްކަވަމުން ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް ރިލުވާން މޫސާ ވަނީ ފުޓްސަލް ކުޅުންތެރިންނަށް ކޮށްދޭ ހިދުމަތެއްގެ ގޮތުން، ގައުމީ ފެންވަރުގައި އެ މުބާރާތް ބަލައިގަންނާނެ އިންތިޒާމަކަށް އަބަދުވެސް މަސައްކަތް ކުރާ ކަމަށް ވިދާޅުވެފައެވެ.

ރިލުވާން ވިދާޅުވީ ގައުމީ ފެންވަރުގައި ބަލައިގަންނަ ފުޓްސަލް މުބާރާތެއް ރާއްޖޭގައި ނުބޭއްވޭތީ އެކަމުގެ ސަބަބުން ކުޅުންތެރިންނަށް ލިބޭ ހީނަރުކަމަކީ ކަންބޮޑުވުމެއް ކަމަށާއި، އެކަމަށް ހައްލެއް ގެންނަން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.

އެފްއޭއެމުން މީގެ ކުރިންވެސް ފުޓްސަލްގެ ލީގަކަށް މަސައްކަތް ކޮށްފައިވާ އިރު، އަދި އެކަން ކާމިޔާބުވާގޮތެއް ނުވެއެވެ.