ބ. ހިތާދޫގައި ކުރިއަށްގެންދިޔަ ބަރާބަރު އެފްސީ ފުޓްސަލް ޗެލެންޖުގެ ތަށި ދަ ބެސްޓުން ހޯދައިފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗުގައި ދަ ބެސްޓާއި ނައޮބެ އެފްސީ ވާދަކުރި ފޯރިގަދަ ފައިނަލް މެޗު ދަ ބެސްޓުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި ދަ ބެސްޓްގެ ދެ ގޯލުވެސް ޖެހީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަހުމަދު ހުސައިނެވެ. ނައުބެ އެފްސީގެ ހަމައެކަނި ގޯލު ޖެހީ އަބްދުލް ވައްހާބެވެ.

ފުޓްސަލްގައި ފާހަގަކޮށްލެވޭ ރަށެއް ކަމަށްވާ ހިތާދޫގައި އެ ރަށަށް ހުޅުވާލައިގެން ބޭއްވި ބަރާބަރު އެފްސީ ފުޓްސަލް ޗެލެންޖް ނިންމައި، އެކިއެކި މަގާމުތަކަށް ޓްރޮފީއާއި އިނާމުވެސް ހޮނިހިރު ދުވަހުގެ ރޭ ހަވާލުކޮށްފައިވާ އިރު، ފެއާ ޕްލޭ ޓީމަކަށް ހޮވުނީ ފޯޓީ ޕްލަސްއެވެ. އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކަށް ދަ ބެސްޓް ޖޫނިއާގެ އިޔާސް އަބްދުލްރަހުމާން ހޮވުނު އިރު، އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކަށް ހޮވުނީ ނައޮބެ އެފްސީގެ ވިޝާހް އަބްދުލް މަޖީދެވެ. މުބާރާތުގެ ޓޮޕް ސްކޯރާއަށް ޓްރޮފީގެ އިތުރުން ސްޓްރައިކް ޒޯނުން ހާއްސަ ބޫޓެއް ވަނީ ހަދިޔާކޮށްފައެވެ.

ޖުމުލަ ހަތް ޓީމުން ވާދަކުރި މުބާރާތުގެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ދަ ބެސްޓްގެ އަހުމަދު ހުސައިނާއި ހޮމައިދު ޒަމީލްގެ އިތުރުން ނައޮބެ އެފްސީގެ ވިޝާހް އަދި ވިޝާނާއި ދަ ބެސްޓް ޖޫނިއާގެ އަލީ ނަވާލް ނައީމެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ، ކިންގްގެ މަގާމަށް ހޮވުނީ ނައޮބެ އެފްސީގެ ވިޝާހެވެ.

ހިތާދޫއަކީ ފުޓްސަލްގައި ކާމިޔާބު ކުޅުންތެރިންތަކެއް ފެނިފައިވާ ރަށެކެވެ. 2015 ވަނަ އަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖުވެސް ހިތާދޫން ކާމިޔާބުކޮށްފައިވާ އިރު، އެރަށުގައި އަބަދުވެސް ރަނގަޅު މުބާރާތްތަކެއް ބޭއްވެމުންދާކަން ފާހަގަވެގެން ގޮސްފައިވެއެވެ.