ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ދެއްވުމާމެދު ދެކެވަޑައިގަންނަވާ ގޮތަކީ ކޮބައިތޯ ކުރީގެ ރައީސް އަދި އެމްއާރްއެމްގެ ޒައީމް މައުމޫން އަބްދުލްގައްޔޫމާ ސުވާލު ކުރުމުން އެ ސުވާލަށް ޖަވާބުދެއްވަން އަދި އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެއްޖެއެވެ.
ކޯލިޝަން ހެދުމާ ގުޅޭ ގޮތުން މައުމޫން ފައުންޑޭޝަން ހުންނަ ހ. ފުލިދޫ ގޭގައި ރައީސް މައުމޫނާއި އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫނާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް މިއަދު ބޭއްވި ބައްދަލުކުރެއްވުމުގެ ކުރިން، މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގެ ތެރެއިން، ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދެއްވަން ފެނިވަޑައިގަންނަވާތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މައުމޫން ވިދާޅުވީ، އެ ކަމަށް ޖަވާބު ދެއްވަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.
"ތީގެ ޖަވާބެއް ދެއްވާކަށް އަޅުގަނޑަކަށް ނޭނގެ. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ގިނަ ބޭފުޅުންނާ މަޝްވަރާކޮށް ގިނަ ބަޔަކަށް ފެނިވަޑައިގަންނަވާ ގޮތަކަށް ކުރިއަށް ދިއުމަށް" މައުމޫން ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހާއެކު ކޯލިޝަން ހެދުމަށް އެދި މިހާރުގެ ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ އާއި އެމްއާރްއެމް އަށްވެސް ރައީސް ވަނީ ސިޓީއެއް ފޮނުއްވައިފައެވެ. އެ ސިޓީއާ ގުޅިގެން ވަކި ގޮތެއް ނުނިންމާ މިހާރު އޮތީ އެމްއާރްއެމުން އެކަންޏެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ރައީސް ސޯލިހަށް ތާއީދުކުރަން ނިންމި އިރު، ޖޭޕީން ނިންމާފައިވަނީ ރިޔާސީ އިންތިހާބުގައި ވަކިން އެ ޕާޓީ ވާދަކުރުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު