ރޯދަމަހު ތަރާވީސް ނަމާދު ކުރުމަށް ދިވެހި ހާފިޒުންނަށް ފުރުސަތު ދިން ނަމަވެސް ބޭނުންވާ ވަރަށް ހާފިޒުން ނުލިބޭ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މިހެން ބުނީ ރޭ ބޭއްވި ގުރުއާން ކިޔެވުމުގެ 35 ވަނަ ގައުމީ މުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅަކާ ގުޅިގެން "ވަން" އިން މިއަދު ސުވާލުކުރުމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ ރޯދަ މަހު ތަރާވީހު ނަމާދުކުރުމަށް ބޭރުގެ ހާފިޒުން ގިނަ އަދަދަކަށް ގެންނަންޖެހޭކަމީ ވެސް ކަމާބެހޭ ފަރާތްތަކުން ވިސްނައިލުން މުހިންމު ކަމެއް ކަމަށެވެ.

އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަދީލް "ވަން" އަށް މިއަދު ވިދާޅުވީ، ރޯދަ މަހު ތަރާވީސް ނަމާދު ކުރުމަށް ބޭރުން ހާފިޒުން ގެނައުމަކީ ހަރަދު ބޮޑު ކަމެއް ކަމަށެވެ. އެހެން ނަމަވެސް ބޭރުން ހާފިޒުން ގެންނަން ޖެހެނީ ބޭނުންވާ ވަރަށް ދިވެހި ހާފިޒުން ނުލިބޭތީ ކަމަށެވެ.

އަދީލް ވިދާޅުވީ ރާއްޖޭގައި ގުރުއާން ހިތުދަސް ހާފިޒުން ގިނަ ނަމަވެސް ތަރާވީސް ނަމާދު ކުރުމުގެ ޔަގީންކަން އޮންނަ ހާފިޒުން މަދު ކަމަށެވެ.

"މިނިސްޓަރުވެސް ވަރަށް ބޮޑަށް ބާރު އަޅާ ކަމެއް ދިވެހި ހާފިޒުން ލައްވައި ތަރާވީސް ނަމާދު ކުރުވުން. އެކަމަކު ވާ ގޮތަކީ އެ ކޮންފިޑެންސް ހުންނަ ހާފިޒުން ވަރަށް މަދު. ބައެއް ހާފިޒުންނަށް ވާ ގޮތަކީ ސެޓުފިކެޓު ލިބުނީ މުތޯލިއާ ނުކުރެވޭ ގިނަ ފަހަރު. ދެން ޓެސްޓުކޮށްލާއިރު ނުކިޔޭ. ދެން ތަރާވިސް ނަމާދު ފަދަ ބޮޑު ޖަމާއަތެއްގަ ކުރަންވީމަ ބައެއް ހާފިޒުންނަށް އޮޅެނީ. އެކަމަކު އެ ކޮންފިޑެންސާ އެކީ ތަރާވީސް ނަމާދުކުރަން ޝައުގުވެރިކަން ހުންނަ ހާފިޒުންނަށް އެ ފުރުސަތު ދެން." އޭނާ ވިދާޅުވިއެވެ.

އަދީލް ވިދާޅުވީ ރާއްޖެއިން ބޭރުން ހާފިޒުން ގެންނަން ހަރަދު ބޮޑުވި ނަމަވެސް އެނޫން ގޮތެއް ނެތުމުން ގެންނަންޖެހޭ ކަމަށެވެ. އެހެން ނަމަވެސް ކުރިއަށް އޮތްތަނުގައި ހާފިޒުންނަށް ތަމްރީނުތަކެއް ދީގެންވެސް ތަރާވީސް ނަމާދަށް ތައްޔާރުކުރުމުގެ ޕްރޮގުރާމްތައް ހިންގުމަށް މަޝްވަރާތަކެއް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ދިވެހި ހާފިޒުންނަށް ކޮންމެ ތަރާވީސް ނަމާދަކަށް ދޭ އެލެވެންސް ބޮޑު ކަމަށާއި ނަމަވެސް އެވަރަށް ހާފިޒުން ހޯދުން ދަތި ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ ރޭގެ ޖަލްސާގައި ރައީސްވެސް ފާހަގަކުރެއްވިގޮތަށް ހާފިޒުން އެގޮތުގައި ދެމިތިބުން މަދުވުމެވެ.