ރާއްޖޭގައި ގިނަ އަދަދެއްގެ ހާފިޒުން ތިއްބެވިނަމަވެސް ހާފިޒުންގެ ގޮތުގައި ދެމިތިއްބެވުމަށް ކުރެވޭ މަސައްކަތް އަދިވެސް މަދުކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ، ރޭ ބޭއްވި ގުރުއާން ކިޔެވުމުގެ 35 ވަނަ ގައުމީ މުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ފެށޭ ރޯދަމަހަކީ، ކީރިތި ގުރުއާނުގެ ހިޔަލުގައި ހޭދަކުރުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށާއި އެ ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފައި، ދީނީ އަދި އަހުލާގީ ރީތި އާދަތަކުގެ މަތީގައި ދެމިތިބުމަށް ރައީސް ސޯލިހު ވަނީ އިލްތިމާސްކުރައްވައިފައެވެ.
ރައީސް ސޯލިހު ވަނީ ތަޖުވީދު މަގުން ކީރިތި ގުރުއާން ކިޔެވުމާއި ކީރިތި ގުރުއާން ހިތުދަސްކުރުމަކީ ދުނިޔެއާއި އާހިރަތުގެ އުފާވެރިކަމާއި ހިތްހަމަޖެހުން ލިބިދޭނެ ވަރަށް މުގައްދަސް އަޅުކަމެއްކަން ފާހަގަކުރައްވައި އެކަމުގައި ދެމިތިބުމަށް އިލްތިމާސްކުރައްވާފައެވެ. ހަމަ އެހެންމެ ރޯދަ މަހު ތަރާވީހު ނަމާދުކުރުމަށް ބޭރުގެ ހާފިޒުން ގިނަ އަދަދަކަށް ގެންނަންޖެހޭކަމީ ވެސް ކަމާބެހޭ ފަރާތްތަކުން ވިސްނައިލުން މުހިންމުކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އެންމެ ޅަފަތުން ފެށިގެން އަލިފުބާ ދަސްކޮށްދިނުން ފަދަ ރީތި އަދި ރަނގަޅު އާދަތަކާ އެކު، ކީރިތި ގުރްއާނާ އެކުގައި ދިރިއުޅުން އާރާސްތުކުރުމުގެ ދާއިރާ މިހާރަށް ވުރެ ފުޅާކުރަންޖެހޭ. އެގޮތުން ކީރިތި ގުރުއާނުގައިވާ އިލްމީ ހަގީގަތްތަކުގެ މައްޗަށް، ޒަމާނީ ސައެންސާއި ޓެކްނޮލޮޖީގެ އަލީގައި ކުރެވޭ ދިރާސާތަކުން، އިސްލާމީ ރިސާލަތުގެ ފުރިހަމަކަން އިތުރަށް ހާމަވެގެންދާނެ. ޔުނިވަސިޓީތަކާއި ކޮލެޖުތަކުގެ އިސް ވެރިން، އެކަންކަމަށް ވިސްނުން ބެހެއްޓެވުން މުހިންމު." އެމަނިކުފާނު ވިދާޅުވިއެވެ.
ރޭގެ ރަސްމިއްޔާތުގައި، މުޅި މުބާރާތުން ބަލައިގެން އަދި ނުބަލައި ކިޔުމުގެ ބައިން އެއް ވަނަ، މުބާރާތުގެ ހާފިޒުންގެ ގޮފިން އެއް ވަނަ، މުޅި މުބާރާތުގެ ތިން ގޮފި އެއްކޮށް އެއް ވަނަ އަދި މުޅި މުބާރާތުން އެއް ވަނަ މުއައްސަސާއަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު އަދި 2022 ވަނަ އަހަރު ގުރުއާން ހިތުދަސްކުރި ހާފިޒުންނަށް ވަނީ އިނާމު ދީފައެވެ.
މި މުބާރާތުގައި ސިޓީތަކަށް ނިސްބަތްވާ 55 ސްކޫލަކުންނާއި 18 އަތޮޅު ކައުންސިލުންނާއި އަދި ކްލަބްޖަމިއްޔާތަކާއި ގުރުއާން ކުލާސްތައް އަދި ކުންފުނިތަކުގެ ނަމުގައި 47 މުއައްސަސާއާއެކު ޖުމްލަ 121 މުއައްސަސާއިން 1010 ބައިވެރިން ބައިވެރިވެ ކިޔަވާފައިވެއެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފީގައި 595 ބައިވެރިންނާއި ނުބަލާ ކިޔެވުމުގެ ގޮފީގައި 402 ބައިވެރިންނާއި ހާފިޒުންގެ ބައިގައި 23 ބައިވެރިންނެވެ.