ޚަބަރު

އެމްޕީއެލްގެ ކިޑްސް ކެއާ ސެންޓަރު ހުޅުވައިފި

1

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ގާއިމު ކުރި ކިޑްސް ކެއާ ސެންޓަރު މިއަދު ހުޅުވައިފިއެވެ.

އެމްޕީއެލުން މިއަދު ބުނީ މި ކެއާ ސެންޓަރަކީ ސަރުކާރުން ރައްޔިތުންނަށް އިޖުތިމާއީ ހަމަޖެހުން ގެނެސްދިނުމާއި އަންހެނުން ބާރުވެރިކުރުވުމާއި ދުޅަހެޔޮ އާއިލާއެއް ބިނާކުރުމަށް ބާރުއެޅުމުގެ ސިޔާސަތުގެ ދަށުން ގާއިމު ކުރި ސެންޓަރެއް ކަމަށެވެ. އެ ސެންޓަރު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދުއެވެ.

އެމްޕީއެލްގެ ކިޑްސް ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ސަރުކާރުގެ ސިޔާސަތާ އެއްގޮތްވާ ގޮތުގެމަތިން ހުޅުވި އެމްޕީއެލް ކިޑްސް ކެއާ ސެންޓަރަކީ އެމްޕީއެލްގެ މުވައްޒަފުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އެތަނުގެ މުވައްޒަފުން ވަޒީފާގައި ހޭދަކުރާ ވަގުތުތަކުގައި އެމީހުންގެ ކުދިންނަށް ރައްކާތެރި އަދި ކުދިންނާ ގުޅޭ މާހައުލެއް ގާއިމުކޮށްދިނުމަށްޓަކައި ގާއިމުކޮށްފައިވާ ސެންޓަރެއް ކަމަށެވެ.

ޝާހިދު ވިދާޅުވީ މި ސެންޓަރުގައި މުވައްޒަފުންގެ ގޮތުގައި މަސައްކަތް ކުރާނީ އެކަމަށް އެންމެ ގާބިލު އަދި ތަޖުރިބާ ލިބިފައިވާ މުވައްޒަފުން ކަމަށެވެ. އަދި މިކަމަށް އެމްޕީއެލްގެ އެއްވެސް މުވައްޒަފެއްގެ އަތުން ފީއެއް ނުނަގާނެ ކަމަށާއި މި ސެންޓަރުގައި ކުރިއަށް ގެންދާ ހުރިހާ ޕްރޮގްރާމްތަކެއް ބައްޓަންކޮށްފައި ވަނީ އުނގެނުމާއި މުނިފޫހިފިލުވުމުގެ ބައިތައް ހިމެނޭ ގޮތަށް ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

މާފަންނު ހަވީރީ ހިންގުމުގައި ހުންނަ މި ސެންޓަރު ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 7:00 ރޭގަނޑު 7:00 އަށެވެ.

މި ސެންޓަރުގައި މިހާރު 12 ދަރިވަރުން ރަޖިސްޓަރީކޮށްފައިވާ އިރު، އެތަނަކީ 30 އާއި 40 ދެމެދު ކުދިންނަށް ހިދުމަތްދެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ސެންޓަރެކެވެ. މި ސެންޓަރުގައި ރަޖިސްޓަރީ ވުމަށް ވަކި އުމުރުފުރައެއް ކަނޑައަޅާފައި ނުވޭ ކަމަށް އެމްޕީއެލުން ބުނެއެވެ.