އަންނަ ރިޔާސީ އިންތިހާބުގައި، ޖެހޭނެ ވަކި ފަރާތެއް ނޯންނާނެ ކަމަށާއި، އެ އިންތިހާބުގައި ރައްޔިތުން ލާ ވޯޓުގެ ތެދު ނަތީޖާ ހާމަކޮށް ގެނެސްދެއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.
އިންތިހާބާ ބެހޭގޮތުން އީސީއަށް ޖަފާދޭ ކޮމެޓީގެ ބައްދަލުވުންތައް ފެއްޓުވުމުގެ ގޮތުން، މިއދު ބޭއްވި ބައްދަލުވުމުގައި، އީސީއަށް ނުފޫޒު ފޯރުފައިވާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށް އެ ކޮމިޓީގައި ހިމެނޭ އިދިކޮޅު ފަރާތްތަކުގެ މެންބަރުން ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެން ފުއާދު ވިދާޅުވީ، އިންތިހާބުގައި އީސީން މަސައްކަތް ކުރާނީ، މިނިވަންކަމާއި ތެދުވެރިކަމާއެކީގައި ކަމަށެވެ. އަދި "މަސައްކަތް ކުރާނީ ރައްޔިތުންގެ ވޯޓުގެ ތެދު ނަތީޖާ އެއަށް އެއްވެސް ކަހަލަ ބަދަލު އަންނާނެ ފުރުސަތެއް ނޯންނާނެ، އެކަމަށްޓަކައި ކުރެވެންހުރި ކޮންމެ ކަމެއްކުރާނެ ކަމުގެ ޔަގީންކަން ދެން،" ކަމަށެވެ.
ފުއާދު ވިދާޅުވީ، އިލެކްޝަންސް ކޮމިޝަންގެ ތެރެއަށް އެއްވެސް ފަރާތަކަށް އެއްވެސް ނުފޫޒެއް ނުފޯރުވޭނެ ކަމަށެވެ، ނަމަވެސް "އެހެން ދިމަދިމާލުން އެފޯރުވާ ނުފޫޒު ތަކަކީ އަޅުގަނޑުމެންނަށް ބާރު ނުފޯރުވޭނެ އެއްޗަކަށް ވުމަކީ އެކަށީގެންވާކަމެއް،" ކަމަށްވެސް ވިދާޅުވިއެވެ.
މިބައްދަލުވުމުގައި ކޮމިޝަނަށް ދިމާވާ ގޮންޖެހުންތައް ހިއްސާ ކުރައްވަމުން އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ، ރިޔާސީ އިންތިހާބު ގާތްވަމުން އަންނައިރު، އެ ކޮމިޝަންގެ ފަންނީ އެކި މަގާމުތަކަށާއި، ކޮމިޝަނަށް ނަގަން އިއުލާންކޮށްފައިވާ ވަގުތީ މުވައްޒަފުން މިހާރު ކަނޑައަޅާފައިވާ މުސާރައިގައި ލިބުމުގެ ދަތިކަން ދިމާވާ ކަމަށެވެ.
އެގޮތުން، "ފަންނީ މީހުންނަށް އަޅުގަނޑުމެން ދޭން ކަނޑައަޅާފައިވާ މުސާރައަށް ނުލިބި މިދަނީ. އަޅުގަނޑުމެން ސޮފްޓްވެއާ ޑިވެލޮޕަރުންނަށްވެސް އިއުލާން ކޮށްގެން އުޅޭތާ މިހާރު ދެތިންމަސް ވެއްޖެ، އަދި އެއްވެސް މީހަކު ކުރިމައްޗެއްނުލާ. ބޮޑު އިންތިހާބެއް އަންނައިރު ފަންނީ މީހުން ނުލިބުމުގެ މައްސަލައަކީ އަޅުގަނޑުމެންނަށް އޮތް ވަރަށް ބޮޑު މައްސަލައެއް." ކަމަށް ހަބީބް ވިދާޅުވިއެވެ.