ލައިފް ސްޓައިލް

ހުރިހާ ވަގުތެއް އޮފީހަށާއި ރައްޓެހީންނަށް؟ ތިގޮތް ކަމަކު ނުދޭ!

އާމިނަތު އިލްމާ ނަސީމް

އަހަރެމެންގެ ތެރެއިން ގިނައިން އިވޭ ޝަކުވާއެކެވެ. އަނބިމީހާއަށް ވަގުތު ނުދޭ ވާހަކަ އެވެ. ފިރިމީހާގެ ކަންކަން ފުރިހަމަކުރުމަށް ވަގުތު ނުދެވޭ ވާހަކައެވެ. ދަރީންގެ ކަންކަން ބޮއްސުންލައިގެންދާ ވާހަކައެވެ. އެކުދީންނާ އެކު ވަގުތުކޮޅެއް ހޭދަ ނުކުރެވޭ ވާހަކަ އެވެ. ދުވާލުގެ ހުރިހާ ވަގުތެއް އޮފީހުގައި ހޭދަކުރާ ވާހަކަ އެވެ. ރޭގަނޑު ވަގުތެއް ވެއްޖެ ނަމަ އެކުވެރީންނާ އެކު ކޮފީމޭޒުތަކުގައި އުޅޭ ވާހަކަ އެވެ. އެކަމަކު އާއިލާއަށް ދޭނެ ވަގުތެއް ނޯންނަ ވާހަކަ އެވެ. މިވާހަކަތައް ދެއްކީމާ އަންނަ ރުޅީގެ ވާހަކަ އެވެ. ދެން އެޖެހޭ މައްސަލަތަކުގެ ވާހަކަ އެވެ.

މިއީ އަހަރެމެންގެ ވާހަކަ އެވެ. މިއަދުގެ ހާލަތެވެ. އެހެން ހުރިހާ ކަމަކަށް ދޭނެ ވަގުތު އޮވެ އެވެ. އެކަމަކު އާއިލާއަށް ބޭުންވާ ވަގުތު ދެވެނީ މަދު މީހަކަށެވެ. މަދު ފަހަރަކު އެވެ. އާއިލާއަށް ވަގުތު ދިނުމުގެ މުހިންމުކަން ނޭނގެނީއެއް ނޫނެވެ. ފަރުވާކުޑަ ކުރެވެނީއެވެ. ވިސްނޭއިރު އޮންނަނީ ވަގުތު ފާއިތުވެފައެވެ. އެހެންކަމުން މި އާޓިކަލްގައި ބަލައިލާނީ މިކަމަށް ހައްލެއް ގެނެވިދާނޭ ކަންކަމުގެ މައްޗަށެވެ. ދިރިއުޅުމުގެ ވައްޓަފާޅިއަށް ކުދިކުދި ބަދަލުތައް ގެނައުމުން މިކަންކަން ހަމަޔަކަށް އަޅުވައިލެވިދާނެއެވެ. މާބޮޑު ޕްރެޝަރަކަށްވެސް ނުވާނެ އެވެ. އުނދަގުލެއްވެސް ނުވާނެ އެވެ.

އާއިލީ ދުވަހެއް ކަނޑައަޅާށެވެ.

އާއިލާއާއެކު ވަގުތު ހޭދަ ކުރަން ހަފުތާގެ ވަކި ދުވަހެއް ކަނޑައަޅައި އެއާ އެއްގޮތަށް އަމަލުކުރާށެވެ. ބުނަން މި އުޅެނީ މި ދުވަހު އެހެން އެއްވެސް ކަމެއް ނުކޮށް އާއިލާއާއެކު އުޅޭށެކޭ ނޫނެވެ. މިއަދުގެ ހާލަތަށް ބަލާއިރު އެއީ ފަސޭހަ ކަމަކަށްވެސް ނުވާނެ އެވެ. އެކަމަކު މި ފަދަ "ފެމިލީ ޑޭ"އެއް ކަނޑައަޅައި، އެ ދުވަހުގެ ވީހާވެސް ގިނަ ވަގުތު އާއިލާއަށް ޓަކައި ހުސް ކުރެވިދާނެ އެވެ. އެ ދުވަހު އޮފީސް ނިމޭ އިރަށް ދާނީ ސީދާ ގެއަށެވެ. ރޭގަނޑުގެ ކޮފީތަކެއް ނޯންނާނެ އެވެ. އެއީ "އެކްސްކްލޫސިވްލީ" އާއިލާއަށް ހާއްސަ ވަގުތުތަކެއް ހިމެނޭ ދުވަހަކަށް ހަދާށެވެ.

އާއިލާގެ ކަންކަމަށް އިސްކަންދީ ވަގުތު ހުސްކުރުން

މަސައްކަތުގެ މާހައުލުގައި އޮންނަ ބައްދަލުވުންތަކަށް އިސްކަންދީ، ސަމާލުކަންދޭ ފަދައިން އާއިލީ ބައްދަލުވުންތަކަށްވެސް ސަމާލުކަންދޭށެވެ. އާއިލީ ގެއެއްގައި ކަމެއް ފާހަގަކުރާތީ އެ އުފަލުގައި ބައިވެރިވާން އެދި ދައުވަތު ލިބިފައިވާ ނަމަ އެކަމަށް ވަގުތު ހުސަކުރެވޭތޯ ބަލާށެވެ. އެއީ ކުރާނެ އެހެން ކަމެއް ނެތީމާ ދެން ކުރާން އޮތް ކަމެއްގެ ގޮތުގައި ނުދެކޭށެވެ. ވަޒީފާގެ މައިދާނުގައި ކިތަންމެ ބުރަކޮށް އުޅުނު ކަމުގައިވިޔަސް އާއިލާއާއެކު ހޭދަކޮށްލަން ވަގުތުކޮޅެއް ހުސްކޮށްލުން އެއީ އާއިލީ ގުޅުން ބަދަހިވެގެން ދާނެ ކަމެކެވެ. އެހެންކަމުން އެފަދަ ބައްދަލުވުންތަކަށް ދިއުމަށް އަބަދުވެސް އިސްކަން ދޭށެވެ. އޮފީހުން ނުކުންނާން އުނދަގޫ ނަމަ ބޮސް ގާތުގައި ވެސް އެދޭށެވެ. ތިއީ އާއިލާއަށް ލޯބިދީ، ގުޅުން ތަމަހައްޓާ މީހެއްކަން ބޮސްއަށް ވެސް ވިސްނައިދޭށެވެ. އެކަމުން އޮފީހުގެ އެހެން ކޮލީގުންވެސް ފިލާވަޅު ހޯދަން ހިތްވަރު ދޭށެވެ. އާއިލީ ގުޅުމަކީ އެކެއްގެ ފުށުން އަނެކަކަށް ދަސްވާނެ ކަމަކަށްވެސް އޭރުން ވާނެ އެވެ.

އާއިލީ ވަގުތަކީ އާއިލީ ވަގުތު! ހަމައެކަނި އާއިލާއަށް ހާއްސަ ވަގުތު!

އާއިލާއާއެކު ހޭދަކުރާ ވަގުތަކީ ހަމައެކަނި އެކަމަށް ހުސްކޮށްފައި އޮންނަ ވަގުތަކަށް ހަދާށެވެ. ފޯނަކީ މިހާރު އެންމެންގެވެސް އެންމެ ގާތް އެކުވެރިޔާއެވެ. އެއާނުލައި ކުޑަ ހިނދުކޮޅަކު އުޅެންވެސް އުނދަގޫވެއެވެ. އެހެން ނަމަވެސް އާއިލާއާއެކު ހޭދަކޮށްލަން ލިބޭ ކުޑަ ވަގުތުކޮޅަކީ ފޯނާއި އެހެނިހެންވެސް ޑިވައިސްތައް ނިއްވާލައި ނުވަތަ ރިންގް އޮފް ކޮށްލައި، އެކަކު އަނެކަކާ ވާހަކަ ދައްކައި ކަންކަން ހިއްސާކޮށް ގުޅުން ބަދަހި ކުރާ ވަގުތަކަށްހަދާށެވެ. މިއީ އާއިލާ ތެރޭގައި ލޯބި އިތުރުވެގެން ދާނެ ކަމެކެވެ.

ދުރުގައި ތިއްބަސް ހާލު ބަލާށެވެ. ގުޅުން ބާއްވާށެވެ.

ކިތަންމެ ދުރުގައި ތިބެން ޖެހުނަސް މުއާސަލާތުގެ ގޮތުން ކުރިއަރާފައިވާ މިފަދަ ޒަމާނެއްގައި އާއިލީ ގުޅުން ދެމެހެއްޓުމަކީ މާ އުނދަގޫ ކަމެއް ނޫނެވެ. ކޮންމެ އާއިލާއެއްގައިވެސް ދެތިން ހަތަރު ގުރޫޕު އޮންނާނެވެ. ވަޓްސްއެޕް، ވައިބަރު ފަދަ ގުރޫޕުތަކެވެ. ކަމެއް ވިޔަސް ސޯޝަލް މީޑިއާއިން އެއްޗެއް ފެނުނަސް ފޮނުވާލަނީ އާއިލާގެ މިފަދަ ގްރޫޕަކަށެވެ. ތިމާގެ މީހަކަށް ކަމެއްވިޔަސް އެވާހަކަ ޖަހަނީ މި ގްރޫޕްގައެވެ. މިހާ ފަސޭހަކޮށް ކަންކަން ހުރިއިރުވެސް އާއިލީ ގުޅުން ބަދަހިކުރުމަށް މި ފަދަ ފުރުސަތުތައް ބޭނުންކުރާ މީހުން މަދެވެ. ގުޅައި ހާލު ބަލައިލާ މީހުން ވަރަށްވެސް މަދެވެ. އެހެން ނުހަދާށެވެ، ދުރުގައި ތިބޭ މައިންބަފައިންނާއި މާމަ ކާފައިން، އަދި އެނޫންވެސް އާއިލާގެ އެހެން މެންބަރުނަށްވެސް ގުޅާށެވެ. ލޯބި ދޭށެވެ. ލޯބި ހިއްސާކުރާށެވެ.

ލޯބިވާ ވާހަކަ ބުނާށެވެ. ލޯބި އިހުސާސްކޮށްދޭށެވެ.

މިއީ އަހަރެމެންނަށް ވަރަށް ނުވާ ކަމެކެވެ. އަހަރެމެން އެބަޔަކު ދެކެ ވަރަށް ލޯބިވާ މީހުން ކައިރީގައިވެސް ލޯބިވާ ވާހަކަ، އަހަރެމެންގެ ހަޔާތުގައި އެމީހުންގެ މުހިންމު ވާހަކަ ބުނެވެނީ ވަރަށް މަދު ފަހަރަކު އެވެ. އެކަން ކުރެވެނީ މަދު ބަޔަކަށެވެ. މިކަން ވެސް ބަދަލުކޮށްލެވޭތޯ ބަލާށެވެ. ކާފަމެން، މާމަމެން، މައިންބަފައިންނަށް މިކަން ވަކީން މުހިންމެވެ. އެމީހުންނާ ބައްދަލުވާ ފަހަރު، ކާފަ ދެކެ ވަރަށް ލޯބިވޭ، މާމަ ދެކެ ވަރަށް ލޯބިވޭ، މަންމަ ދެކެ ވަރަށް ލޯބިވޭ، ބައްޕަ ދެކެ ވަރަށް ލޯބިވޭ، މިފަދަ ލޯބީގެ އިބާރާތްތަކުން ލޯބި ހިއްސާ ކުރާށެވެ. އާއިލާގެ އެހެން މެންބަރުން ގާތުވެސް ލޯބިވާ ވާހަކަ ބުނާށެވެ. އެފަދަ ވަގުތުތަކުގައި އެމީހުންގެ ހިތް އުފަލުން ފުރޭނެ އެވެ. އަމިއްލަޔަށް ވެސް ލޯބި އިހުސާސް ކުރެވޭނެ އެވެ. މިކަން ވެސް މިއަދުން މިއަދު ފެށުމަށް އަޒުމް ކަނޑައަޅާށެވެ. މިއީވެސް ކޮންމެ ދުވަހަކު ކުރެވިދާނެ ކަމެއް ކަމުގައި ކަނޑައަޅައި ކޮންމެވެސް އެކަކު ކައިރީ ލޯބިވާ ވާހަކަ ބުނާށެވެ. ހަފުތާގެ ކޮންމެވެސް އެއް ދުވަހަކު އާއިލާގެ މެންބަރުންނަށް ގުޅައި މި ޝުއޫރު ފާޅުކޮށް ލޯބި ހިއްސާކުރަން ވަގުތުކޮޅެއް ހުސްކޮށްލާށެވެ.