ޚަބަރު

ފުލުހުންނަށް ރައްޔިތުންގެ އިތުބާރު ހޯދަން ކުރަންޖެހޭ މަސައްކަތަކީ ގޮންޖެހުން ބޮޑު މަސައްކަތެއް: އިމްރާން

ރިފާ ހަލީލު

ދިވެހި ފުލުހުންނަށް ރައްޔިތުންގެ ފުރިހަމަ އިތުބާރާއި، އިހުތިރާމާއި ލޯބި ހޯދުމަށް ކުރަންޖެހިފައިވާ މަސައްކަތަކީ ނިޒާމީ ގޮތެއްގައި ވަރަށް ތަރުތީބު ކުރެވިގެން ކުރަން ޖެހިފައިވާ ދަތި، ގޮންޖެހުން ބޮޑު އުނދަގޫ މަސައްކަތެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ ދިވެހި ފުލުހުންގެ ހިދުމަތަށް ރައްޔިތުން އިތުބާރު ހޯދުމަށް ކުރަން ޖެހޭ މަސައްކަތަކީ ގޮންޖެހުން ބޮޑު ދިގު ރާސްތާއެއް އޮތް މަސައްކަތެއް ކަމަށާއި، އެކަން ކާމިޔާބު ކުރުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ރައީސް ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ޕޮލިސް ރިފޯމްކުރުމުގެ މަސައްކަތުގެ ތެރެއިން ފުލުހުންގެ ތެރެއަށް އާ ގާނޫނެއް ވުޖޫދުކޮށް އެ ގާނޫނަށް މިހާރު އަމަލުކުރަން ފަށާފައިވާ ކަމަށެވެ.

"ފުލުހުންނަށް ރައްޔިތުންގެ ފުރިހަމަ އިތުބާރާއި، އިހުތިރާމާއި ލޯބި ހޯދުމަށް ދާންޖެހޭ މަންޒިލަށް ވާސިލް ވުމަށްޓަކައި ދިގު ރާސްތާއެއް، ކަޑައްތު ކުރަންޖެހޭ، އެއީ ކަށިތަކުން ފުރިގެންވާ ދިގުމަގެއް. ރައީސް ސޯލިހުގެ ސަރުކާރުން މި މަސައްކަތް ފެށީ ކަމުގެ ހަގީގަތް އެނގިތިބެ، މިބުރަ މަސައްކަތް ކޮޅެއްގައި ޖެއްސުމުގެ ވަރުގަދަ އަޒުމުގައި، މިއަދު މި ފެށި ކޮންފަރެންސަކީ ފުލުހުން މިމަގަށް ގެންދާނެ ކޮންފަރެންސެއް،" އޭނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ފުލުހުންގެ މަސައްކަތަކީ ޒަމާނާއި އެއްގޮތަށް ބަދަލުކުރަން ޖެހޭ، އަދި އުނގެނެން ޖެހޭ ކަންތައްތަކެއްކަމަށެވެ. ކުށްވެރިންގެ އުކުޅުތައް ޒަމާނާއެކު ބަދަލުވަމުންދާއިރު، މިކަންކަމާ ކުރިމަތިލާ މީހުންވެސް އެކަންކަމަށް އަހުލުވެރި ވުމަކީ ބޭނުންތެރި ކަމެއްކަމަށް ވިދާޅުވިއެވެ.

ސީޕީ ހަމީދު ވިދާޅުވީ ފުލުހުންގެ ހިދުމަތް ހިންގުމަށް ގެންނަ ހެޔޮ ބަދަލުތައް ގެނައުމަށްޓަކައި ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސް ފަދަ ކޮންފަރެންސްތަކަކީ މުހިންމު އަދި ބޭނުންތެރި ކޮންފަރެންސްތައް ކަމަށެވެ.

ތިން ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ މިކޮންފަރެންސުގައި 10 ކަރުދާހެއް ހުށަހަޅާނެއެވެ.