ލައިފް ސްޓައިލް

އަންހެނުންގެ ނަޒަރުގައި ފުރިހަމަ ފިރިހެނަކީ ކައްކަންވެސް އެނގޭ މީހުން، މިހުރީ ސަބަބުތައް!

އާމިނަތު އިލްމާ ނަސީމް

8

ކުރީން އަހަރެމެންގެ ގަބޫލުކުރުމަކީ ކެއްކުމަކީ ހަމައެކަނި އަންހެނުންގެ މަސައްކަތެއް ކަމެވެ. ވަކީން ހާއްސަކޮށް ފިރިހެނުން ބަދިގެއަށް ވަދެ ކައްކައި ހެދުން އެއީ ހުތުރު ކަމެއް ކަމުގައި ދެކެމުންއައި މީހުންވެސް މަދެއް ނޫނެވެ. އެ އުޅެނީ "ސީދި" ހެދިގެންނޭ ބުނެ ރައްދުކުރި މަލާމާތުގެ އަޑު އެހި މީހުން މިއަދުވެސް މަދެއް ނޫނެވެ. ފިރިމީހާއަށް ބަދިގެއަށް ވަނުން، ނުވަތަ ކޭތަށި ނެގުން ފަދަ ކަންކަން ކުރުމަށް ނޭދޭ އަންހެނުންވެސް ކުރީން މަދެއް ނޫނެވެ. އެއީ ސަގާފަތުގެ ތެރެއިން އައިސް އެމީހުނަށް ވިސްނިފައި އޮތް ގޮތެއްގެ ސަބަބުންނެވެ.

އެހެންނަމަވެސް ޒަމާނަށް އައި ބަދަލާއެކު ހާލަތާއި މަންޒަރު ބަދަލުވެއްޖެއެވެ. ދިރިއުޅުމުގެ ވައްޓަފާޅިއާއި އަހަރެމެންގެ "ބިޒީ" ދިރިއުޅުމާއެކު ވިސްނުމަށްވެސް ޒަމާނީ ބަދަލުތަކެއް އަތުވެއްޖެއެވެ. ފިރިހެނުން އަންހެނުންނާ މެދު ދެކޭ ގޮތާއި އަންހެނުން ފިރިހެނުންނާމެދު ވިސްނާގޮތްވެސްވެސް ތަފާތުވެއްޖެއެވެ.

ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި އަންހެނުންނަށް ބޮޑަށް ކަމުދަނީ ކައްކާން އެނގޭ ފިރިހެނުންނެވެ. އާ ދިރާސާތަކާއި ހޯދުންތަކުން ވަނީ މިކަމާ ގުޅިފައިވާ އިތުރު ސަބަބުތައް ވެސް ދެނެގަނެފައެވެ.

އާ ހޯދުންތަކުން އެނގޭ ގޮތުގައި، ގިނަ އަންހެނުން ދެކެނީ ކައްކަން ދަންނަ ފިރިހެނުންނަކީ ވަފާތެރި އަދި ކެތްތެރި ބައެއްކަމުގައެވެ. އަނބިމީހާ ބަދިގޭގައި އަވަދިނެތި އުޅޭ ގަޑީގައި ފިރިމީހާގެ އެހީތެރިކަން ލިބުމަކީ ދެމީހުންގެ ގުޅުމަށް ފިރިމީހާ ވަފާތެރިވެ އަނބިމީހާއަށް އިހުތިރާމުކުރުން ކަމުގައި އަންހެނުން ދެކެއެވެ. ފިރިމީހާ ބަދިގެ ތެރޭގައި ބިޒީކޮށް އުޅޭ މަންޒަރަކީވެސް އަންހެނުން ބަލައި ފޫހިނުވާ މަންޒަރެކެވެ.

"މިއަދުގެ ބްރޭކްފާސްޓް ހަދާނީ އަހަރެން. ޕްލީސް ރެސްޓް. ނިންމާފަ ގޮވާލާނަން އިނގޭ،" މިފަދަ ގޮތަކަށް އަނބިމީހާއާ މުހާތަބުކޮށްލާ މިހާއަކީ ފިސާރި ފިރިހެނެކެވެ. އެއީ ކޮންމެ އަންހެނެއްގެ ހިތްވެސް ފުރިގެން އަރާނޭ ފަދަ ޖުމުލައެކެވެ. އެއިން އަންގައިދެނީ ތިއީ ފުރިހަމަ ފިރިހެނެއް ކަމެވެ. އަންހެނުންވެސް ވަރުބަލިވާނޭކަން ދަންނަ ކަމެވެ. "ބޮޑު ހިތެއް"ގެ ވެރިއެއް ކަމެވެ.

އަންހެނުންނަކީ ތަފާތު ތަޖުރިބާތައް ކުރުމަށް ލޯބިކުރާ ބައެކެވެ. ފިރިހެނުންނަކީ އާންމުކޮށް ބަދިގޭގައި ނޫޅޭ ބަޔަކަށް ވުމުން ފިރިހެނެއްގެ ފަރާތުން ރަހަތަފާތުކޮށްލުމެއް ތަޖުރިބާ ކޮށްލަން ލިބުން އެއީވެސް އަންހެނުންނަށް ކައްކަން އެނގޭ ފިރިހެނުން ކަމުދާ އެއް ސަބަބެވެ.

އަންހެނުން ދެކޭ ގޮތުގައި، ކައްކާން އެނގި އެކަން ގޭތެރޭގައި ކުރާ ފިރިހެނުންނަކީ އަންހެނުންނަށް އަޅާލާ ފިރިހެނުންނެވެ. ގިނަ ފިރިހެނުންނަށް ނޭނގުނު ނަމަވެސް މިއީ ކައްކާން އެނގޭ ފިރިހެނުންނާމެދު ވަރަށް ގިނަ އަންހެނުން ދެކޭ ގޮތެވެ.

އަންހެނުން ހަމައެކަނި ގޭތެރޭގައި މަސައްކަތްކޮށް ހަމައެކަނި ފިރިހެނުން ވަޒީފާއަށް ގޮސް އުޅުނު ޒަމާން ފަސްދީފިއެވެ. ގިނަ ފިރިހެނުންނަކީ މިހާރުވެސް ހަމައެކަނި ވަޒީފާ އަދާކުރާ މީހުންނެވެ. އެހެންނަމަވެސް، އަންހެނުންނަކީ ވަޒީފާއަށް ދިއުމުގެ އިތުރުން ގޭތެރޭގެ މަސައްކަތްތައްވެސް ކުރާ މީހުންނެވެ. އެހެންކަމުން މިފަދަ ގޮތަކަށް ދިރިއުޅޭއިރު ދުވަހުގެ މެންދުރުކެއުން ތައްޔާރުކޮށްލުން ފަދަ ކުޑަކަމެއްވެސް ފިރިމީހާ ކޮށްދިނުމުން ކެއާކުރާ މިންވަރު ހާމަވެގެން ދެއެވެ. އަންހެނުންގެ މި ބުރަތަކަށް ލުޔެއް ހޯދައިދެވޭ ފިރިހެނަކު ކަމުނުދާންވީ އެއްވެސް ސަބަބެއް އޮންނާނެހެއްޔެވެ؟ އެފަދަ ފިރިހެނަކު ކަމުނުދާނީ ކޮން އަންހެނަކަށް ހެއްޔެވެ؟

ބަދިގޭގައި އުޅޭއިރު ފިރިމީހާގެ އެހީތެރިކަން ލިބުމަކީ ދެމީހުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހި ކޮށްދީ ދިރިއުޅުމުގެ އާ ހަރުފަތްތަކަށް ބޭނުންވާ މަޝްވަރާއަށްވެސް ފުރުސަތު ހުޅުވޭ ކަމެކެވެ. އެހެން އުޅޭ ވަގުތުތަކުގައި ދެކެވޭ ވާހަކަތަކާއި އެކުގައި ހޭދަކުރެވޭ ވަގުތުތަކަކީހަނދާނުން ފިލައި ނުދާނޭ ވަގުތު ތަކެކެވެ. ބަދިގޭގައި ފިރިމީހާ ވަގުތުތައް ހޭދަ ކުރާއިރު، އެއްޗެއް ކޮށާލާއިރު، އެއްޗެއް ކައްކާއިރު، އަންހެނުން އެ މަންޒަރު ވަރަށް ގާތުން ބަލައި އޮބްޒާވް ކުރެއެވެ. އެފަދަ ފިރިހެނުންނަކީ މިޒާޖުގައި ހަރުދަނާކަން ހުންނަ، ހަޔާތުގެ ކަންކަން ހިއްސާކުރުމަށް ލޯބިކުރާ ފިރިހެނުންކަމަށް ގިނަ އަންހެނުން ދެކެއެވެ. އެފަދަ ފިރިހެނުންނަކީ ހިތްހެޔޮ "ސިމްޕަލް" ފިރިހެނުންގެ ގޮތުގައި އަންހެނުން ބަލައިގަނެއެވެ.

މިހާރު މާބޮޑަށްވެސް ވާހަކަ ގިނަ ވެއްޖެ އެވެ. ކޮންމެ ފިރިހެނަކީވެސް ކައްކާން ދަންނަ އަދި ކައްކާ ފިރިހެނަކަށް ވާންވީ އެވެ. އެކަމުގައި އޮތީ ފައިދާއެވެ. ލިބޭން އޮތީ ބައިވެރިޔާގެ ޝައުގުވެރިކަމާއި ލޯތްބާއި އިހުތިރާމެވެ.