(10 މާޗުގެ އަދަދާ ގުޅޭ)
ސްޕޭންގެ އިސްލާމީ ދައުރާބެހޭ ދެވާހަކައެއްގެ ތަރުޖަމާ "ވަން އޮންލައިން" ގައި އަޅުގަނޑު ޝާއިޢުކުރަމުން ގެންދިޔަ ދުވަސްވަރު އަޅުގަނޑުގެ ލިޔުންތަކަށް ތަރުޙީބުދެއްވާ ބޭފުޅަކުވަނީ އިސްތަންބޫލު ފަތަޙަ ލިޔެދޭން އެދިވަޑައިގެންފައެވެ. އެވަގުތު އަޅުގަނޑު ވަކި ޖަވާބެއް ނާރުވަމެވެ. އަޅުގަނޑަކަށް އެބޭފުޅަކުގެ ނަންފުޅެއްވެސް ނޭނގެއެވެ. އެބޭފުޅެއްގެ އަރިހުން މިހާރު ހިތްޕުޅު ހަމަޖެހިވަޑައިގެންފިތޯ ސީދާ ސުވާލުކުރެވޭކަށެއް ނެތެވެ. އެހެންކަމާއެކު ދަންނަވަމެވެ. އަޅުގަނޑުގެ މި ލިޔުމުގެ އެއްބަޔަކީ ތަރުޖަމާ ކަމުގައިވިޔަސް އަޅުގަނޑުވަނީ މި މައިގަނޑު ނަމާ ގުޅުންހުރި ހަތަރު ފޮތެއް ކިޔައިގެން އެ ހަތަރު ފޮތުގެ އެސެންސު މި ލިޔުމުގައި ހިމަނައިފައެވެ. އެހެންކަމުން ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާނެކަމުގައި ޔަޤީންކުރަމެވެ.
سـلطـــان الــفــاتــــح ގެ ވާހަކަ އަނުމެދަށް ދޫކޮށްލައިފައި ގަލަމުގެ ދޯރިޖަހައިގެން ތިޔަދަނީ ކީއްވެގެންތޯ ތިޔައިގެ ތެރެއިން ބޭފުޅަކު އަޅުގަނޑާ ސުވާލުކުރައްވައިފިނަމަ ޖަވާބުގައި ދަންނަވަމެވެ. އިންތިޒާރު ކުރައްވާށެވެ. އަޅުގަނޑު ގަސްދުކޮށްފައިވަނީ سـلطـــان محمّـــد الــفــاتــــح ގެ ޙަޔާތްޕުޅުގެ މައްޗަށް ކުޑަ ފޮތެއް އެކުލަވައިލުމަށެވެ. އެމަނިކުފާނުގެ އެހެނިހެން ފުތޫޙާތުތަކާއި އެމަނިކުފާނުގެ ޝަޚްޞިއްޔަތާއި މަސީޙީން ޒަހަރު ފަރީއްކުޅުއްވަން އަރުވައިގެން އެމަނިކުފާނު އަވަހާރަކޮށްލިގޮތުގެ ވާހަކަވެސް ހިމެނޭގޮތުންނެވެ. އެކަމަށް ތައުފީޤު ލިބުންއެދި އަޅުގަނޑު ދުޢާކުރަމެވެ. ތިޔަބޭފުޅުންވެސް އާމީން ވިދާޅުވެދެއްވުން އެދެމެވެ.
ވާހަކަ މާބޮޑަށް ދިގުވުމުގެ ސަބަބުން ބައެއް ބޭފުޅުންގެ ހަނދުމަފުޅު ހުރިކަމެއްވެސް ނޭނގެއެވެ. އަޅުގަނޑުގެ ދެމަފިރީންނާއި ދަރިފުޅާ ބުރުސާއިން އިސްތަންބޫލަށް އައީ 24 މެއި 2022 ގެ އިރުއޮއްސުނުފަހުންނެވެ. ހޮޓަލުގައި ހަމަޖެހިލެވުނީ ރޭގަނޑު އަށެއްޖަހާ އެހާކަންހައިއިރުއެވެ. 25، 26 މެއި 2022 ދެދުވަހަށް އަޅުގަނޑުމެން ހަމަޖައްސައިފައިއޮތީ އިސްތަންބޫލުގެ އާސާރީ ތަންތަން ބެލުނުވަރަކަށް ބަލައިލުމެވެ. އިސްތަންބޫލަކީ އިސްލާމީ ތާރީޚުގެ ދާރުލްއާސާރެކެވެ. މިއުޒިޔަމެކެވެ. އެންމެ އާދައިގެ ގޮތަކަށް އެރަށް ބަލައިލާންވެސް އަޅުގަނޑަށް ދިހަވަރަކަށް ދުވަސް ބޭނުމެވެ.
ކުރީންވެސް ދެންނެވިފަދައިން އަޅުގަނޑުމެން ތިބީ އިސްތަންބޫލުގެ سـلطـــان أحمــد ޕެލަސް ހޮޓަލުގައެވެ. އެ ހޮޓަލަކީ سـلطـــان أحمــد މިސްކިތުގެ ބިއްދޮށުންއޮތްމަގާ އިންވެގެންހުރި ހޮޓަލެކެވެ. އަޅުގަނޑުމެން ހަމަޖައްސައިފައިވާ ޓޫރިސްޓް ގައިޑް އޫޣޫރު ކޮޝަމް އަޅުގަނޑުމެން ބަލައި އަންނާން ހަމަޖެހިފައިއޮތީ 25 ވަނަ ދުވަހުގެ ހެނދުނު ނުވައެއް ޖަހާއިރަށެވެ.
ހެނދުނުހެނދުނާ ތެދުވެ ތައްޔާރުވެލައިގެން އަޅުގަނޑާއި އަޅުގަނޑުގެ އަންހެނުންނާއި ދަރިފުޅާ ތިންމީހުން ހެނދުނުގެ ސަޔަށް ދިޔައީ އެހޮޓަލުގެ ރެސްޓޯރަންޓަށެވެ. ސައިބޯން ތިބިއިރު އަޅުގަނޑުމެންގެ ކަނާތްފަރާތުން މޫދާއި ޔޫރަޕުގެ ބައެއް ޤައުމުތަކުގެ މޭގަ ފެންނާން އޮތެވެ. ވަރަށްވެސް ހިތްގައިމު މަންޒަރެކެވެ. ސައިބޮއި ނިމިގެން އަޅުގަނޑުމެން ހޮޓަލުގެ ލޮބީއަށް ދިޔައިރު އަޅުގަނޑުމެންގެ ގައިޑް އަޅުގަނޑުމެން ބަލައި އައިސް ހޮޓަލުގެ ލޮބީގައި އިނެވެ. އޭނާ އައީ އަޅުގަނޑުމެން އޭނާ ދެނެގަތުމަށްޓަކައި ބޭނުންވާނެ ލިޔެކިޔުންވެސް ހިފައިގެންނެވެ.
އަޅުގަނޑު ކުރީންވެސް ދަންނަވައިފައިވާ ފަދައިން އަޅުގަނޑުމެން އިސްތަންބޫލުގައި ތިބޭ ހޮޓާހުރީ جــامــــع سـلطـــان أحمــد ގެ ބިއްދޮށުން މިސްކިތާ އިންވެގެންއޮތް މަގުގައެވެ. މިސްކިތުގެ ދިމާކުރިމަތީގައެވެ. އެއީ އިސްތަންބޫލުގެ ތާރީޚީ ހިތެވެ. سـلطـــان أحمــد جــامــــع އެހެރީ އަމްބަރާޠޫރު ފްލޭވިއޯސް އިރަކްލިޔޯސް (އިސްލާމީ ތާރީޚުގައި މަޝްހޫރު ޤައިޞަރު ހިރަގުލް) ގެ ގަނޑުވަރު ހުރިތާނގައެވެ. سـلطـــان أحمــد ޕެލަސްހޮޓާވެސް އެހެރީ އެ ގަނޑުވަރުގެ ގޯތީގެ ތެރޭގައެވެ. އެހެންކަމުން އިސްތަންބޫލުގެ އާސާރުތައް ބަލާން ބޭނުންވާ ބަޔަކު އިސްކަންދޭނެ ވަރަށްގިނަ ތަންތަންހުރީ ހިނގައިލައިފައިދެވޭ ހިސާބުގައެވެ.
ހޮޓަލުން ނުކުމެގެން ކަނާތްފަރާތަށް ފަސްވަރަކަށް މިނިޓު ހިނގައިލުމަށްފަހު އަޅުގަނޑުމެން އަނބުރައިލީ ވާތްފަރާތުން އޮތްމަގަށެވެ. އެމަގުން ފަސްވަރަކަށް މިނިޓު ހިނގައިލެވޭއިރު ވަދެވުނީ سـلطـــان أحمــد މައިދާނަށެވެ. ކުރީގެ ނަމުން ދަންނަވާނަމަ ހިޕޯޑްރޯމް (Hippodrome) އަށެވެ. އަޅުގަނޑުމެންގެ ކަނާތްފަރާތުގައިހުރީ މަޝްހޫރު އަޔާސޯފިޔާއެވެ. ވާތްފަރާތުގައި جــامــــع سـلطـــان أحمــد އެވެ. އާދެ، ޓޫރިސްޓުންގެ ބަހުރުވައިން ދަންނަވާނަމަ އިސްތަންބޫލުގެ ބުލޫ މޮސްކެވެ.
އެއީ އިސްތަންބޫލުގެ އެންމެ މަޝްހޫރު جــامــــع مسجــد އެވެ. އެއްދުވަސްވަރެއްގައި އެއީ ކްރިސްޓިޔަނުންގެ އިރުމަތީ ދުނިޔޭގެ އެންމެ މަޝްހޫރު އަދި އެންމެ އިސްފައްޅި (Metropolitan Church) އެވެ. ބައެއް ޢިލްމުވެރީން ވިދާޅުވާގޮތުގައި އަޔާސޯފިޔާގެ މާނަޔަކީ "ޙިކުމަތެ މުޤައްދަސާ މަސީޙު" ނުވަތަ "ކަލާނގެ ޙިކުމަތްފުޅު" އެވެ. (ދާއިރަތުލް މަޢާރިފު އިސްލާމީ، ޕަންޖާބު ޔުނިވަރސިޓީ) އެއީ ދުނިޔޭގައިހުރި އެންމެ ތާރީޚީ، އެންމެ އާސާރީ، އެންމެ ރީތި، އެންމެ މުހިންމު އެއް ޢިމާރާތެވެ.
ޢާންމުކޮށް މަޝްހޫރުވެފައިވާގޮތުގައި އަޔާސޯފިޔާ ބިނާކުރެއްވީ ކޮންސްޓަންޓީން ދަ ގްރޭޓެވެ. ނަމަވެސް ފަހުގެ ހޯދުންތަކުން ސާބިތުވާގޮތުގައި އަޔާސޯފިޔާ ބިނާކުރެއްވީ އޭނާއެއް ނޫނެވެ. އޭނާގެ ވަޞިއްޔަތާ އެއްގޮތަށް އަޔާސޯފިޔާ ބިނާކުރެއްވީ އޭނާގެ ދަރިކަލުން ކޮންސްޓެންޓިއުސްއެވެ. އަޔާސޯފިޔާ އެހެރަތާނގައި އޭގެކުރީންހުރީ ވަސަނިއްޔަތުގެ ބުދުފައްޅިއެކެވެ. އެފައްޅީގެ ބިންގަލުގެ ބައެއް ހިލަތައް މިހާރުވެސް ފެންނާން އެބަހުއްޓެވެ. އަޔާސޯފިޔާ ބިނާކޮށްނިމި ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވީ 15 ފެބްރުއަރީ 360މ. ގައެވެ.
"ކަނީސަތުލް ޢުޡުމާ" (އަޔާސޯފިޔާ) އަކީ އެތަކެއްފަހަރު އެތަކެއް ހާދިސާތަކާ ކުރިމަތިވެފައިވާ ޢިމާރާތެކެވެ. ވަރަށްގިނަފަހަރު ވާނީ އަލިފާން ރޯވެފައެވެ. ޒަލްޒަލާތަކުގެ ސަބަބުން އެތަކެއްފަހަރު ހަލާކުވެފައެވެ. 20 ޖޫން 404މ. ގައި އަމްބަރާޠޫރު އާރކޭޑިއޯސްގެ އަމުރުފުޅަށް ޔޫޙަންނާ ކްރިސްޓަޑް (ޕެޓްރިއާކު ޖޯން ކްރިސޮސްޓޯމް) ޝަހަރުން ބޭރުކުރެވި އަރުވައިލެވުމާ ގުޅިގެން ހިނގި ދެކޮޅުވެރިކަމުގެ ޙަރަކާތުގައި އަޔާސޯފިޔާ އަންދައިލެވުނެވެ. އަޔާސޯފިޔާ މަރާމާތުކުރުމަށްފަހު އަލުން ހުޅުވުނީ 8 އޮކްޓޯބަރ 415މ. ގައެވެ.
އޭގެފަހުން ވޭތުވި ގާތްގަނޑަކަށް ސަތޭކަވަރަކަށް އަހަރަކީ އަޔާސޯފިޔާއަށް އަމާންކަމުގެ ދުވަސްތަކެވެ. ނަމަވެސް ބަޣާވަތެއްގެ ތެރޭގައި އާތު މައިދާން ނުވަތަ (hippodrome) ގައި މިހާރުގެ (سـلطـــان أحمــد މައިދާނުގައި) ދެކޮޅުވެރި ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި ހަނގުރާމައިގައި އަޔާސޯފިޔާވެސް އަންދައިލެވުނެވެ. އެފަހަރު އިސްތަންބޫލުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބަޔާއި ޝާހީ ދަފްތަރު އަސްނާދު ވަ އައުރާޤު (archives) ވެސްވަނީ އަނދައިގެންގޮސްފައެވެ. މިހާދިސާ ހިނގީ މީލާދީން 532 ވަނަ އަހަރުގެ ޖަނަވަރީމަހުން ތޭރަ، ސާދަ މިދެދުވަހުގައެވެ. އެއީ މަޝްހޫރު ނީކާ ބަޣާވަތެވެ.
ޝަހެންޝާހު ޖުސްޓީނިޔަން (Justinian) ނީކާ ބަޣާވަތް ހަމަޖެއްސެވުމަށްފަހު އެންމެފުރަތަމަވެސް ނެރުއްވީ އަޔާސޯފިޔާ އަލުން ޢިމާރާތްކުރެއްވުމުގެ އިޢުލާނެވެ. ޝަހެންޝާހު އިޢުލާން ނެރުއްވީ އޭގެކުރީން އެއްވެސްބަޔަކު ދެކެފައިނުވާފަދަ ރީތި އަދި ބޮޑު ޢިމާރާތެއްގެ ގޮތުގައި އަޔާސޯފިޔާ ޢިމާރާތްކުރެއްވުމަށެވެ. އޭނާގެ ތަނަވަސް ރަސްކަމުގެ ސަރަޙައްދުގައި ވީރާނާވާން ދޫކޮށްލެވިފައިހުރި ބުދުދީނުގެ ފައްޅިތަކުގެ މަސައްކަތްތެރިކަމާއި ފަންނުވެރިކަމުގެ ނަމޫނާކަމުގައި ހިމެނޭ ޢިމާރާތްތަކުގެ އަގުހުރި ހުރިހައި ތަކެތި އޭނާގެ އަރިހަށް ފޮނުވުމަށް އެންގެވިއެވެ. އޭގެތެރޭގައި ޢިމާރާތުގެ ތަނބުތައްފަދަ ބައިތައްވެސް ހިމެނެއެވެ. އެތަކެތީގެ ތެރެއިން ހޮވައިލެވުނު ބައިތައް ބޭނުންކުރެވުނީ އަޔާސޯފިޔާ އަލުން ޢިމާރާތްކުރުމަށެވެ. އަންބަރާތޫރު ޖުސްޓީނިޔަން ބޭނުންފުޅުވީ އެފައްޅި ޢިމާރާތްކުރެއްވުމުގައި އޭނާގެ ވެރިކަންހިނގާ ހުރިހައި ތަނެއްގެ ތަކެތި ބޭނުންކުރައްވާށެވެ. އެގޮތުން ގެނެވުނު ތަކެތީގެ ތެރޭގައި ޝާމްކަރައިގެ ރީނދޫ ހިލައާއި، މިސުރުގެ ސަޚްރުއްސަމާޤީ ހިލައާއި ޔޫނާނުގެ ފެހި ސަންގުމަރުމަރު ހިލައާއި އަނާތޫލިއްޔާގެ ހުދު ސަންގުމަރުމަރު ހިލަ ހިމެނެއެވެ.
ޢިމާރާތްކުރުމުގެ މަސައްކަތް ޙަވާލުކުރެއްވި ދެމޭސްތިރީންނަކީ ޓްރޭލިސްގެ އެންތިމިއުސް (Anthemius of Tralles) އާއި އިސީދޯރުގެ މިލީޓަސް (Miletus of Isidore) އާ ދެބޭފުޅުންނާއެވެ. އެދެބޭފުޅުންނަކީ ދުނިޔޭގެ ތާރީޚުގައިވެސް އެންމެ ނަންހުރި އެންމެ އަރައިތިއްބެވި މިޢުމާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ދެބޭފުޅުންނެވެ. އެދުވަސްވަރު ބައިޒެންޓެއިން ދައުލަތުގައި ތިއްބެވި ހިސާބުޢިލްމާއި އިންޖިނޭރުކަމުގެ އެންމެ ބޮޑެތި މާހިރުންކުރެވެސް ދެބޭފުޅުންނެވެ.
ޝަހެންޝާހު ޖުސްޓީނިޔަން އެދެބޭފުޅުންނަށް އަމުރުކުރެއްވީ އައު ޢިމާރާތަކީ ޒަލްޒަލާގެ އަސަރުތަކާއި އަލިފާންރޯވުމުގެ ހާދިސާތަކުގެ އަސަރު ނުފޯރާފަދަ ޢިމާރާތަކަށް ހެއްދެވުމަށެވެ. އެހެންކަމުން އެބޭފުޅުން ނިންމެވީ ޢިމާރާތުގެ ފަރުމާ ގުއްބުތަކާއި ބުރުޒުތަކުގެ މައްޗަށް ބިނާކުރެއްވުމަށެވެ. ރައްކައުތެރިކަމުގެ އެންމެ ޔަޤީން ފަރުމާއަކީ އެއީކަމުގައިވާތީއެވެ. އެރީތި ވަރުގަދަ ޢިމާރާތް ނިންމައިލެއްވުނީ ބިންގާ އެޅިތާ ފަސްއަހަރުންނެވެ. އިންތިހާދަރަޖައިގެ ޝާންޝައުކަތުހުރި އެ ޢިމާރާތް ހުޅުވުނީ 27 ޑިސެންބަރ 537މ. ގައެވެ. ޝަހެންޝާހު ޖުސްޓީނިޔަން އެދުވަހު ފައްޅިޔަށް ވެދެވަޑައިގެންފައި ފަޚުރުވެރިކަމާއެކު ވިދާޅުވިއެވެ. "އޭ ســليمــان (عـلــيـــه الـسّــــلام - ހައިކަލް ســليمــان ގެ ބާނީ) އެވެ! އަޅުގަނޑު ކަލޭގެފާނުގެ މައްޗަށް ކުރިހޯދައިފީމެވެ!"
ނަމަވެސް ޚުދު އޭނާގެ ރަސްކަމުގައި 5 މޭ 558މ. ގައި އައި ޒަލްޒަލާއެއްގެ ސަބަބުން އަޔާސޯފިޔާގެ ގުއްބުގެ އިރުމަތީބައިވަނީ ވެއްޓިފައެވެ. ނަތީޖާއެއްގެގޮތުން އަޔާސޯފިޔާގެ މެންބަރާއި ހައިކަލާއި (tabernacle) ގުރްބާންގާހު (altar) ކުދިކުދިވެއްޖެއެވެ. އެހެންކަމުން އަނެއްކާވެސް މަރާމާތުކޮށް ބައެއް ބަދަލުތަކާއެކު ހުޅުވަން ތައްޔާރުކުރެވުނީ 24 ޑިސެމްބަރ 562 ގައެވެ.
އިސްތަންބޫލު އޮންނަނީ ހަމައުތުރު އަނާތޫލިއްޔާ ޕޯލްޓްގެ މަތީގައި ކަމަށްވާތީ ވަރަށްގިނައިން ޒަލްޒަލާތައް އާދެއެވެ. ނަތީޖާއެއްގެގޮތުން އަޔާސޯފިޔާއަށްވަނީ އެކިފަހަރުމަތީން ބޮޑެތި ގެއްލުންތައް ލިބިފައެވެ. އެކަންކަން ރަނގަޅުކޮށް މަރާމާތުކުރާންޖެހެއެވެ. އެންމެފުޅާ ދާއިރާއެއްގައި އަޔާސޯފިޔާ މަރާމާތުކުރެއްވީ ޝަހެންޝާހު ބާޒިލް II (Basil II) ގެ ވެރިކަމުގައެވެ.
މީލާދީން 1204 ގައި ޞަލީބީން އިސްތަންބޫލު ސުންނާފަތިކުރިއިރު އަޔާސޯފިޔާގެ ޙުރުމަތް ކަނޑައިލައި އެތަނަށްވެސް ބޮޑެތި ގެއްލުންތަކެއް ދިނެވެ. އިސްވެދިޔަތާނގައިވެސް އަޅުގަނޑު ވާނީ އެވާހަކަތަކަށް އަލިއަޅުވައިފައެވެ. މަސީޙީ ފާތިޙުންނާއި މުޙައްމަދީ ފާތިޙުންގެ ސުލޫކީ ތަފާތު ހާމަކުރުމުގެ ގޮތުންނެވެ. ތަކުރާރެއްކަމުގައިވިޔަސް ކޮންމެވެސް ވަރަކަށް އެވާހަކަޔަށް ޖެހިލާނަމެވެ.
އާދެ، ލެޓިން ޞަލީބީންވަނީ ކުޑަވެސް ހިތެއްފިތެއްނެތި އެފައްޅިޔަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. ނުހަނު ކަޅު ހިލަހިތްތަކަކާއެކު އެފައްޅި ލޫޓުވައިފައެވެ. ފައްޅީގެ މުޤައްދަސް ހެދުންކޮޅުތަކާއި ބަރަކާތްތެރި ފޮތިތަކުން އެބައިމީހުންގެ އަސްތަކުގެ ހިރަފުސް ފޮޅައިފައެވެ. ފައްޅީގެ އެންމެ ކަމޭހިތެވޭ ތަށިތަކާއި އެކިއެކި ކަންވާރުތަކުގައި އެބައިމީހުންގެ އަސްތަކަށް މުގުމިރުހާއި ވިނަކާންދީފައެވެ. އެހެންކަމާއެކުވެސް އެއުރެން އަޔާސޯފިޔާއަކީ އިސްތަންބޫލުގެ އެންމެބޮޑު ފައްޅިކަމުގައި ޤަބޫލުކުރިއެވެ. ރަސްރަސްކަލުންގެ އިސްތަށިފުޅުގައި ތާޖުކޮޅު ތުރުކުރުވުމުގެ ރަސްމިއްޔާތަށް އެފައްޅި ބޭނުންކުރިއެވެ.
ބައިޒެންޓެއިން ދައުރުގައި އަޔާސޯފިޔާގެ އެތެރޭގެ ހައިއާތު (ސިފައާއި ސޫރައާ) ހުރިގޮތާ ބެހޭގޮތުން މުސްލިމު ލިޔުންތެރީންގެ ބަޔާންތައް ފެންނަނީ ވަރަށް މަދުންނެވެ. أحمــد بــــن رُسْــــتَــــه އަކީ އަޔާސޯފިޔާއާ ބެހޭގޮތުން ތަފްސީލު ލިޔުއްވުންތަކެއް ލިޔުއްވި އެންމެފުރަތަމަ މުސްލިމު ލިޔުންތެރިޔާއެވެ. އޭނާގެ ލިޔުއްވުންތަކަކީ އޭނާ އަމިއްލަފުޅަށް ދެކެވަޑައިގެންނެވި ކަންތަކެއް ނޫނެވެ. އޭނާ މީލާދީން 902، 903 ގައި ދުނިޔޭގައި ހުންނެވިއެވެ. ނަމަވެސް އޭނާގެ ލިޔުއްވުމުގެ މަރްޖިޢަކީ هـــارون يحـيـى އެވެ ކިޔުނު މުސްލިމު ޤައިދީއެކެވެ. هـــارون يحـيـى އަށް އަޔާސޯފިޔާގެ ސަރަޙައްދަށް ވެދެވަޑައިގެންނެވުނީ ޝަހެންޝާހެއްގެ މަހާސަމާއެއް ބޭއްވި ދުވަހެއްގައި ބޯގިނަކުރުމަށްޓަކައި މީހުން ވެއްދި ވެއްދުމެއްގައެވެ. ރާއްޖެއަށް ޑިމޮކްރަސީ އައިފަހުން ބާއްވާ ބައެއް ޖަލްސާތަކަށް ބޯގިނަކުރަން ބަންގާޅީން ވައްދާ ވާހަކަ ބުނާތީ އަހަމެވެ. އެހެންކަމުގައިވާނަމަ އެކަމަކީވެސް ދިގު ތާރީޚެއް އޮތްކަމެއް ދޮގެއްތޯއެވެ؟ ކޮންމެއަކަސް هـــارون يحـيـى ވެސް އެދުވަހު އަޔާސޯފިޔާގެ ގޯތިތެރޭގައި ހުންނަވައިގެން "اطــــال اللّـــه بــقـــاء المـلـك سـنــيـن كــثــــيــرة" އެވެ އަޑުފުޅުގެކޮޅަށް ގޮވައިލައްވައި ނަޢުރާކުރެއްވިއެވެ.
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު